19 ޖުލައި 2024 - 11:21

ބަންގްލާދޭޝްގައި ދަރިވަރުންކުރަމުން ގެންދާ މުޒާހަރާތައް ހޫނުވެ އިއްޔެ ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހައި ބޮޑެތި ހަމަނުޖެހުންތައް ހިނގުމާ އެކު ސަރުކާރުން އިންޓަނެޓް ކަނޑާލައި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅައިފި އެވެ.

އަންހެނުންނާއި ފުދުންތެރިކަން ކުޑަ މީހުންނާއި ގައުމުގެ މިނިވަންކަމަށް ހަނގުރާމަކުރި މީހުންގެ ދަރިންނަށް އިސްކަން ދިނުން ފަދަ ކަންކަން ހިމެނޭ، ސިވިލް ސާވިސް އަށް މުވައްޒަފުން ނެގުމުގެ އުސޫލާ ދެކޮޅަށް ފެށި މުޒާހަރާތަކުގައި މިހާތަނަށް 39 މީހަކު މަރުވިކަން ވަނީ ކަށަވަރުވެފަ އެވެ. އިއްޔެ އެކަނި ވެސް 32 މީހަކު މަރުވި އެވެ.

ބަންގްލާދޭޝްގެ 64 ޑިސްޓްރިކްޓްގެ ތެރެއިން ގިނަ ތަންތަނުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާފައި ވާއިރު، މަރުވި މީހުންގެ އަދަދު އަދި މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.
ހަމަނުޖެހުންތައް ބޮޑުވުމާ އެކު އިންޓަނެޓް ކަނޑާލުމަށް ފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވަރަށް ބޮޑެތި ނުރައްކާތެރި ހަމަނުޖެހުންތައް ހިންގާފައިވާ ކަމަށާއި ފުލުހުންނާއި ސަރުކާރުގެ އެތައް އިމާރާތެއްގައި ހުޅުޖަހާފައިވާ ކަމަށެވެ.
ހުޅުޖެހި ތަންތަނުގެ ތެރޭގައި ދައުލަތުގެ ބްރޯޑްކާސްޓަ ބަންގްލާދޭޝް ޓެލެވިޒަން ހިމެނެ އެވެ. އެތަނުގެ ތެރެއިން އިއްޔެ ދަރިވަރުން ވަދެގަތުމާ އެކު ހިދުމަތް ކަނޑާލި ގޮތަށް އަދިވެސް ހިދުމަތް ނުފަށަ އެވެ.
"ފުލުހުންގެ 100 އަށް ވުރެ ގިނަ މީހުން ހަމަނުޖެހުންތަކުގައި އިއްޔެ ޒަހަމްވި،" ބަންގްލާދޭޝް ފުލުހުންގެ ތަރުޖަމާނެއް ކަމަށްވާ ފާރޫގު ހަސަން ވިދާޅުވި އެވެ. "ފުލުހުންގެ ފަންސާހަކަށް ބޫތުގައި ވަނީ ހުޅުޖަހާފައި."
ހޮސްޕިޓަލްތަކުން އޭއެފްޕީ އަށް ދިން މައުލޫމާތަށް ބަލާއިރު މަރުވި މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ފުލުހުން ބަޑި ޖެހުމުގެ ސަބަބުން މަރުވި މީހުންނެވެ.
ބަންގްލާދޭޝްގެ "އިންޑިޕެންޑެންޓް ޓެލެވިޒަން" އިން ބުނި ގޮތުގައި 26 ޑިސްޓްރިކްޓެއްގައި ހަމަނުޖެހުންތައް ހިންގާފައި ވާއިރު 700 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. މީގެ ތެރޭގައި ފުލުހުންގެ 104 މީހަކާއި 30 ނޫސްވެރިޔަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.
ދަރިވަރުން ކުރަމުން ދިޔަ މުޒާހަރާތައް މި ހަފްތާ ތެރޭ ހޫނުވީ ސަރުކާރަށް ތާއީދުކުރާ ދަރިވަރުން މުޒާހަރާތަކާ ދެކޮޅަށް ނުކުތުމާ އެކު ހަމަނުޖެހުން ހިނގައި ބަޔަކު މަރުވުމުންނެވެ. -- އޭއެފްޕީ