19 ޖުލައި 2024 - 10:50

ބަންގްލާދޭޝް އަށް ދާ އަދި އެ ގައުމުގެ އުޅޭ ދިވެހިން ވެސް އެ ގައުމުގައި ދަރިވަރުން ކުރަމުންގެންދާ މުޒާހަރާ އާއި ހަމަނުޖެހުންތަކަށް ސަމާލުވެ ރައްކާތެރިވެގެން އުޅެން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ކުރި މުޒާހަރާތައް ހޫނުވެ އިއްޔެ އިމާރާތްތަކުގައި ހުޅުޖަހައި އަދި ސާޅީހަކަށް މީހުން މަރުވެފައި ވާއިރު ސަރުކާރުން ވަނީ އިންޓަނެޓް ކަނޑާލައި ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. ސަރުކާރުން ވަނީ ހުރިހާ ހައި ސްކޫލްތަކާއި އިސްލާމީ ތައުލީމު ދޭ މަރުކަޒުތަކާއި ވޮކޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވެސް ވަކި ގޮތަކަށް އަންގަންދެން ބަންދުކުރަން އަންގައިފަ އެވެ.
ފޮރިން މިނިސްޓްރީން ވަނީ ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ކަންތަށް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ބަންގްލާދޭޝްގައި ތިބި ނަމަ މި ވަގުތު ބޭރަށް ނުކުމެ ނޫޅުމަށާއި ރާއްޖޭގެ ހައި ކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދި އެވެ.
އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.
މުޒާހަރާތަކާ ގުޅިގެން ހިނގަމުންދާ ކަންކަމާ ހެދި އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެމެރިކާ އާއި އެހެން ބައެއް އިދާރާތަކާއި ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.