19 ޖުލައި 2024 - 05:43

ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުންގެން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިންކޮށް ބިޒްނަސް އެކައުންޓު ހުޅުވޭ ހިދުމަތް ވެސް ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ތައާރަފް ކުރީ "ބްރޭކިން ބެރިއާސް އިން ބިޒްނަސް ބޭންކިން"ގެ ނަމުގައި ރޭ "މީރުމާ" ގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
ވިޔަފާރިތަކަށް ހާއްސަކޮށް، ބިޒްނަސް އެކައުންޓު ހުޅުވުން ޑިޖިޓަލް ކުރުމުގެ އިތުރުން އޯވާޑްރާފްޓް ފެސިލިޓީގެ ހިދުމަތް ވެސް އެ ބޭންކުން ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ޝަރިއާ ކޮމްޕްލަޔަންޓް ސްޓްރަކްޗާގެ ދަށުން ހަމަޖެއްސި ފެސިލިޓީއެކެވެ.
ރާއްޖޭގެ އެކި ވިޔަފާރިތަކުން ބައިވެރިވި މި ހަފްލާގައި މި ހިދުމަތްތައް ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
ވިޔަފާރިތަކުން ފައިސާގެ މުއާމަލާތްތައްކޮށް، ފައިނޭންސް މެނޭޖުކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އިތުރު ހިދުމަތްތަކެއް ވެސް ތައާރަފްކުރި އެވެ. އޭގެ ތެރޭގައި؛
● ވިޔަފާރިތަކުގެ ޕެޓީކޭޝް މެނޭޖުކުރުމަށް ހާއްސަކޮށް ނެރުނު ބިޒްނަސް އެކްސްޕެންސް ކާޑު ވިޔަފާރިތަކުން ބޭނުންވާ ގޮތަކަށް ކޮންފިގަކޮށްދިނުން
● "ފަވަރަ" މެދުވެރިކޮށް ވިޔަފާރިތަކަށް ބަލްކު ޓްރާންސްފާގެ ހިދުމަތް ދޭން ފެށުން
● މުސާރަ ޖަމާކުރުން ފަސޭހަކޮށްދިނުމަށް މުސާރަ ކޯޑު މެދުވެރިކޮށް، މުސާރަތައް ކޮންމެ ބޭންކަކަށް ޖަމާކުރެވޭނެ ހިދުމަތް ފެށުން
● ޓްރާންސެކްޝަންތައް ޝެޑިއުލްކުރުމުގެ ހިދުމަތް
އެމްއައިބީން ބިޒްނަސް ބޭންކިންގެ ހިދުމަތް އެއްކޮށް ޑިޖިޓަލް ކޮށްފައިވާއިރު، މިއީ އެ ބެންކުގެ އެހެން ހިދުމަތްތަކެކޭ އެއްގޮތަށް ރައްކާތެރިކަމާ އެކު ބޭނުން ހޯދޭނެ ހިދުމަތެއްކަން އެ ބެންކުން ފާހަގަކުރެ އެވެ. އެމްއައިބީއިން ބުނީ އެ ބެންކުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނަށް ބެންކިންގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، އޮންލައިން ހިދުމަތްތަކާއި އެކު ހުރިހާ އެންމެންނަށް އެކްސެސިބަލް ބެންކަކަށް ހެދުން ކަމަށެވެ.
އެމްއައިބީއިން ބޭއްވި މި ހަފްލާގައި އެ ބެންކަށް ލިބެމުން އަންނަ ކުރިއެރުމާއި ކާމިޔާބީތައް ވެސް ފާހަގަކުރި އެވެ.
ވިޔަފާރިތަކަށް އެމްއައިބީން ގިނަ ހިދުމަތްތަކެއް ރޭ ތައާރަފް ކުރި އިރު، އެ ބެންކުން އިއްޔެ ވަނީ ވިޔަފާރިތަކަށް ހާއްސަކޮށް އޯޕަން ޑޭއެއް ވެސް ބާއްވައިފަ އެވެ. އެމްއައިބީން ވިޔަފާރިތަކަށް ދޭ ހިދުމަތްތަކާއި އެ ބެންކުން ވިޔަފާރިތަކަށް ދޫ ކުރާ ފެސިލިޓީތަކުގެ މައުލޫމާތުތައް ހިއްސާކުރި މި ހަރަކާތުގެ ބައިވެރިންގެ އަދަދު 300 އަށް ވުރެ ގިނަ ގިނަ އެވެ.