26 ފެބުރުއަރީ 2017 - 00:14

ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސް އިން އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން މިރޭ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.

ހަތަރު އަހަރަށް ފަހު ވިކްޓަރީގެ ކޯޗުގެ ގޮތުގައި އަލީ ސުޒޭން ކުރިމަތިލީ ފުރަތަމަ މެޗުން ނާކާމިޔާބުވެގެން ދިޔައިރު ގްރީން ސްޓްރީޓްސްގެ ކޯޗަކީ މީގެ 14 އަހަރުކުރިން ވިކްޓަރީގެ ބެންޗުން ސުޒޭން ކޯޗިން ކެރިއަރު ފެށި އިރު އެ ޓީމުގެ ޑިފެންސް ބެލެހެއްޓި ސޮބާހު މުހައްމަދު އިބްރާހީމެވެ.

ފުރަތަމަ ޑިވިޝަލުގައި ކުޅުނު އަލަތު މެޗުން ގްރީން ސްޓްރީޓްސް މޮޅެއް ހޯދިއިރު މިދިޔަ ދެ އަހަރު ވެސް ދެ ވަނަ ޑިވިޝަނުން އައި ޓީމު ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު ވިކްޓަރީ އަތުން ޔުނައިޓެޑް ވިކްޓަރީ މޮޅުވިއިރު ޓީސީ ސްޕޯޓްސް ކްލަބް ވަނީ 2015 ވަނަ އަހަރު ވެލެންސިއާ އަތުން މޮޅެވެފަ އެވެ. އޭގެ ކުރިއަށް ޖެހިލާއިރު 2009 ވަނަ އަހަރު އޭވައިއެލް ވަނީ ފުރަތަމަ މެޗުގައި ވީބީ އައްޑޫ އެފްސީ ބަލިކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ސަޕޯޓަރުންގެ ގްރޫޕަކުން ޖަހަމުން ދިޔަ ބެރާއި ފުމެމުން ދިޔަ ދުންމާރީގެ އަޑާ އެކު ކުރިއަށް ދިޔަ މިރޭގެ މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މާޒިޔާ އާއި ކްލަބް އީގަލްސްގެ ކުރީގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މޮޅު ކުޅުމެއް ދެއްކި ޔޫކްރޭނުގެ ސޮބޮލް އިލިއާ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާ ތެރެއިން ހޯދައި އައްމަޑޭ ވަނީ ގޯލުގެ ކަނަށް ވައްދާލައިފަ އެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އަހުމަދު ނިޒާމް އޭރިއާ ތެރެއަށް ހިތްގައިމު ހުރަހެއް ނަގައިދިނެވެ. އެކަމަކު އެ ބޯޅައަށް ފުންމައިގެން އެރި އައްމަޑޭގެ ބޮލުގައި ބޯޅަ ލައްވައެއްނުލި އެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ފުރަތަމަ ހާފުގެ ފަހުކޮޅު ވިކްޓަރީން ރަނގަޅު ދެ ހަމަލާ އުފެއްދި އެވެ. ފުރަތަމަ ހަމަލާގައި 39 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ކެޕްޓަން އިސްމާއިލް އީސާ އަށް ލިބުނު ބޯޅަ އޭނާ ގޯލަށް ޝޫޓްކުރުމުން ގްރީން ސްޓްރީީޓްސްގެ ޖަޕާން ގޯލްކީޕަރު ޖުން ކޮޗީ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މުހައްމަދު ރިސްވާން ފޮނުވާލި ބާރު ބޯޅަ ގޯލާ ސީދާ ނުވެ ދިޔައީ އިންޗެއްހާ ބޭރުންނެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅެނިކޮށް ދެއްކި ކާޑަކާ ގުޅިގެން ވިކްޓަރީގެ ބިދޭސީ ފޯވާޑް ކެރިކް އަންދްރޭ މިރޭގެ މެޗަށް ސަސްޕެންޑްވެފައިވާއިރު ޓޮޕް ސްޓްރައިކަރެއް ނެތުމުގެ މައްސަލަ ވިކްޓަރީން ފާހަގަވި އެވެ.
ދެ ވަނަ ހާފުގައި ވިކްޓަރީން ކުރިއަށް ޖެހުނުއިރު ގްރީން ސްޓްރީޓްސް އިން ބޮޑަށް އަމާޒު ހިފާފައިހުރީ ލީޑު ދިފާއުކުރުމަށެވެ. ވިކްޓަރީން ކޮންޓްރޯލް ނެގި ވަރާ ބަލާއިރު މާގިނަ ހުސް ފުުރުސަތުތަކެއް ނުހޯދެވެ. އޭގެ ބަދަލުގައި ފުރަތަމަ ވެސް ފެނިގެން ދިޔައީ ގްރީން ސްޓްރީޓްސްގެ ކައުންޓާ އެޓޭކެކެވެ. އެކަމަކު 57 ވަނަ މިނެޓުގައި އައްމަޑޭ ބާރު ސްޕީޑުގައި ކުރިއަށް އެރި ނަމަވެސް އޭނާ އެ ބޯޅައިގައި ޖަހަޖަހާ އޮއްވާ ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް އެ ބޯޅަ ސަލާމަތްކުރި އެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ކީޕަރު ބްލޮލްކުރިއިރު ދެ ވަނަ ފަހަރަށް އެ ބޯޅަ މިސްރު ފޯވާޑް މުހައްމަދު ސެޑިކް އަށް ވެސް ރަނގަޅަށް ފޮނުވާނުލެވުނެވެ. މެޗުގެ 90 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ސަޑޭ ފޮނުވާލި ބާރު ބޯޅަ ވެސް ކީޕަރު ސަލާމަތްކުރި އެވެ.
މުހައްމަދު ޝާޒްލީ މަގާމުން ވަކިކުރުމުން މީގެ ދެ ހަފުތާއެއް ދުވަސް ކުރިން ވިކްޓަރީއާ ހަވާލުވި ސުޒޭން ބުނީ ލީގު ރޭވިފައިވާ ގޮތުން ފުރުސަތު އޮތީ ގަދަ ހަތަރު ޓީމަށް ކަމަށްވާތީ މިރޭ ބަލިވުމުން މިދިޔައީ ވަރަށް އުނދަގޫ ހާލަތަކަށް ކަމަށެވެ. އެކަމަކު މިއީ އަދި ވިކްޓަރީ އަށް ނިމުން ނޫން ކަމަށް އޭނާ ބުންޏެވެ.
"އަދި އެބައޮތް 13 މެޗު ވަރަށް ވިސްނަން ޖެހުނީ މި. ހުރި ކަންތައް ރަނގަޅުކޮށްލަން އަނެއްކާ ވެސް ވަގުތު މި ލިބުނީ ޓީމާ އެކު ވޯކްކޮށްލަން. އަދި ރިކަވާކުރެވޭނެ،" ސުޒޭން ބުންޏެވެ. "ޑިފެންސް މޫވްމަންޓް ވީކްކޮށް ފެނުނު އެއީ ކޮމްބިނޭޝަންގެ ސަބަބުން. ވަކި މީހަކު ދަށްވެގެނެއް ނޫން އެހެންވީ. އެއްކޮށް ސެޓްކޮށްލުމުގައި މައްސަލަތަކެއް އެބައުޅޭ. ޓްރެއިނިންގައި އެކަމަށް މަސައްކަތްކުރާނަން،" ސުޒޭން ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާ ބުނީ އެ ޓީމުން މެޗަށް ނުކުތީ އެ ޓީމަކީ އާދައިގެ ޓީމެއްކަން އެނގި ތިބެ ކާމިޔާބު ލިބޭނީ މަސައްކަތްކޮށްގެން ކަމަށް ގަބޫލުކޮށްގެން ކަމަށާއި މިރޭގެ ނަތީޖާ އިން ފެނުނީ އެކަންތައް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން އޮތް ޕޮޒިޝަން، އަޅުގަނޑުމެން ޓީމުގެ ސައިޒް. އަޅުގަނޑު (ބުނީ) ފުރަތަމަ ސިކުންތުން ފަހު ސިކުންތަށް މަސައްކަތްކުރާށޭ. ފުޓްބޯޅައިގައި ކާމިޔާބު ލިބޭނީ ނަމަކުންނެއް ނޫނޭ. ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަށް ތިން ޕޮއިންޓް ލިބުނީ. މަސައްކަތްކޮށްފިއްޔާ ދަނޑުމަތީގައި ކިތަންމެއް ބޮޑު ޓީމެއް ވިޔަސް ބަލިކުރާކަށް އެއީ އުނދަގޫ ކަމެއް ނޫން. އަޅުގަނޑުމެންގެ ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރުއަދާކުރަން،" ސޮބާ ބުންޏެވެ.
އޭނާ ބުނީ ބޭނުންވަނީ ބާސެލޯނާ ނުވަތަ ބަޔާން މިއުނިކް ކުޅޭ ފުޓްބޯޅަ ކުޅެން ނޫން ކަމަށާއި ޓާގެޓަކީ އެއް ޕޮއިންޓް ނަމަވެސް ހިފައިގެން ގެޔަށް ދިއުން ކަމަށާއި މިރޭ ތިން ޕޮއިންޓާ އެކު ގެޔަށް ދާނީ ވަރަށް ހިތްހަމަޖެހިގެން ހުރެ ކަމަށެވެ.