18 ޖުލައި 2024 - 17:05

ރާއްޖެއިން މިޔަރު އުރަހަތަކެއް ވަގަށް ބޭރުކުރަން އުޅުނު ސްރީ ލަންކާގެ މީހަކު 50،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރަން ދިޔައިރު އޭނާގެ ލަގެޖް ތެރެއިން މިޔަރު އުރަހަތަކެއް ފެނުނު ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އޭނާ ކުށަށް އިއުތިރާފްވުމުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަނޑައަޅާފައި އޮތީ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000ރ. އާއި 240،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ވާއިރު، އެ މައްސަލާގައި އެންމެ މަސްލަހަތު ހުރި ގޮތަކީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުން ކަމަށް ހުކުމުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އެ މީހާގެ ދަރިއަކު ސްރީ ލަންކާގައި އެކްސިޑެންޓްވެ، ފަރުވާ ހޯދަމުންދާ ކަމުގެ ލިޔުންތަކެއް ހުށަހަޅާފައިވުމެވެ. އެހެންކަމުން އެ ކުއްޖާގެ ހައްގުގައި ވެސް އެންމެ ރަނގަޅު ގޮތަކީ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުން ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އޭނާ 50،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ދައުލަތަށް އަންގާ ކަމަށެވެ.
މިޔަރު ހިފުމާއި އޭގެ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރުމާއި ރާއްޖެއިން ބޭރަށް ގެންދިއުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ރާއްޖޭގެ މިޔަރުގެ ހަމަލާތަކުގައި މީހުން މަރުވެ އަދި ބައެއް މީހުން ޒަހަމްވުމާއި މަސްވެރިންނަށް އެކި ދަތިތައް ކުރިމަތިވާތީ މިޔަރު ހިފުމާއި އޭގެ ވިޔަފާރި ހުއްދަކުރަން ގޮވާލަމުން ދިޔަޔަސް، މިހާތަނަށް ސަރުކާރުން އެކަމުގައި ގޮތެއް ނުނިންމަ އެވެ.