18 ޖުލައި 2024 - 16:05

އޮންލައިންކޮށް ސަރުކާރުގެ އެކި މުއައްސަސާތަކުގެ ހިދުމަތްތައް ދޭ ޕްލެޓްފޯމް "ވަންގަވް" އަށް އަހަރެއް ފުރުން ފާހަގަކޮށްފި އެވެ.

"ވަންގަވް" އަށް އަހަރެއް ފުރުން ފާހަގަކުރުމަށްޓަކައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ އިހުސާނާއި މިނިސްޓްރީގެ މުވައްޒަފުން އަދި ޕާޓްނާ އެޖެންސީތަކުން ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި އިހުސާން ވަނީ ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި "ވަންގަވް" އިން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް އޭނާ ތައުރީފުކުރެއްވި އެވެ.
އިހުސާން ވިދާޅުވީ ހިދުމަތެއް ހޯދަން ރައްޔިތުން ދައްކަން ޖެހޭ ފީއާ އެއްވަރުގެ ކޮލިޓީ ހިދުމަތް ލިބުމަކީ އެންމެން ވެސް އެދޭ ގޮތް ކަމަށެވެ. އެހެންވެ، ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތުގެ ސްޕީޑް އަވަސްކުރަން ޖެހޭ ކަމަށެވެ. "ވަންގަވް" އަކީ އެކަމުގައި މުހިންމު ރޯލެއް ކުޅޭ ޕްލެޓްފޯމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަންގަވް"ގެ ހިދުމަތް ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އިހުސާން ދެއްވި އެވެ. މިކަމަށްޓަކައި ސަރުކާރުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެންސީއައިޓީ ގުޅިގެން މިހާރު ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްލެޓްފޯމުގެ ހިދުމަތް ފުޅާކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި:
- އެޕްލިކޭޝަން ހުށަހެޅުމުގައި މިހާރު ހުރި ދަތިތައް ކުޑަކުރުން.
- ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް މި ޕްލެޓްފޯމް މެދުވެރިކޮށް ދިނުން.
- ޑޮކިއުމެންޓް ހުށަހެޅުމާއި ޕޭމަންޓްގެ ހުރިހާ މުއާމަލާތެއް މި ޕްލެޓްފޯމުގެ ތެރެއިން ކުރުން.
- ހިދުމަތްތަކާ ގުޅޭ ނޮޓިފިކޭޝަން ފޮނުވޭ ނުވަތަ ރިނިއުވަލަސްގެ ނޮޓިފިކޭޝަން ފޮނުވޭ ސިސްޓަމެއް ގާއިމްކުރުން.
- ކަސްޓަމާ ސަޕޯޓް ވަރުގަދަކުރުން.
- "ވަންގަވް" އަކީ މާލީ ގޮތުން މިނިވަން ޕްލެޓްފޯމަކަށް ހެދުން.
"ވަން ގަވް" ޕްލެޓްފޯމަކީ އާއްމުންނަށް ފަސޭހައިން ދައުލަތުގެ ހިދުމަތްތައް ހޯދޭނެ ޑިޖިޓަލް މަގެއް ތަނަވަސްކޮސްދިނުމުގެ ގޮތުން މިދިޔަ އަހަރު ތައާރަފު ކުރި ޕްލެޓްފޯމެކެވެ.