26 ފެބުރުއަރީ 2017 - 06:17

ސްމާޓްފޯން މާކެޓަށް ބްލެކްބެރީ އަލުން ވެއްދުމަށްޓަކައި ޓީސީއެލް ކޮމިއުނިކޭޝަނުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ބްލެކްބެރީ "ކީވަން" އަކީ އެކަމަށް އުފެއްދި ފުރަތަމަ ފޯނެވެ. ކީވަން އުފައްދައި މި ހިސާބަށް ގެނައީ ކޯޑް ނަމެއް ދީގެންނެވެ އެއީ "މާކިއުރީ" އެވެ. ގިނަ މީހުން ހީކޮށްގެން ތިބީ އެ ފޯނަށް ރަސްމީކޮށް ކިޔާނީ ވެސް އެ ނަމް ކަމަށެވެ.
ބްލެކްބެރީ ކީވަން އުފެއްދީ ޓީސީއެލް ކޮމިއުނިކޭޝަނުންނެވެ. އެއީ ޗައިނާ ކުންފުންޏެކެވެ. އަލްކަޓެލް މަރުކާގެ ފޯނުތައް މިހާރު އުފައްދައި މާކެޓްކުރާ ކުންފުންޏަކީ ޓީސީއެލް އެވެ. ބްލެކްބެރީ މަރުކާ މިހާރު އަމިއްލަކޮށްފައި ވަނީ ވެސް ޓީސީއެލް އެވެ.
ސްމާޓްފޯން މާކެޓްގައި ބްލެކްބެރީއަށް މި ވަގުތު އެއްވެސް ހައިސިއްޔަތެއް ނެތެވެ. މިހެން ބުނަން ވެސް ދެރަވެ އެވެ. އަމިއްލަ ޑިޒައިނެއްގައި ބްލެކްބެރީ އަކީ ބުރުސޫރަ ރީތި ފޯނުތަކެއް އުފެއްދި ކުންފުންޏެކެވެ.
ބްލެކްބެރީ ދުނިޔެއިން ނެތި ހިނގައިދާނެ ކަމަށް ހީވި ކިތަންމެ ދަނޑިވަޅެއް ކަޑައްތުކޮށްފި އެވެ. ސްމާޓްފޯން މާކެޓުން ތަނަވަސްކަމެއް ލިބޭތޯ އެކި ދިމަދިމާ އަށް ދަތުރުކޮށް ވަނީ އާދޭސްކޮށްފަ އެވެ. އެންޑްރޮއިޑް މާކެޓަށް ވަދެ ޕްރިވް ނަމަކަށް ކިޔާ ފޯނެއް ވެސް ވަނީ އުފައްދާފަ އެވެ. އެހެން ނަމަވެސް އުންމީދުކުރެވުނު ވަރުގެ ކާމިޔާބެއް އެ ފޯނަށް ވަނީ ނުހޯދިފަ އެވެ.
ބަލާބެލުމަށް ކީވަން ހީވަނީ ގަދީމީ ބްލެކްބެރީ ފޯނެއްހެނެވެ. މުސްކުޅި ކީބޯޑު ވެސް ވަނީ އަލުން ގެނެސްފަ އެވެ. ކީވަންގައި އެ ސިފަ ޖައްސާފައި ހުރި ނަމަވެސް، ހިންގަނީ އެންޑްރޮއިޑުންނެވެ. ފޯނު މާކެޓަށް ނެރޭނެ ކަމަށް ބެލެވެނީ އެންޑްރޮއިޑް 7.1، ނޫގެޓް އަށް ފެންވަރު މަތިކޮށްގެންނެވެ.
ބްލެކްބެރީ ޕްރިވްގައި ހުރި ގިނަ ސިފަތައް ކީވަން އަށް ވަނީ ވާރުތަކޮށްފަ އެވެ. ދެ ފޯނުގައި ވެސް ފިޒިކަލް ކީބޯޑެއް އިން ނަމަވެސް، ޓީސީއެލް ބުނާ ގޮތުގައި ކީވަންގެ ކީބޯޑުން، ކީބޯޑަކަށް ވުރެ ގިނަ ބޭނުން ހިފެ އެވެ. ކީބޯޑުގައި ފިންގާޕްރިންޓް ސެންސަރެއް ވަޅުލާފައި ވެ އެވެ. ބޭނުމަކީ ޓައިޕްކުރަމުން ގޮސް ކޮންމެ ފަހަރަކު ޓަޗްސްކްރީނުގައި އިނގިލި ޖައްސާނުލައި ފަރުޖެއްސުމެވެ. މާނަ އަކީ ސްކްރީންގައި އިނިގި ޖައްސައިގެން ކުރެވޭ ގިނަ މަސައްކަތްތައް، ކީބޯޑުން ކުރެވުމެވެ.
ކީވަންގައި ބާރުގަދަ، 3،505އެމްއޭއެޗް، ބެޓެރީއެއް އިނދެ އެވެ. ކުއަލްކޮމް ކުއިކް ޗާޖް 3.0 ޓެކްނޮލޮޖީ ހިމަނާފައި ވުމުން 30 މިނެޓްގެ ތެރޭގައި ބެޓެރީ 50 ޕަސެންޓަށް ޗާޖުކުރެވެ އެވެ. މި ފޯނާ ބެހޭ ތަފުސީލް މައުލޫމާތު މި އަހަރު އޮންނަ ވޯލްޑް މޮބައިލް ކޮންގްރެސް ގައި ކިޔައިދޭނެ އެވެ. މޯލްޑް މޮބައިލް ކޮންގްރެސް ފަށަން ހަމަޖައްސާފައި ވަނީ މާދަމާ، ސްޕެއިންގެ ބާސެލޯނާގަ އެވެ.