18 ޖުލައި 2024 - 12:21

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ވިޔަފާރިތަކަށް ހާއްސަކޮށްގެން ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމުގެ ގޮތުން ވިޔަފާރިތަކަށް ހާއްސަކޮށް ބާއްވާ އޯޕަން ޑޭ ފަށައިފި އެވެ.

މީރުމާގައި މިހާރު ކުރިއަށް ދާ މި ހަރަކާތް މިއަދު ހަވީރު 5 ޖަހަން ދެން ކުރިއަށް ދާނެ އެވެ. މި ހަރަކާތުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތަށް ހޫނު ތަރުހީބެއް ލިބުނު ކަމަށާއި ޕްރީ-ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ވެސް މި ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
މި ހަރަކާތުގައި އެ ބެންކުން ވިޔަފާރިތަކަށް ދޭ ހިދުމަތްތަކާއި ބެންކުގެ އެކި ފެސިލިޓީތަކާއި ގުޅޭ މައުލޫމާތުތައް ދޭނެ އެވެ. މިއީ ވިޔަފާރިތަކުން އެމްއައިބީއިން ދޭ ހިދުމަތްތަކާއި ވިޔަފާރިތަކަށް އެމްއައިބީ މެދުވެރިކޮށް ހުރި ލުއިފަސޭހަތައް ހޯދުމަށް ލިބޭނެ ފުރުސަތެކެވެ.
އެމްއައިބީން ވަނީ ބޭންކުގެ ހިދުމަތްތަކުގެ މައުލޫމާތުތައް ދީ، ކަސްޓަމަރުންނާ ގުޅުން ބަދަހިކުރުމަށް މިފަދަ ހަރަކާތްތައް މީގެ ކުރިން ވެސް ބާއްވައިފަ އެވެ. އެ ހަރަކާތްތަކަކީ ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ލިބުނު ހަރަކާތްތަކެއް ކަން އެ ބެންކުން ފާހަގަކުރެ އެވެ.