27 ފެބުރުއަރީ 2017 - 06:15

ކުޑަކުޑަ ޔަންގް ޒިއުޒިއާ ދުވަހަކު ވެސް އޭނާގެ މައިންބަފައިންނެއް ނުދެކެ އެވެ. އެމީހުންނާ ބައްދަލުވުމަކީ އޭނާގެ އެންމެ ބޮޑު އެދުމެވެ.

އުމުރުން އަށް އަހަރުގެ މި އަންހެން ކުއްޖާ ޗައިނާގެ ސިޓީއެއްގެ މަގުމަތީގައި ތަރުކާރީ ވިއްކާތާ މިހާރު ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. ކޮންމެ ދުވަހަކު ވެސް އުންމީދުކޮށްގެން ހުންނަނީ މައިންބަފައިންނާ ބައްދަލުވާނެ ކަމަށެވެ. ޔެންގް ބުނަނީ އޭނާގެ މައިންބަފައިން ދެކެލާ ހިތް ވަރަށް ބޮޑަށްވާ ކަމަށާއި ސްކޫލް ނިމޭއިރު ކޮންމެވެސް ދުވަހަކުން މައިންބަފައިން ބަލައި އައިސް ތިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ޔަންގް ޒިއުޒިއާ ދިރިއުޅެނީ ލިއަންހޫ ކިޔާ އަވަށެއްގަ އެވެ. އެއީ ސީޗުއާން ޕްރޮވިންސްގެ ވެންޗުއާން ސިޓީގެ އަވަށެކެވެ.

އަވަށުގެ ހުރިހާ އެންމެން ޔަންގަށް ލޯބިން ކިޔަނީ މައޮ މައޮ އެވެ. އޭނާ އަކީ ޗައިނާގެ އެހެން ހިސާބަކުން އެ ސިޓީއަށް މަސައްކަތްކުރަން ދިޔަ ދެމަފިރިއެއްގެ ކުއްޖެކެވެ.

މައޮ މައޮގެ މައިންބަފައިން އަވަށްޓެރިއެއްގެ ގޭގެ ދޮރުމަތީގައި މައޮ މައޮ ބާއްވާފައި ފިލައިގެން އެހެން ރަށަކަށް ދިޔައީ މޭ 10، 2008 ގަ އެވެ. އޭރު އެ ތުއްތު ކުއްޖާއަށް އެންމެ މަހެކެވެ.
މައޮ މައޮ ބާއްވާފައި އޮތީ ހުއަންގް މެންގީ ކިޔާ މީހެއްގެ ގޭގެ ދޮރު ކައިރީގަ އެވެ. ދަންވަރު ގަޑީގައި ބޭރު ދޮރުކައިރިން ތުއްތު ކުއްޖަކު ރޯ އަޑު އިވިގެން ހުއަންގް ބޭރަށް ނުކުމެ ބަލާލިއިރު ދޮރުމަތީގައި ކުއްޖަކު އޮއްވާ ފެނުނެވެ. އުމުރުން 70 އަހަރުވެފައިވާ ހުއަންގް ބުނި ގޮތުގައި ފުރަތަމަ ފެނުމުން ވެސް އެއީ ޖެހިގެން ހުރި ގޭގައި ދިރިއުޅުނު ދެމަފިރިންގެ ކުއްޖާކަން އޭނާއަށް އެނގުނެވެ. ކުއްޖާ ނަގައިގެން ގޮސް މައިންބައިންނާ ހަވާލުކުރަން ބެލި އިރު އެ މީހުން ފިލައިގެން ހިނގައްޖެ އެވެ.
މައޮ މައޮ އޭރު އޮތީ ވަރަށް ބަލިވެފަ އެވެ. އޭނާގެ މައިންބަފައިން އޭނާ ނުބަލަން އެއްލާލީ ބަލިކަމުން ކަމަށް ބެލެވެ އެވެ. އެ ކުއްޖާއަކީ ދުވަސް ނުފުރާ ވިހާފައި އޮތް ކުއްޖެކެވެ. އޮތީ ނިއުމޯނިއާ ޖެހިފަ އެވެ.
ހުއަންގަކީ ރިޓަޔާކޮށްފައިވާ މިލިޓަރީ ޑޮކްޓަރެކެވެ. އެ ދުވަހުން ފެށިގެން އަމިއްލަ މާމަ ދަރިއަކު ފަދައިން އޭނާ އެކުއްޖާ ގެންގުޅުނެވެ. ހުއަންގް އާއި ފިރިމީހާ ކުޑަކުޑަ ދަނޑެއްގައި ތަރުކާރީ ހައްދައިގެން ވިއްކަ އެވެ. މައޮ މައޮގެ ޚަރަދުތައް ފޫބައްދަނީ އެކަމުން ލިބޭ އާމްދަނީންނެވެ.
މައޮ މައޮ ނޫނަސް މި ދެމަފިރިން އެހެން ކުއްޖެއް ވެސް ގެންގުޅެ އެވެ. މިހާރު 27 އަހަރު ފުރިފައިވާ މި މީހާ އަކީ ވެސް އެއްލާލާފައި އޮއްވައި ހޮވައިގެން ގެންގުޅޭ ކުއްޖެކެވެ.
ހަތަރު ވަނަ ގްރޭޑްގައި ކިޔަވާ މައޮ މައޮ އޭނާގެ ޑައިރީގައި ލިޔެފައި ވެއެވެ:
"އަހަރެންގެ މަންމަ ކޮބާ؟ އަހަރެންގެ ބައްޕަ ކޮބާ؟ ހުވަފެނުގައި މަންމަ އާއި ބައްޕަ އަހަރެން ކައިރިއަށް އާދޭ. އެކަމަކު ހޭލެވޭއިރު އެމީހުނެއް ނުތިބޭ."
މާއޮ މާއޮގެ މަންމަގެ ގޮތުގައި ހުރި "މާމަ" އަށް ތަރުކާރީ ވިއްކުމުގައި އެހީތެރިވާން މާއޮ މާއޮ ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. އެކަމަކު އޭނާގެ އަސްލު ބޭނުމަކީ މިހެން އުޅުމުގެ ތެރޭގައި މައިންބަފައިންނާ ބައްދަލުވޭތޯ ބެލުމެވެ.
މައޮ މައޮގެ ތަރުކާރީ ސްޓޯލާ ޖެހިގެން ސައިންބޯޑެއް ހަރުކޮށްފައި ހުރެ އެވެ. މައިންބަފައިންނަށް މައޮ މައޮ ލިޔެފައިވާ ސިޓީއެއް އޭގައި ތަތްކޮށްފައިވެ އެވެ. އެ ސިޓީގައި އޭނާ ލިޔެފައި ވެއެވެ.
"މަންމަ އާއި ބައްޕަ! ކޮންތާކުތަ ތިއުޅެނީ؟ އަހަރެން 2008 ގައި ވަރަށް ބޮޑަށް ބަލީވިމާ، މުސްކުޅި އަވަށްޓެރިއެއްގެ ގޭގެ ބޭރުގައި ދަންވަރު ވަގުތު އަހަރެން ބާއްވާފައި ދިޔައީ. މިހާރު އަހަރެންގެ ބަލި ފަސޭހަވެއްޖެ. އަދި އަހަރެމެން މިހުރީ މަންމަމެން އައިސް ގެންދާނެކަމުގެ އިންތިޒާރުގަ. އެހެންނޫނީ މާމައަށް ޖެހޭނީ އަހަރެން ސަރުކާރާ ހަވާލުކުރަން."
އެ ސިޓީގައި އިތުރަށް ލިޔެފައިވެ އެވެ. "އެއްވެސް ތަނެއްގައި ގެއެއް ނެތެވެ. އެކަމަކު ހުރިހާ ތަނަކީ ވެސް ގެ އެވެ. އަހަރެންގެ އަމިއްލަ ގެއެއް ނެތީމަ އަހަރެން ވަރަށް ދެރަވެ އެވެ. އަހަރެން މަންމަ އާއި ބައްޕަގެ މަތިން ވަރަށް ހަނދާން ކުރަމެވެ."
މި ކުޑަކުއްޖާ މަގުމަތީގައި އިންދާ ފެންނަ ގިނަ މީހުން ދެރަވެގެން އެ ކުއްޖާއަތުން ތަރުކާރީ ވެސް ގަނެ އެވެ. އަދި ބައެއް މީހުން މާއޮ މާއޮގެ މައިންބަފައިންނަށް އޭނާ ބަލާ އަންނަން އިލްތިމާސް ކުރެ އެވެ.
މާއޮ މާއޮ ކައިރިއަށް ދިޔަ ނޫސްވެރިން ކައިރީ އޭނާ ބުނީ މައިންބަފައިން ހޯދާ އެމީހުންނާ ސުވާލުތައް ކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބަލިވިމާ ބޭސްކުރުމުގެ ބަދަލުގައި އެއްލާލާފައި ދިޔައީ ކީއްވެތޯ ސުވާލުކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
"އަހަރެންގެ މާމަ މިހާރު ވަރަށް މުސްކުޅި. ނޭނގެ ދެން އިތުރަށް ސްކޫލަށް ގޮސް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމެއް ވެސް. މަންމަ އާއި ބައްޕަ ފެނިއްޖެ ނަމަ އުޅޭނެ ގެއެއް ލިބި އެއްވެސް ކަމަކާ ބިރުގަންނާކަށް ނުޖެހޭނެ. އަހަރެންގެ ކްލާސް ކުދިން ފަދައިން ސްކޫލުން ބަލާ އަންނާނެ މަންމަ އާއި ބައްޕަ އަހަރެންވެސް ބޭނުން،" މާއޮ މާއޮ ބުންޏެވެ.
މާއޮ މާއޮގެ އަވަށުގައި ހިންގާ، ގެއްލިފައިވާ ކުދިންނަށް އާއިލާ ހޯދައިދިނުމުގައި އެހީތެރިވެދޭ ޗެރިޓީއެއް ކަމަށްވާ "ލެޓް ލަވް ކަމް ހޯމް" ގެ ފައުންޑާ ޒަންގް ގޫވީ ބުނި ގޮތުގައި މާއޮ މާއޮ އަކީ ވަރަށް މޮޅު، ސްމާޓް އަދި ބަސްއަހާ ހިތްވަރުގަދަ ކުއްޖެއް ކަމަށެވެ. މި ފައުންޑޭޝަންގެ ވޮލަންޓިއަރުންނަށް މައޮ މާއޮ ފެނުނީ މަގުމަތީގައި ތަރުކާރީ ވިއްކަން އިންދަ އެވެ.
މާއޮ މާއޮގެ މައިންބަފައިން އޭނާ ބާއްވާފައި ފިލި ފަހުން އެއްފަހަރު އެމީހުން ހުއަންގް އަށް ފޯނުކޮށްފައި މާއޮ މާއޮ ބަލާ ވަރަށް އަވަހަށް ދާނެ ކަމަށް ބުންޏެވެ. ނަމަވެސް ފަހުން ޚަބަރެއް ނުވެ އެވެ.
"އަހަރެމެންނަށް އެނގޭ އެ ދެމަފިރިންނަކީ ސީޗުއާން ޕްރޮވިންސްގެ ވަންޗުއާން އަވަށުގެ ބައެއްކަން. އެމީހުން ޑޮންގުއަން އަވަށުގައި ދަރިފުޅު ބާއްވާފައި ފިލައިގެން ދިޔަތާ ދެ ދުވަސް ފަހުން ވެންޗުއާން އަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައި. އަހަރެމެންނަށް ހީވަނީ މައޮ މާއޮގެ މައިންބަފައިން އެ ބިންހެލުމުގައި މަރުވެފައި ވުމަކީ ވަރަށް އެކަށީގެންވާ ކަމެކޭ،" ޒަންގް ބުންޏެވެ.
ޗައިނާގެ އެ ސަރަހައްދަށް 2008 ގައި އައި 7.9 މެގްނިޓިއުޑްގެ ބިންހެލުމުގައި 87،000 މީހުން މަރުވެފައިވެ އެވެ. ނަމަވެސް އެމީހުން އަދިވެސް މާއޮ މާއޮގެ މައިންބަފައިން ފެނޭތޯ މަސައްކަތް ކުރާނެ ކަމަށް ޒަންގް ބުންޏެވެ.