ޔޫރަޕް މުބާރާތެއްގެ ތިން ވަނަ ރާއްޖޭގެ ފްލައިބޯޑަރު އިއްބަޑޭ އަށް
ޔޫރަޕް މުބާރާތެއްގެ ތިން ވަނަ ރާއްޖޭގެ ފްލައިބޯޑަރު އިއްބަޑޭ އަށް

ފްރާންސްގައި ކުރިއަށް ދިޔަ ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ރާއްޖޭގެ ފްލައިބޯޑިން ޗެމްޕިއަން އިބްރާހިމް ހުސެއިން (އިއްބަޑޭ) ހޯދައިފި އެވެ.

މި މަހު 10 ވަނަ ދުވަހުން ފެށިގެން ފްރާންސްގައި ކުރިއަށްދިޔަ މި މުބާރާތުގެ ތިން ވަނަ އިއްބަޑޭ ހޯދިއިރު، މިއީ އޭނާ މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފްރާންސްގެ ސްޓީވް ފްލައިކެޕްޓަން އެވެ. ދެ ވަނަ އަށް ދިޔައީ އިނގިރޭސިވިލާތުގެ ސޮނީ ބީން އެވެ.

ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގައި 27 ފްލައި ބޯޑަރުން ވާދަކުރި އެވެ.

އިއްބަޑޭ އަކީ ރާއްޖޭގައި ފްލައިބޯޑިން ކުރިއަރުވަން އެންމެ މަސައްކަތްކުރާ އެއް އެތުލީޓެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ބައިނަލްއަގުވާމީ ގިނަ ފްލައި ބޯޑިން މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ވަނަތަކެއް ހޯދައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީ އަކީ މިދިޔަ އަހަރު ދުބާއީގައި ކުރިއަށްދިޔަ ފްލައިބޯޑް ވޯލްޑް ކަޕްގައި ދުނިޔޭގެ 26 ވަނަ ހޯދުމެވެ. މި މުބާރާތުގައި މުޅި ދުނިޔެ އިން 46 ފްލައިބޯޑަރުން ވާދަކުރި އެވެ.

އިއްބަޑޭ ވަނީ މިދިޔަ އަހަރު އޮތް އުތުރު އެމެރިކާ ފްލައިބޯޑް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފަ އެވެ.