17 ޖުލައި 2024 - 21:45

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް މެންބަރުންނާއެކު ދާ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް މިއަދު ނިންމި ނިންމުން އަނބުރާ ގެންގޮސް މެންބަރުންނާއި އެ މީހުންގެ އާއިލާތަކަށް އެކަނި ވީއައިޕީގެ ހިދުމަތް ބޭނުން ކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.
ކުރީގެ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި ވީއައިޕީ ލައުންޖް ބޭނުން ކުރުމުގައި މެމްބަރުންނަށް ލިމިޓްކޮށްފައެއް ނޯވެ އެވެ. ނަމަވެސް 19 ވަނަ މަޖިލީހުން ވަނީ އަނބިމީހާ/ފިރިމީހާ އާއި ދަރިންނާއި މައިންބަފައިންނަށް އެކަނި ހިދުމަތް ދެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފަ އެވެ.
ނަމަވެސް 19 ވަނަ މަޖިލީހުގެ އާންމު ކޮމިޓީން ފަހުން ވަނީ މެމްބަރުންގެ އާއިލާގެ އިތުރުން ދެ ރައްޓެހިންނަށް ވެސް ވީއައިޕީ ލައުންޖްގެ ހިދުމަތް ހުޅުވާލެވޭ ގޮތަށް ފާސްކޮށްފަ އެވެ. ނަމަވެސް އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްނުކޮށް އޮތީ ކޮމިޓީގައި ޕާކު ކޮށްފަ އެވެ.
މަޖިލީހުގައި މިއަދު ބޭއްވި އާންމު ކޮމިޓީން ވެސް ވަނީ ދެ ރައްޓެހިންނަށް ހިދުމަތް ދެވޭ ގޮތަށް ކުރީގެ މަޖިލީހުން ނިންމާފައިވާ ނިންމުން އެ އޮތްގޮތަށް ބާއްވަން ފާސްކޮށްފަ އެވެ.
ނަމަވެސް މިރޭ 9:00 ގައި ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އާންމު ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މިއަދު މެންދުރު އެގޮތަށް ނިންމިޔަސް، ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން އެ ނިންމުން އަލުން މުރާޖައާ ކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ލަފާ ދެއްވާފައިވާ ކަމަށެވެ.
އެގޮތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ހުށަހެޅުއްވީ އަބްދުއްރަހީމް ވެސް ލަފާ ދެއްވި ގޮތަށް މީގެ ކުރިން އެކަން އޮންނަ އުސޫލުން ހަމައެކަނި މެންބަރުންނާއި އާއިލާތަކަށް ހިދުމަތް ދޭ ގޮތަށް ހެދުމަށެވެ.
އޭގެ އިތުރުން 19 ވަނަ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވާ އެ ނިންމުން ބާތިލުކޮށް އެ މައްސަލަ ބޭރުކޮށްލުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.
އައިބީގެ އެ ހުށަހެޅުން ކޮމިޓީ މެންބަރުންގެ އިއްތިފާގުން ފާސް ކުރި އެވެ. އަދި އެ މައްސަލަ ފާސް ކުރުމާއެކު ކޮމިޓީ ބައްދަލުވުން ވެސް ނިންމާލި އެވެ.
މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ދާއިރު މަޖިލީހުން ނިންމާފައި ވަނީ މި މަހުގެ ނިޔަލަށް ގަވާއިދު އެކީ ހަދައި ނިންމުމަށެވެ.