"ޓައިގާ ޒިންދާ ހޭ" އަށް ސަލްމާންގެ ސިފައަށް ބޮޑު ބަދަލެއް
"ޓައިގާ ޒިންދާ ހޭ" އަށް ސަލްމާންގެ ސިފައަށް ބޮޑު ބަދަލެއް

ބޮލީވުޑް ތަރި ސަލްމާން ޚާންގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓީއުބުލައިޓް" އެވެ. ކުޑަ އީދު ދުވަހު ރިލީޒްކުރަން މި ފިލްމު ދަނީ ތައްޔާރުވަމުންނެވެ.

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ޓައިގާ ޒިންދާ ހޭ"ގެ މަސައްކަތް ވެސް ސަލްމާން މިހާރު ވަނީ ފަށައިފަ އެވެ. މި ފިލްމުން ކެޓުރީނާ އާއި ސަލްމާންގެ ޖާދޫއެއް ފަދަ ޖޯޑު އަލުން ސްކްރީނުން ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

"ޓައިގާ ޒިންދާ ހޭ" އަށް ތައްޔާރުވުމުގެ މަސައްކަތް ސަލްމާން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން "ސުލްތާން" ކުޅެން ފަލަވި ގޮތަށް އެހާ ބޮޑުތަން ނުހިކި ހުރި ސަލްމާނަށް ވަރަށް ބޮޑުތަން ހިކެން ވެސް އޮތީ ޖެހިފަ އެވެ. މިހާރު އޭނާ ވަނީ މިކަމުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފަ އެވެ.

އޭނާ މިހާރު ހުރީ ހަށިގަނޑު ވަރަށް ބޮޑަށް ހިއްކާލައިފަ އެވެ. ސަލްމާންގެ ފޭން ކްލަބަކުން ވަނީ ސަލްމާން މިހާރު ހުރި ގޮތުގެ ބައެއް ފޮޓޯތައް ޓުވީޓްކޮށްފަ އެވެ. އެ ޓުވީޓްގައި ބުނެފައިވަނީ މިއީ ސަލްމާން "ޓައިގާ ޒިންދާ ހޭ"ގައި ހުންނަ ސިފަ ކަމަށެވެ. އަދި ސަލްމާންގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް 17 ކިލޯ ލުއިކޮށްފައިވާ ކަމަށް ވެސް އޭނާގެ ފޭން ކްލަބްގެ ޓުވީޓްގައި ބުނެފައިވެ އެވެ.

"ޓައިގާ ޒިންދާ ހޭ" އަކީ 2012 ގައި ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރި "އޭކް ތާ ޓައިގާ"ގެ ސީކުއަލް އެކެވެ.