"ރަންގޫން"ގައި ކަންގަނާގެ ބައެއް މަންޒަރުތައް ކަނޑާލިޔަސް ތައުރީފު އޮހެނީ
"ރަންގޫން"ގައި ކަންގަނާގެ ބައެއް މަންޒަރުތައް ކަނޑާލިޔަސް ތައުރީފު އޮހެނީ

ހުކުރު ދުވަހު ރިލީޒްކުރި "ރަންގޫން" ގައި ބަތަލާ ކަންގަނާ ރަނާވަތު ކުޅެފައިވާ މުހިންމު މަންޒަރުތަކެއް ކަނޑާލާފައިވާ ކަމަށް ބުނެ އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އެތައް ފަހަރަކު ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ ބަތަލާ ކަންގަނާ ބުނީ އުނިކޮށްފައި ވަނީ އޭނާގެ ކެރިއަރަށް ވަރަށް މުހިންމު މަންޒަރުތަކެއް ކަމަށާއި އެހެންވެ އެކަމާ ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށެވެ. ވިޝާލް ބަރްދްވާޖް ޑައިރެކްޓްކޮށް، ޝާޙިދު ކަޕޫރާއި ސައިފް އަލީ ޚާން ބަތަލުގެ ބައި ކުޅެފައިވާ މި ފިލްމުގައި އުނިކުރި މަންޒަރުތަކުގެ ސަބަބުން ކަންގަނާގެ ހުނަރު ފުރިހަމައަށް ނުފެންނާނެ ކަމަށް، އޭނާ ނެރުނު ބަޔާނުގައި ބުންޏެވެ.

ނަމަވެސް ކަންގަނާގެ ރޯލު މޮޅުކަމުން އޭނާއަށް އެތައް ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.

ފިލްމަށް ކްރިޓިކްސްގެ ޚިޔާލު މަސްހުނިވެފައިވާއިރު ފުރަތަމަ ދުވަހުގެ ވިޔަފާރިއަށް ބަލާއިރު ބެލުންތެރިންނަށް ފިލްމު އެހާ ކަމުދިޔަ ކަމަކަށް ލަފައެއް ނުކުރެވެ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ހަނގުރާމައިގެ ޑްރާމާއެއްގެ ގޮތުގައި އުފެއްދި މި ފިލްމުގައި ވަރަށް އޮޅުންބޮޅުން ބޮޑު ލޯބީގެ ތިނެސްކަން ހާދިސާއެއް ވެސް ދައްކަ އެވެ.

ކަންގަނާ ބުނީ އެޑިޓްކޮށް އުނިކޮށްފައި ވަނީ އޭނާއަށް އެންމެ މަގްބޫލު މަންޒަރުތައް ކަމަށެވެ. އޭނާ ބުނީ މި ހުރިހާ ކަމަކާ އެކު ވެސް އޭނާގެ މަސައްކަތަށް ތައުރީފު ލިބޭތީ އުފާވާ ކަމަށެވެ.

ކުރިން ހީކުރި ގޮތަށް "ރަންގޫން"ގެ ފުރަތަމަ ދުވަހުގެ ޝޯތަކަށް މާ ގިނަ މީހުން ވަދެފައެއް ނުވެ އެވެ. ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހިނގައިގެން ނޫނީ ފިލްމުގެ ޚަރަދު ވެސް ސަލާމަތްނުވެ ފްލޮޕްވާނެ އެވެ.