ބާ ޖަމާލުއްދީންގެ ބިން ކުނިން ފުރި، ގޮނޑަކަށް!
ބާ ޖަމާލުއްދީންގެ ބިން ކުނިން ފުރި، ގޮނޑަކަށް!

ބާ ޖަމާލުއްދީން ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް މި ވަގުތަށް ދޫކޮށްލާފައި އޮތުމުން ކުނިން ފުރި، ބޮޑު ގޮނޑަކަށް ވެއްޖެ އެވެ.

ބާ ޖަމާލުއްދީންގެ ބިން ކުނިން ފުރި، ގޮނޑަކަށް!
ބާ ޖަމާލުއްދީންގެ ބިން ކުނިން ފުރި، ގޮނޑަކަށް!

އެ ބިމުގައި ހުރި ޖަމާލުއްދީންގެ އިމާރާތުގައި ކިޔަވައިދިނުން ހުއްޓާލުމަށް ފަހު، ބޭނުންކުރީ އެމްއެންޔޫގެ ކެމްޕަހެއްގެ ގޮތުގަ އެވެ. އެކަމަކު، އެ ޔުނިވާސިޓީ އަތުން އަތުލުމަށްފަހު އިލެކްޝަން ކޮމިޝަން (އީސީ)ގެ އިންތިހާބީ މަރުކަޒެއްގެ ގޮތުގައި ކުރިން ބޭނުންކުރި އެވެ.

މިދިޔަ ސަރުކާރުގައި އެ ބިމުން އެއްބައި ދިނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ. އަނެއް ބައި ދިނީ ޖަމާލުއްދީން ސްކޫލުގެ ޖާގަ އިތުރު ކުރުމަށެވެ. އެކަމަކު، މަސައްކަތް ހުއްޓިފައި އޮއްވައި މި ސަރުކާރުން ވަނީ އެ ބިމުގައި ޕާކަކާ އެކު އަންޑަގްރައުންޑް ޕާކިން ޒޯނެއް ހަދަން ނިންމައިފަ އެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ބާ ޖަމާލުއްދީން ބިމުގައި އަޅާ ޕާކުގެ ކުރެހުމެއް މިދިޔަ ފެބްރުއަރީ މަހު ދައްކާލި އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށެވެ. އެކަމަކު، އޭގެ ފަހުން ފަސް މަސް ވެއަތުވެގެން ދިޔައިރު ވެސް އަމަލީ އެއްވެސް މަސަައްކަތެއް ނުފަށަ އެވެ.

މިދިޔަ މުއްދަތުގައި ބާ ޖަމާލުއްދީންގެ ބިމުގައި ބައިބަލާ ޕްރެކްޓިސް ކުރުމަށް ޒުވާން ގުރޫޕަކަށް ދޫކުރި އެވެ. އެކަމަކު، އޭގެ ފަހުން އެ ތަން ބޭނުން ނުކޮށް، އަޅައި ނުލުމުން މުޅި އެ ބިމުގައި ވިނަ ހެދި، އެ ސަރަހައްދުގެ މަންޒަރު ވެސް ދަނީ ހަޑިވަމުންނެވެ. ޑްރަގް ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ވެސް އެ ތަނުގެ ތެރެއަށް ވަދެ ނުކުމެ އުޅޭ މަންޒަރު ފެނެ އެވެ.

"މާ ގިނަ ދުވަހެއް ދެން ނުނަގާނެ މި ތަން ބޮޑު ގޮނޑަކަށް ވާކަށް. މިހާރު ވެސް އެ އޮތީ ކުނިތައް،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕާކާއި ޕާކިން ޒޯނުގެ ތަފްސީލީ ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ އަށް ފަހު، ޓާމްސް އޮފް ރެފަރެންސް ނިމުމުން ރަސްމީކޮށް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.