ފުލުހުންގެ ބަންދަށް ގެންދަނިކޮށް އަނިޔާވި މީހާ ވެންޓިލޭޓަރުގައި
ފުލުހުންގެ ބަންދަށް ގެންދަނިކޮށް އަނިޔާވި މީހާ ވެންޓިލޭޓަރުގައި

ފުލުހުންގެ ބަންދަށް ގެންދަން އުޅުމުގެ ތެރޭގައި ފިލަން އުޅެނިކޮށް އަނިޔާވި މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސްކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން، މިދިޔަ ހޯމަ ދުވަހުގެ މެންދުރު 1:00 ހާއިރު އެ ކޯޓަށް ހާޒިރުކުރަން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި އުމުރުން 38 އަހަރުގެ ފިރިހެނަކަށް މިދިޔަ ހޯމަ ދުވަހު ވަނީ އަނިޔާވެފަ އެވެ. އެހެންވެ، އައިޖީއެމްއެޗަށް ގެންގޮސް އަންނަނީ ފަރުވާ ދެމުންނެވެ.

އާއިލާއިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ގޭގެ ފުރަތަމަ ފްލޯއިން ވެއްޓުނީ މެންދުރު 2:30 ހާއިރު ކަމަށް ވިއަސް، ހޮސްޕިޓަލަށް ގެންދެވުނީ 4:20 ގައި ކަމަށެވެ. ކަސްޓަޑީ ގެންދިއުމުގެ ބަދަލުގައި ފުރަތަމަ ހޮސްޕިޓަލަށް ގެންދިއުމަށް އެދުމުން ވެސް، ވެއްޓިފައި އޮތް މީހާގެ ހާލު ރަނގަޅު ކަމަށް އެ ތަނުގައި ތިބި ފުލުހުންނާ ހަވާލާދީ އާއިލާ އިން ބުންޏެވެ.

އެ ގޭގެ ބޭރު ކުޑަދޮރާ ޖެހިގެން އޮންނާނީ ފުރާޅު ކަމަށް ވިޔަސް އެ މީހާ ފުންމާލީ ސީދާ ކޮންތާކުން ކަމެއް އަދި ސާފެއް ނުވެ އެވެ.

"ވެއްޓުނު ތަން ފެނުނު ނެއިބާއެއް ގޮވީ މަންމަ އާއި ކޮއްކޮ އަށް. ހަމަ އެ ވަގުތު ފުލުހުން ވެސް އެ ތަނަށް އަރާ ހަމަވި. މަންމަ ހުރެފައި ހޮސްޕިޓަލަށް ގެންދާށޭ ބުނީމާ، ފުލުހުން ބުނީ އޭނާ އޯކޭއޭ. އެހެން ހަތަރު ފަހަރަށް ބުނި. އެކަމަކު، އޭރު ވެސް ބޮލުން ލޭ އާދޭ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮޅަށް ނުހުރެވޭ ހިސާބަށް ދިއުމުން ކަމަށް އާއިލާ އިން ބުންޏެވެ.

އިމަޖެންސީގައި ޑޮކްޓަރަށް ދެއްކިއިރު، ސިކުނޑި އަށް ވަރަށް ގިނައިން ލޭ އެޅި، މައިބަދަ އަށް ގެއްލުން ވެފައިވާކަން އެނގުނެވެ. އެހެންވެ، އެންމެ ފުރަތަމަ ކުރީ ސިކުނޑީގައި ހުރި ލޭތައް ނެގުމެވެ. މައިބަދަ އަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ދެވޭނީ ހާލަތު ސްޓޭބަލް ވުމުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. މި ވަގުތު އޮތީ އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަމަލުކުރި ގޮތާ މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމަށް ހިއްސާ ކޮށްފައި ވާތީ އެކަން ބަލަން ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި އެޗްއާރުސީއެމްގައި ވެސް އެދިފައިވާނެ ކަމަށެވެ.