17 ޖުލައި 2024 - 06:37

ފަލަސްތީނުގެ ވާދަވެރި ދެ ޖަމާއަތް ކަމަށްވާ ހަމާސް އާއި ފަތަހް ޖަމާއަތް ސުލްހަކުރުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ޝައުގުވެރިކަން ޗައިނާއިން ފާޅުކޮށްފި އެވެ.
ފަތަހް ޖަމާއަތުން މިހާރު ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ހަމާސްގެ އޮފިޝަލުންނާ ބައްދަލުކުރާނެ ކަމަށް ވެސް އިއުލާނުކޮށްފަ އެވެ.
ހަމާސް އިން ވެސް މިގޮތަށް އެއްބަސްވެ ބައްދަލުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
"މި ޖަމާއަތުން މިކަން ދެކެނީ ގައުމަށްޓަކައި އަދާކުރަންޖެހޭ ޒިންމާއެއްގެ ގޮތުގައި އަދި ވަރަށް ޕޮޒިޓިވްކޮށް،" ހަމާސްގެ އޮފިޝަލެއް ކަމަށްވާ ހުސާމް ބަދުރަން ނެރުއްވި ބަޔާނެއްގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ފަލަސްތީނު ރައްޔިތުންނަށްޓަކައި ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމަށް ހަމާސް ޝައުގުވެރިވާ ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ ޗައިނާއިން "އަބަދުވެސް ފަލަސްތީނުގެ ހުރިހާ ފަރާތަކަށް ތާއީދުކުރަނީ މަޝްވަރާއިން ސުލްހަ އާއި އެއްބައިވަންތަކަން ހޯދަން" ކަމަށެވެ. ޗައިނާއިން ބޭނުންވަނީ ހިޔާލް ތަފާތުވުންތައް އެއްފަރާތްކޮށް ފުރުސަތުތައް ތަނަވަސްވާނެ ޕްލެޓްފޯމެއް ގާއިމުކޮށްދޭން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
ހަމާސް އަށް 2006 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ހަމާސް އިން ވަނީ ޣައްޒާއިން ފަތަހް ޖަމާއަތް ބޭރުކޮށްފަ އެވެ. އޭގެ ފަހުން ދެ ޖަމާއަތުގެ ގުޅުން ވަރަށް ގޯހެވެ. -- އޭއެފްޕީ