ބިންގަރާސް
ބިންގަރާސް

އާދިއްތަ ދުވަހާ ގުޅޭ

"މިހާރު އަހަންނަށް އެނގޭ ހަކުރު ނާޅާ ވަރަށް މީރުކޮށް ކޮފީހަދަން. އެއްފަހަރު އެ ކޮފީ ރަހަބަލައިފިއްޔާ، ދެން އެހެން ކޮފީއެއް ނުބޮވޭނެ. ހަންރެޑް ޕަސަންޓް!"

ނަސީމު ހިނިތުންވެލިއެވެ. އެ ފެށުން ނަސީމަށް ވަރަށް ކަމުދިޔައެވެ. ރާއިދު ދެކެ ވާ ލޯބި، ރާއިދު އަންހެނުން ދެކެ ވެސް ވާން ނަސީމު ކިތަންމެހައި ވެސް ބޭނުމެވެ.

"އެހެންތަ؟ އަޅެ ތި ކޮފީ ގެނެސްބަލަ!" ފާއިޒާއަށް ބަލައިލާފައި، ނަޖްވާނަށް ބަލައިލަމުން ނަސީމު ބުންޏެވެ. "ބޮވޭ ވަރަށް ހިހޫކޮށްލާތި!"

ހޫނު ކޮފީތަށްޓެއް ހަދާލައިގެން، ކުޑަދޮރުން ބޭރު ފެންނަ ހިސާބުގައި ދިފްލާ އިށީނދެލިއެވެ. ވެހެމުންދިޔަ ވިއްސާރައިގެ ފުސްކަމުގެ ތެރެއަށް ނަޒަރު ހުއްޓައިލިއެވެ. ގަޑިން މެންދުރު އެގާރަ ޖަހަނީއެވެ. ފޯނު ރަނގަބީލުވާން ފެށުމުން ބަލައިލި އިރު ނަޖްވާންގެ ނަން އަރާފައި އޮތެވެ.

"ކޮބާ ކިހިނެއްތަ؟" ފޯނުނަގާފައި ދިފްލާ އެހިއެވެ.

"މިހާރު ކޮންމެ ދުވަހަކު ވެސް ހެނދުނުހެނދުނާ ހޭލައިގެން ކޮޓަރިން ނުކުންނަން،" ނަޖްވާން ކިޔައިދިނެވެ. "ނުކުންނަ އިރަށް މަންމަ އަހާނެ ނަމާދުކޮށްފިންހޭ؟ އަހަރެން ބުނާނެ އެއްޗެއް ނޭނގިފަ އިންނަނީ. އެންމެ ފަހުން ރޭ ފަތިހު ނަމާދަށް ވެސް އަރަން ފަށައިފިން. އޭރުންނެއްނު ބުނެވޭނީ އާނއެކޭ ނަމާދުކޮށްފީމޭ!"

ނަޖްވާން އެހެން ބުނީ ހެމުންހެމުންނެވެ. ދިފްލާ ގާތަށް ވެސް ވަރަށް ހިނިއައެވެ.

"މިއަދު ހެނދުނު މަންމަ ނުކުތް އިރު އަހަރެން އުނދޯލީގަ އިން ތަން ފެނިގެން ބުނީ، ހާދަ ހެނދުނަކާ ހޭލައިގެންނޯ ތީނީ،" ވަރަށް އުފާވެފައި ނަޖްވާން ބުންޏެވެ. "ރާއިދު ބައްޕަ ވެސް އައިސް ވަރަށް ވާހަކަދެއްކި. ބުނީ، ތި ގޮތަށް ގޭތެރޭގަ އުޅޭ ތަން ފެނުނީމަ ބައްޕަ ވަަަރަށް އުފާވާނޯ! ދެން ރާއިދު ކުޑައިރުގެ ފޮޓޯތައް ވެސް ގެނެސްގެން އަހަންނަށް ދެއްކި. ބައްޕަމެންނާ އެއްކޮށް ސައި ވެސް ބުއީ. ވަރަށް މަޖާ!"

"އަސްތާ! ރާއިދު އަންހެނުން އަލަށްތާ ތި ގެއަށް ދިޔައީ ދޯ؟" ސަމާސާ ރާގެއްގައި ދިފްލާ ބުންޏެވެ.

"ހީވަނީ އެހެން ދޯ؟" އަނެއްކާ ވެސް ހެމުންހެމުން ނަޖްވާން ބުންޏެވެ. "ވަރަށް ހެޕީވެފަ މިއިނީ!"

"ތިޔަވީ!" ދިފްލާ ބުންޏެވެ. "ކޯޗެއް ލަންޗަށް ހަދަނީ؟"

"އަހަންނަކަށް ނޭނގެ ހަދާ އެއްޗެއް،" ނަޖްވާން ބުންޏެވެ. "ރާއިދު މަންމަ އެބަ ހުރި ލޮނުމިރުސް ފުނޑަން އެއްޗެހި ނަގައިފަ. ނަދީމާމެން އެބަ އުޅޭ އެ ކަމާ. އަހަރެން މި އިނީ އުނދޯލި ހެއްލާލަހެއްލާލާ!"

"އާޗާ!" ދިފްލާ ބުންޏެވެ.

"އަދި އެނގޭތަ؟ މެރީކުރި އިރު ރާއިދު މަންމަ އަހަންނަށް ދޭންއުޅުނު ފަށެއް،" ނަޖްވާން ބުންޏެވެ. "އެކަމަކު ނުއެއް ދޭ! އެއީ ރާއިދު މަންމައަށް، ރާއިދު ބައްޕަގެ މަންމަ ދިން ފެމެލީ ފަށެކޯ. އެ ވެސް ދީފި. މަންމަ އެޅުވީ ވެސް. މަންމަ ރޭގަ އަހަރެން ގޮވައިގެން، ފުރަތަމަ ފަހަރަށް ޝޮޕިންއަށް ވެސް ދިޔަ. ހެދުމާ، ފައިވާނާ، ބޫޓާ، ބެޑްޝީޓް ވެސް ގަނެދިން. ބުނީ ފަހަން އެނގޭހޯ؟ އަހަރެން ބުނިން ކުޑަކޮށް އެނގެޔޭ! ބުނީ ދަސްކޮށްދޭނަމޯ!"

"ސަޅި! އެއްކަލަ މިލްކް ކޭކު އަޅާބަލަ! އޭނަ މޮޔަވާނެ." ހިތްވަރުދެމުން ދިފްލާ ބުންޏެވެ.

"އަހަރެން ވެސް ހިތަށްއެރީ ވެއްޖޭ އެ ކޭކުއަޅަން،" ނަޖްވާން އެއްބަސްވިއެވެ. "ބުނީ މާދަމާ ބެޑްޝީޓު ފަހާނީޔޯ! ރާއިދު އަންނަންވާ އިރަށް ބެޑްޝީޓް ބަދަލުކުރަންވާނޯ! އަހަރެން ބޮނޑެއްހެން ބޯޖަހާލަޖަހާލާ އިނީ."

"ބަރާބަރު! ތިހެން އުޅެލަބަލަ!" ދިފްލާ ބުންޏެވެ. "ދުވަސްކޮޅަކުން އާދަވެދާނެ."

އާދަވެގެން ފާއިޒާ ކުރާ ނަޖްވާންގެ ޝަކުވާތައް މަދުވެ، ރާގު ބަދަލުވިއެވެ. ނަޖްވާން ގެއަށް ގެނައި ވާހަކަ ރާއިދު ގާތުގައި ބުންޏެވެ. ނަޖްވާން ކިހައި ބަދަލުވެއްޖެކަމާއި، ކިހައި ރަނގަޅުކަން ނޫން ވާހަކައެއް ފާއިޒާއަކަށް ނުދެއްކެއެވެ. ރާއިދު ހީކުރީ އެއިން އެއްވެސް ކަމެއް ދިފްލާއަށް ނޭނގެނީކަމަށެވެ. ފޯނުން އެ ވާހަކަ ނުދައްކައި، މާލެއައި ގޮތަށް ރާއިދު ފުރަތަމަ ވަނީ ދިފްލާގެ ގެއަށެވެ.

"އޭ! މަންމަ ނަޖޫ ގެއަށް ގެނެއްސިއެއްނު!" ދިފްލާޔާ ބައްދަލުވުމުން ރާއިދު ބުންޏެވެ. "ނޭނގޭތަ؟"

"ސީރިޔަސްކޮށް؟" ދިފްލާ ވަރަށް ހައިރާންވެފައި އެހިއެވެ.

"އަހަންނަށް އެނގޭ ދިފްލާއަށް ނޭނގޭކަން،" ވަރަށް އުފާވެފައި ރާއިދު ބުންޏެވެ. "ހިތަށްއެރީ މީޓްކޮށްފަ ސަޕްރައިޒެކޭ ދޭނީ. މަންމަ ބުނީ ނަޖޫ މިހާރު ވަރަށް ޗޭންޖުވެއްޖޯ!"

"ތި އޮތީ ވެފައެއްނު!" ލޮލުން އޮހޮރެން އުޅުނު ކަރުނަ ފަރުދާކޮށް، އުފާވެރިކަން ފާޅުކުރަމުން ދިފްލާ ބުންޏެވެ. "ދެން އަވަހަށް ދޭ ގެއަށް. ނަޖޫ މިހާރު ގަޑިބަލާބަލާ ވާޅުވެދާނެކަން ނޭނގެ."

"އެ ވާހަކަ ބުނެލާފަ ދާންވެގެން މި އައީ،" އުފާވެރިކަން ބަބުޅަމުންދިޔަ ދެލޮލުން ދިފްލާއަށް ބަލަހައްޓައިގެންހުރި ރާއިދު ބުންޏެވެ. "އަސްލު އެނގޭތަ؟ ނަޖޫ ބޭރަށް ލެވުނީމަ ވަރަށް ދެރަވެފައޭ ހުރީ."

"ދެން ރަނގަޅެއްނު! މަންމަ ގޮސްވިއްޔަ ގެޔަށް އެ ގެނައީ،" ދިފްލާ ބުންޏެވެ. "ދެން ނުކެރޭނެއްނު ފޮނުވާލާކަށް."

"އާނ! މަންމަ ބުނީ ނަޖޫ ހުރީ ބަސްއަހާފަޔޯ! ވަރަށް ވަރަށް ރަނގަޅޯ!" ރާއިދު ބުންޏެވެ. "ދެން އަހަންނަކަށް ނުކެރޭނެ ފޮނުވާލާކަށް ވެސް."

"ނަޖޫއަށް މާ ރަނގަޅުތާ ތި ވީ ގޮތް،" ހީނގަންނަމުން ދިފްލާ ބުންޏެވެ. "ގުޑް ލަކް!"

އޭގެ ފަހުން ރާއިދުގެ ފޯނެއް ނައިސް ދެ ދުވަހެއް ވިއެވެ. ދިފްލާގެ ގެއަކަށް ވެސް ރާއިދެއް ނުވަދެއެވެ. ލިބުނު ފަޅުކަން ދިފްލާގެ ހިތަށް ތަދުކުރިއެވެ. ހިތާމައިގެ ތޫނު ވަކިތައް ދިފްލާގެ ހިތް ނޮޅައި، ކަފައި، ކުދިކުރިއެވެ. އެ ކަން ވާނީ އެހެންކަން، މާ ކުރިން ވެސް ދިފްލާއަށް އެނގެއެވެ. ނޭނގުނީ ކިހައި ވޭންއަޅާނެކަމެވެ.

"ދެން އަހަންނަކަށް އެކަކު ވެސް ޝައްކެއް ނުކުރާނެ." އަމިއްލަ ހިތަށް ފަރުވާދޭން ދިފްލާ ބޭނުންކުރި ބަހަކީ، ބޭހަކީ، ތަސްބީހައަކީ ވެސް އެއީއެވެ.

އެއްދުވަހަކު، އޮފީހަށް ދިޔަ މަގުމަތީގައި ދިފްލާގެ ގެއަށް ރާއިދު ވަނެވެ. އެއީ ރާއިދު ނުކުރާ ކަމެކެވެ. ދިފްލާއަށް ފެނުނީ ރާއިދު އައިސް ވަންތަނެވެ. ދޮރު ހުރީ ތަޅުނުލެވިއެވެ. އެހެނަސް، ދިފްލާއަށް ވުރެ ރާއިދުގެ މޫނުމަތިން ފެނުނު ހައިރާންކަން ބޮޑެވެ. ދިފްލާ އިނީ ސައިބޯން ސައިތަށި ގިރާށެވެ.

"މިއަދު އޮފީހަށް ނުދަނީ؟" ދިފްލާ އެހިއެވެ.

ރާއިދު އިރުކޮޅެއްވަންދެން އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ.

"ތީ ދޯ ނަޖޫ ގެއަށް ގެންދިޔަ މީހަކީ؟" ރާއިދު އެހިއެވެ.

ދިފްލާ އިސްޖަހައިލިއެވެ. ސައިތަށި ގިރުން ހުއްޓައިލިއެވެ.

"ނަޖޫ ކީކޭ ކިއީ؟" ދިފްލާ ވެސް ކުރީ ސުވާލެކެވެ.

"ނަޖޫ ހުރިހާ އެއްޗެއް ކިޔައިދީފި." ފެންކަޅިވެފައި ހުރި ރާއިދު ބުންޏެވެ.

"ނަޖޫ މީ ހާދަހާ އަނގަގަދަ ގޮލައެކޭ ދޯ؟" ހިނިތުންވެފައި ރާއިދަށް ބަލައިލަމުން ދިފްލާ ބުންޏެވެ. "ޕްރޮމިސްކޮށްފަ ވެސް ނޭނގުނު ދޯ އަނގަމަޑުންލައިގެން އިންނާކަށް؟ އާނ ދެން އެހެނެއްނުވާނީ. ރާއިދު ސްޕެގެޓީން ސޭޑް ފޭސްއެއް ދިނީމަ އަހަންނަށް ވެސް ވެވުނު ވަރެއް ކޮށްދޭންވާނެއްނު! ފަހުން ރޯންވިޔަސް."

"އޭނ! ކީކޭ އެންމެ ފަހުން ތި ބުނީ؟ ސާފެއްނުވި." ރާއިދު ބުންޏެވެ.

"ނުވިއްޔާ ރަނގަޅުވާނީ،" ކަރުނަ ހިފޭއްޓުމުގައި އެ ފަހަރު ނާކާމިޔާބާ ކުރިމަތިލަމުން ދިފްލާ ބުންޏެވެ. "ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް."

"ދެން ވަރަށް ވަރަށް ތެންކިޔޫ!" ރާއިދު ބުންޏެވެ. "ނަޖޫ އަމިއްލައަށް މިހާރު ފަހަން ވެސް ދަސްކޮށްފި. ކޮޓަރި ވެސް ވަރަށް ރީތިކޮށްލާފަ، ތަންމަތިއަޅާލާފަ އޮންނަނީ. އަހަންނަށް ކޭކެއް ވެސް އަޅައިދީފި. ވަރަށް މީރު. ހުރިހާ ކްރެޑިޓެއް ދިފްލާއަށް،" އަތުގައި އޮތް، ކޭކު ލާ ކަހަލަ ކުޑަ ކަރުދާހު ތަށްޓެއް ދެމުން ބުންޏެވެ. "ނަޖޫ ބުނި ދިފްލާއަށް ރަހަދައްކައްޗޯ!"

ދިފްލާއަށް އެ ކޭކު ވަރަށް މީރެވެ. ރަހަތަށް ވަރަށް ހެޔޮވަރެވެ. އެހެނަސް އެއަކު "ފޮނި" ރަހައެއް ނުލިއެވެ. ހިތަށް ހަމަޖެހުމެއް ނުމެ ލިބުނުމެއެވެ. ދިފްލާގެ ހިތަށް ވިސްނައިދިނީ މިހެން ބުނަމުންނެވެ. ލޯތްބަކީ ކޮންމެކޮންމެ މީހަކަށް ލިބޭ އެއްޗެއް ނޫނެވެ. އެއީ ނަސީބުވެރިންގެ ހައްގެކެވެ.

ދެތިން މަހެއް ފަހުން ނަޖްވާން ބަނޑުބޮޑުވިއެވެ. އެ ވާހަކަ ނަޖްވާން ބުނި އިރު ދިފްލާ ހުރީ ގޭގެ މީހުންނާ އެކުގައި ތުލުސްދޫގައެވެ. މާލެއައި ތަނުން ފާއިޒާޔާ މަގުމަތިން ދިމާވިއެވެ.

"އޭ! މާމަ ކިޔަނީނު!" ފާއިޒާ ބުންޏެވެ. "ފޮނުވާލާފަ ގެނައީމަ ނަޖޫ ހަމަ އެއްކޮށް ބަދަލުވެއްޖެ! ވަރަށް ބަސްއަހާފަ ހުރީ!"

"ރަނގަޅެއްނު ބަސްއެހިކަން." ދިފްލާ ބުންޏެވެ.

"އެކަމަކު ރާއިދު އަހަރެން ކައިރީގަ ބުނި ވާހަކައެއް." ފާއިޒާ ބުންޏެވެ.

"ތި ވާހަކަ ބުނާނެކަމެއް ނެތް." ދިފްލާ ހީނގެންފައި ބުންޏެވެ.

"އެ ވާހަކަ ނުބުންޏަސް ނުބުނެ ނުހުރެވޭނެ ވާހަކައެއް އެބަ އޮތް،" ފާއިޒާ ބުންޏެވެ. "ވަަރަށް ބޮޑަށް ޝުކުރިއްޔާ!"

ދިފްލާގެ ބުރަކަށީގައި ފިރުމައިލާފައި ފާއިޒާ ދިޔައެވެ. ދިފްލާ ހުރީ ވަރަށް އުފަލުންނެވެ. ގޭދޮށު އެންމެންގެ ކުށްހީ ފިލުވައިދެވުނީތީއެވެ. އެންމެން ހައިރާންކޮށްލެވުނީތީއެވެ. ދިފްލާގެ ލޮލުން ފާޅުވީ ކަރުނައެވެ. ބަހުރުވައެއް، އިހުތިޔާރެއް، އިހުސާސެއް ނެތް، މާނައިން ފުރިގެންވީ މަންމަން ކަރުނައެވެ. ގޭދޮށު އެންމެންގެ ދުލުގައި ދިފްލާއަށް ތަޅެއްލެވިއްޖެއެވެ. ކަރުނައިގައި ވެސް ތަޅެއްލެވިއްޖެއެވެ. އެ ކަރުނައެއް ދެނެއް ދިފްލާއަކާ ވަތްކެއް ނުވާނެއެވެ. އޭގެ ހަގީގަތް އެކަކަށް ވެސް ދިފްލާ ކިޔައެއް ނުދޭނެއެވެ.

ދިފްލާއަކީ ނިދީގައި ހިނގާ ކުއްޖެއް ނޫނެވެ. އެހެނަސް، ރަނގަޅަށް ވިސްނައިލި އިރު ދިފްލާއަށް ހުރެވުނީ ބިންގަރާހުގެ އެތެރޭގައެވެ. އެ ތަނަށް އާދެވުނު ގޮތެއް، ވަދެވުނު ގޮތެއް ދިފްލާއަކަށް ނޭނގެއެވެ. ކުރިމަތީގައި ހުރި ފާރުގައި ފޮޓޯލޯގަނޑުތައް ހުއްޓެވެ. ހުރިހައި ފޮޓޯގަނޑެއް ހުރީ ރަނގަޅުފުށަށް އަނބުރައިފައެވެ. ފޮޓޯތަކުން ދިފްލާއަށް ސިފަވީ މާޒީއެވެ. އެއް ފޮޓޯލޯގަނޑު ހުރީ ނުބައިފުށަށް އަނބުރައިފައެވެ. ދިފްލާ ގޮސް އެ ލޯގަނޑު ރަނގަޅު ފުށަށް އަނބުރައިލުމާއެކު، ސިހިފައި ދިފްލާއަށް ހޭލެވުނެވެ. ވިސްނައިލެވުނެވެ. އެ ހުވަފެނުގެ ތައުބީރު ދިފްލާއަށް ކިޔައިދިނީ ދުރު މީހެއް ނޫނެވެ. ދިފްލާގެ އަމިއްލަ ނަފުސެވެ. ދިފްލާއަށް ހުވަފެނުން ފެންނަ ބިންގަރާހަކީ ދިފްލާގެ ހިތެވެ. އެއީ އެހެން މީހެއްގެ ގޭގައި ހުރި ބިނާއެއް ނޫނެވެ. ކުލަ ނުޖެހުނު އެތައް ހުވަފެނެއްގެ ފޮޓޯ ދިފްލާ ހިތުގެ ބިންގަރާހުގައި އެބަ ހުއްޓެވެ. ދިފްލާ ރަނގަޅު ފުށަށް އަނބުރައިލި ފޮޓޯލޯގަނޑުގައި ހުރީ ރާއިދުގެ ފޮޓޯއެވެ.

ނިމުނީ