17 ޖުލައި 2024 - 06:38

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އޭނާގެ ދުޝްމަނުން ނެތި ދިއުމަށް އެދި އިންޑިއާގެ ހަރުކަށި ހިންދޫން ފައްޅިއަށް ގޮސް "ދުއާ" ކޮށްފި އެވެ.
ހައްދުފަހަނައެޅި ހިންދޫންގެ ތެރޭގައި ޓްރަމްޕަށް ތާއީދުކުރާ ގިނަ ބަޔަކު އުޅެނީ މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު އެއްގޮތް ކަމަށް ބުނެ އެވެ. އަދި މި މީހުންނަކީ މުސްލިމުންނާ ދެކޮޅު ލީޑަރެއްގެ ގޮތުގައި އެތައް ބަޔަކު އިއްތިފާގުވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ތާއީދުކުރާ މީހުންނަށް ވާއިރު މޯދީ އާއި ޓްރަމްޕުގެ ގުޅުން ވެސް ރަނގަޅެވެ.
"ހިންދޫ އާމީ" އެކްޓިވިސްޓުންގެ ބަޔަކު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ހިންދޫންގެ ފައްޅިއަކަށް އިއްޔެ ޖަމާވެ، ޓްރަމްޕުގެ ފޮޓޯ އާއި އެތުގެ ސިފަޔަށް ހުންނަ ހިންދޫންގެ ބުދު ބަހައްޓައިގެން ދީނީ ގޮވެލިތައް ގޮވި އެވެ.
"އަހަރެމެން މި ދުއާކުރީ ޑޮނަލްޑް ޓްރަމްޕުގެ ދުޝްމަނުން ނެތި ދިއުމަށާއި އޭނާއަށް ކާމިޔާބީއަށް އެދި،" މިކަން ކުރި ގްރޫޕްގެ ވެރިޔަކަށް ހުރި ވިޝްނޫ ގުޕްތާ އޭއެފްޕީ އަށް ބުންޏެވެ.
"އިންސާނިއްޔަތު ހިމާޔަތްކުރުމަށް، ކުރިއަށް އޮތް އިންތިހާބު އޭނާ ތަފާތު ބޮޑުކޮށް ކާމިޔާބުކުރަންޖެހޭ ... އެއީއިސްލާމީ ހަރުކަށި ފިކުރުގެ މީހުން ނައްތާލައި އިންޑިއާ އާއި އެމެރިކާ ކުރިއެރުމާއި ތަނަވަސްކަމަށް ދަތުރު ކުރުމަށް،" އޭނާ ބުންޏެވެ.
މާ ގިނަ ބަޔަކަށް ނޭނގޭ މި ގްރޫޕްގެ މީހުން ގެންދަނީ ޓްރަމްޕް އެންމެ ފުރަތަމަ ވެރިކަމަށް އިންތިހާބުވި ފަހުން ކޮންމެ އަހަރަކު ވެސް ޓްރަމްޕުގެ އުފަން ދުވަސް ވެސް ފާހަގަކުރަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ކެމްޕެއިން ރެލީއެއްގައި ހުންނަވަނިކޮށް އޭނާ އަވަހާރަކޮށްލަން ބަޑިން ދިން ހަމަލާއަށް ފަހު ރައީސް ޖޯ ބައިޑެންގެ މައްޗަށް ޓްރަމްޕް ކާމިޔާބު ހޯދުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ. -- އޭއެފްޕީ