މޮނާކޯގެ އެމްބާޕޭ އާއި ސިލްވާ މެޑްރިޑުގެ ރާޑަރަށް
މޮނާކޯގެ އެމްބާޕޭ އާއި ސިލްވާ މެޑްރިޑުގެ ރާޑަރަށް

މެޑްރިޑް (ފެބްރުއަރީ 25) – ފްރާންސުގެ މޮނާކޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ފޯވާޑް ކިލިއަން އެމްބާޕޭ އާއި މިޑްފީލްޑަރު ބެނާޑޯ ސިލްވާ އަށް ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް ޝައުގުވެރިވެއްޖެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ބުނެފި އެވެ.

ފްރާންސް ލީގުގެ އެއް ވަނައިގައި މޮނާކޯ ބޭއްވުމުގައި އަދި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް އެ ޓީމު ދަތުރުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނަށް މެޑްރިޑުން މި ސީޒަން ނިމުމުން ބިޑްކުރާނެ ކަމަށް އެ ގައުމުގެ ބޮޑެތި ކުޅިވަރު ނޫސްތަކުން ރިޕޯޓްކުރެ އެވެ.

ޕޯޗުގަލްގެ ސިލްވާ، 22، މޮނާކޯއާ 2015 ވަނަ އަހަރު ގުޅުނީ ޕޯޗުގަލްގެ ބެންފީކާ އިން 16 މިލިއަން ޔޫރޯ އަށެވެ. މޮނާކޯގެ ޔޫތު ޓީމުން ވިދާލި އެމްބާޕޭ ވަނީ މި ސީޒަނުގައި 25 މެޗުން 12 ގޯލް ޖަހައިފަ އެވެ.

މޮނާކޯގެ ގިނަ އަދަދެއްގެ މެޗުތައް މެޑްރިޑުގެ ސްކައުޓުން ބަލަމުން އަންނައިރު އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މި ދެ ކުޅުންތެރިންގެ ނަމެވެ. މީގެ އިތުރުން މޮނާކޯގެ އުމުރުން 21 އަހަރުގެ މިޑްފީލްޑަރު ތޯމަސް ލޭމާ އަށް އެތުލެޓިކޯ މެޑްރިޑުން ޝައުގުވެރިވެ އެވެ.

މެޑްރިޑުގެ ފޯވާޑް ކަރިމް ބެންޒެމާ އާއި މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. އެހެންވެ މެޑްރިޑުން އަންނަނީ އާ ކުޅުންތެރިން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.