ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު ފެބްރުއަރީ މަހު ކުރީކޮޅަށް
ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު ފެބްރުއަރީ މަހު ކުރީކޮޅަށް

ޕާކިސްތާނުގައި ބާއްވަން ހަމަޖައްސާފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު ފެބްރުއަރީ މަހު ކުރީކޮޅު ބޭއްވުމަށް ނިންމައިފި އެވެ.

ޕާކިސްތާނުގެ ކުޅިވަރު އިދާރާތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނީ އިއްޔެ ބޭއްވި ދެކުނު އޭޝިއާގެ އޮލިމްޕިކް ކައުންސިލް ބައްދަލުވުމުގައި ގޭމްސް ފެބްރުއަރީ މަހަށް ތާވަލުކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ގޭމްސްގައި ގިނަ ކުޅިވަރުތައް ކުރިއަށްގެންދާނީ އެ ގައުމުގެ އެންމެ ބޮޑު ދެ ސިޓީ، އިސްލާމްއާބާދު އަދި ލާހޫރުގަ އެވެ. ފެބްރުއަރީ މަހު އެކެއް ނުވަތަ ދޭްގައި ގޭމްސް ފަށަން ވިސްނުން ގެންގުޅޭ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ބުންޏެވެ. ޕާކިސްތާނުގެ ދަ ނިއުސް އިންޓަނޭޝަނަލުން ބުނީ ފެބްރުއަރީ މަހު 12 ގެ ނިޔަލަށް ގޭމްސް ކުރިއަށްގެންދާ ގޮތަށް ތާރީހު ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު އެ ތާރީހު ރަސްމީކޮށް އިއުލާން ކުރާނީ ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނާއި ސަރުކާރާ ދެމެދު ކުރާ މަޝްވަރާތަކަށް ފަހު ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ޖުމުލަ 27 ކުޅިވަރެއް މި ފަހަރުގެ ގޭމްސްގައި ހިމަނައިފައިވެ އެވެ. ރާއްޖޭން ވާދަކުރާނެ ކަމަށް ބެލެވެނީ 12 ކުޅިވަރެއްގަ އެވެ. އޭގެ ތެރެއިން ފުޓްބޯޅަ، ކްރިކެޓް، ބާސްކެޓްބޯޅަ، ބެޑްމިންޓަން، ސްވިމިން، ޓައެކްވޮންޑޯ، ޝޫޓިން ކުރިއަށްގެންދާނީ ލާހޫރުގަ އެވެ. ޓޭބަލް ޓެނިސް، ވޮލީބޯޅަ، އެތުލެޓިކްސް، ޓެނިސް ބިލިއާޑްގެ އިވެންޓްތައް ކުރިއަށްގެންދާނީ އިސްލާމްއާބަދުގަ އެވެ،

ގޭމްސް އަށް 3،50000 ޑޮލަރު ހޭދަ ކުރަން ޕާކިސްތާނުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސައުތު އޭޝިއަން ގޭމްސް، އެ ގައުމުގައި ބާއްވަން އެންމެ ފުރަތަމަ ތާވަލު ކުރީ 2021 އަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ފަސް ކުރީ އެވެ. މި އަހަރު މާޗް މަހު ގޭމްސް ބާއްވަން ވެސް މަސައްކަތް ކުރި އެވެ.

ސައުތު އޭޝިއަން ގޭމްސް ތާރީހަކަށް ފަހު ތާރީހެއް ލަސްވަމުންދާތީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ޕާކިސްތާނަށް ޕްރެޝަރު ކުރަމުންދާ ކަމަށް ދަ ނިއުސް އިންޓަނޭޝަނަލުން ބުންޏެވެ. އިތުރަށް ފަސްކޮށްފިނަމަ ގޭމްސް ބޭއްވުމުގެ ފުރުސަތު އެހެން ގައުމަކަށް ދޭނެ ކަމުގެ އިންޒާރު ވެސް ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނަށް މިހާރު ދީފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ޕާކިސްތާނުގައި އެންމެ މަގުބޫލު ކުޅިވަރަކީ ކްރިކެޓެވެ. އަންނަ އަހަރު ފެބްރުއަރީ މަހު އައިސީސީގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތް ވެސްއެ ގައުމުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. ސައުތު އޭޝިއަން ގޭމްސް އަށް ފަހު އެ މުބާރާތް ލާހޫރު އަދި ރާވަލްޕިންޑީގައި ފަށާނެ އެވެ.