26 ފެބުރުއަރީ 2017 - 06:15

ސަލްމާން ޚާނާއެކު "ވޯންޓަޑް" ގައި ބަތަލާގެ ބައި ކުޅުމަށްފަހު "ޑޯރް" ގައި މޮޅު ޕާފޯމަންސެއް ދެއްކި އައިޝާ ޓާކިއާ އަކީ އެއް އިރެއްގައި، ހިންދީ ފިލްމުތަކުން ފެނުނު އެންމެ ރީތި މޫނު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ބޮމްބޭގައި އޮތް އިވެންޓަކުން އައިޝާ ފެނުމުން ގިނަ ބަޔަކަށް ލިބުނީ ޝޮކެކެވެ. އެ އިވެންޓުގައި ބައިވެރިވި ނޫސްވެރިންނަށް ވެސް އެއީ އައިޝާކަން ފާހަގަކުރަން ދަތިވި އެވެ.

އިންޑިއާގެ ސިޔާސީ ބޭފުޅެއް ކަމަށްވާ އަބޫ އަޒްމީގެ ދަރިފުޅު ފަރްހާން އަޒްމީއާ ކައިވެނި ކުރުމަށްފަހު ފިލްމު ކުޅުމާ ދުރުގައި އައިޝާ ވަނީ ގިނަ އަހަރުތަކެއް ހޭދަކޮށްފަ އެވެ. ކައިވެންޏަށް މިހާރު ވަނީ ފިރިހެން ކުއްޖަކު ވެސް ލިބިފަ އެވެ. ނަމަވެސް ފިލްމީ މައިދާނާ ދުރުގައި ހުރި ދުވަސްތަކުގައި އައިޝާގެ ސިފައަށް އެހާ ބޮޑު ބަދަލެއް އައީ ޕްލާސްޓިކް ސާޖަރީ ހެދުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ލަފާ ކުރެ އެވެ.
ޕްލާސްޓިކް ސާޖަރީ އަކީ ބޮލީވުޑްގެ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މިހާރު ބެލެވޭ ގޮތުގައި މިފަދަ ސާޖަރީއެއް ހަދައިގެން ރީތި ސިފަ ހުތުރުކޮށްލި ބަތަލާއިންގެ ލިސްޓަށް އައިޝާ ޓާކިޔާގެ ނަން ވެސް އަރައިފި އެވެ.
އޭނާގެ ތުންފަތާއިމޫނާއި ކޯމައްޗަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެހެންވެ ގިނަ ބަޔަކު ގަބޫލުކުރަނީ އައިޝާ ތުންފަތް ސާޖަރީ ހަދައި ބޮޓޮކްސް ޖަހާފައިވާ ކަމަށެވެ. "ސަލާމޭ އިޝްގް" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ މި ބަތަލާ މިދިޔަ ހަފުތާގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީއޑިއާގައި އާންމުވުމާ އެކު އެތައް ބަޔަކު ދަނީ މާބޮޑަށް ރީތިވާން އުޅެން ހަދައިގެން ސިފަ ގެއްލުނީ ކަމަށް ބުނެ މަލާމާތްކުރަމުންނެވެ.
ޖަވާބުގައި އައިޝާ ވެސް ވަނީ އެމީހުންނަށް ޖަވާބު ދީފަ އެވެ. އޭނާ ބުނީ ޕީޗެއް ކިތަންމެ ދޮންވެފައި މީރަސް ޕީޗް ކަމުނުދާ މީހަކަށް އެ ކަމު ނުދާނެ ކަމަށެވެ.
މި އިވެންޓުގައި އައިޝާ ބުނި ގޮތުގައި އޭނާ ވަނީ އަލުން ފިލްމު ކުޅެން ފަށައިފަ އެވެ. މިހާރު އަންނަނީ ބައެއް ސްކްރިޕްޓްތައް ކިޔަމުން ކަމަށް އޭނާ ބުންޏެވެ. އޭނާ މިހާރު ކުޅެމުންދަނީ "ބޯރީވަލީ ކާ ބްރޫސް ލީ" ކިޔާ ފިލްމެއް ކަމަށާއި މިއަހަރު ނިމޭ ހިސާބުގައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
އައިޝާ ވަނީ އަމިތު މިޝްރާގެ މިއުޒިކް ވީޑިއޯއެއްގައި ވެސް ބައިވެރިވެފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި ލަވައިގެ ޝޫޓިން ވަނީ ނިމިފަ އެވެ. އަދި ވަރަށް އަވަހަށް ރިލީޒްކުރާނެ އެވެ.