ޝައިހް ހަސީނާގެ މަސައްކަތު މީހަކު މިހާރު ދަތުރުކުރަނީ ހެލިކޮޕްޓަރުގައި
ޝައިހް ހަސީނާގެ މަސައްކަތު މީހަކު މިހާރު ދަތުރުކުރަނީ ހެލިކޮޕްޓަރުގައި

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ގޭގައި މަސައްކަތު މީހެއްގެ ވަޒީފާގައި ކުރިން އުޅުނު މީހެއްގެ މިލްކިއްޔާތު 34 މިލިއަން ޑޮލަރަށް އަރައި ހެލިކޮޕްޓަރުގައި ދަތުރުކޮށް އުޅެން ފެށުމާ އެކު އުފެދުނު ސުވާލުތަކާ އެކު ކޮރަޕްޝަނުގެ ތަހުގީގުތަކެއް ހިންގަން ނިންމައިފި އެވެ.

މި ފަހުން ބަންގްލާދޭޝްގެ މީޑިއާގައި ތުހުމަތުކޮށްފައިވާ ގޮތުގައި ސިފައިންގެ ކުރީގެ ވެރިޔަކާއި ފުލުހުންގެ ކުރީގެ ވެރިޔަކާއި ސީނިއާ ޓެކްސް އޮފިސަރަކާއި ދައުލަތުގެ ރެކްރޫޓްމަންޓް އޮފިސަރަކު ވަނީ ކޮރަޕްޝަން ވަރަށް ބޮޑަށް ހިންގައިފަ އެވެ.

"ކޮރަޕްޝަންގެ މައްސަލަ މި ގައުމުގައި އޮންނަތާ ވަރަށް ދުވަސްވެއްޖެ،" ހަސީނާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ. "މި ހައިޖާނު ސާފުކުރަން އެބަ ޖެހޭ ... މި ދަނީ ފިޔަވަޅުތައް އަޅަމުން."

ހަސީނާ ވިދާޅުވީ އޭގެ ތެރޭގައި އޭނާގެ ގޭގައި ގެންގުޅުނު މަސައްކަތު މީހާ ނުވަތަ ޕިއޯންގެ މައްސަލަ ވެސް ހިމެނޭ ކަމަށެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އެއީ ކުރިން ފެން އުފުލުމުގެ ވަޒީފާއެއްގައި ހުރި މީހެކެވެ.

"އަޅުގަނޑުގެ ގޭގައި ކުރިން ޕިއޯނަކަށް އުޅުނު މީހާގެ އަތުގައި މިހާރު 4،000،000,000 ޓާކާ (34 މިލިއަން ޑޮލަރު) އެބަހުރި،" ހަސީނާ ވިދާޅުވި އެވެ.

"މިހާރު އޭނާއަށް ހެލިކޮޕްޓަރުގައި ނޫނީ ދަތުރެއް ނުކުރެވޭ. އޭނާ އެހާ ގިނަ ފައިސާ ހޯދީ ކިހިނެއް؟ މިކަން އެނގުމާ އެކު އަޅުގަނޑު ވާނީ ފިޔަވަޅު އަޅާފައި."

މިއީ ބަންގްލާދޭޝްގެ އެވްރެޖް މީހަކު 13،000 އަހަރު މަސައްކަތްކޮށްގެން ނޫނީ ނުލިބޭނެ އާމްދަނީ އެވެ.

ގާތްގަނޑަކަށް 170 މިލިއަން މީހުން ދިރިއުޅޭ ގައުމުގެ ބޮލަކަށް ޖެހޭ އެވްރެޖް ޖީޑީޕީ އަކީ 2،529 ޑޮލަރެވެ. -- އޭއެފްޕީ