25 ފެބުރުއަރީ 2017 - 15:19

ލަންޑަން (ފެބްރުއަރީ 25) – ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ވަކިކުރުމާ އެކު އޭނާގެ އުއްމީދުތައް މަރުވެއްޖެ ކަމަށް އެ ޓީމަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.

މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު ލެސްޓާ އަށް ލީގު ކާމިޔާބުކޮށްދިން ރަނިއޭރީ މަގާމުން ދުރުކުރަން އެ ކްލަބުގެ ވެރިން ނިންމީ ކްލަބް ރެލިގޭޓްވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. މި ސީޒަނުގައި ލީގުގައި ނަތީޖާތައް ދަށްވެ ރެލިގޭޝަނާ އެންމެ ޕޮއިންޓެއް ކުރީގައި އޮތް ނަމަވެސް އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. އެކަމަކު ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ސްޕެއިނުގެ ސެވިއްޔާ އަތުން ވަނީ ބަލިވެފަ އެވެ.
"މިދިޔަ ސީޒަނުގައި ޗެމްޕިއަންކަން ހޯދައި އަދި އެ ލިބުނު އުފާވެރިކަމާ އެކު އަހަރެން ދުށް ހުވަފެނަކީ ލެސްޓާގައި ހުރުން. ހިތާމައަކީ އެކަން ވާން ނެތުން،" ރަނިއޭރީ ބުންޏެވެ. "މި ދަތުރަކީ ވަރަށް އާދަޔާހިލާފު ދަތުރެއް އަދި (އެ ހަނދާންތައް) މުޅި އުމުރު އަހަންނާ އެކު ވާނެ. ކްލަބުގެ އެންމެންނަށް އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަން. އަހަރެމެން ހާސިލްކުރި ކާމިޔާބީގެ އެންމެންހާ ބައިވެރިންނަށް އަދި ވަކިން ހާއްސަކޮށް ކްލަބުގެ ސަޕޯޓަރުންނަށް."
ރަނިއޭރީ ބުނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ލެސްޓާގެ ސަޕޯޓަރުންގެ ހިތުން އޭނާ އަށް ޖާގަދީ އޭނާ އަށް ލޯބި ދިން ކަމަށެވެ.
"އަހަރެން ވެސް ތި އެންމެން ދެކެ ވަރަށް ލޯބިވޭ،" އުމުރުން 65 އަހަރުގެ ރަނިއޭރީ ބުންޏެވެ.
"އަހަރެމެން އެކުވެގެން ހާސިލްކުރި ކަންތައްތައް އެއްވެސް މީހަކަށް ނުގެންދެވޭނެ. އަހަރެން އުއްމީދުކުރަން އެ ކާމިޔާބީގެ މަތިން ހަނދާންކޮށް ކޮންމެ ދުވަހަކު ވެސް ހިނިތުންވާނެ ކަމަށް. އަހަރެން ވެސް އަބަށްދަށް އެ ހަނދާންކޮށް އުފާވެރިކަމުގެ އިހުސާސްކުރާނަން."
ރަނިއޭރީ ބުނީ ލެސްޓާގައި ހޭދަކުރި ދުވަސްތަކަކީ ހައިރާންކަމާއި އުފާވެރިކަމުން ފުރިވެގެންވީ ދުވަސްތަކެއް ކަމަށާއި ދުވަހެއްގެ ކޮޅުން ވެސް އެ ދުވަސްތައް މަތިން ހަނދާން ނައްތާނުލާނެ ކަމަށެވެ.
"ތި އެންމެންނާ އެކު ޗެމްޕިއަންކަން ހޯދުމަކީ ބޮޑު ޝަރަފެއް އަދި އުފަލެއް،" ރަނިއޭރީ ބުންޏެވެ.
މީގެ 30 އަހަރު ކުރިން 1986 ވަނަ އަހަރު ކޯޗިން ފެށި ރަނިއޭރީ ވަނީ އިޓަލީ އާއި ސްޕެއިން އަދި އިންގްލެންޑުގެ ބޮޑެތި ޓީމުތަކަށް އިރުޝާދުދީފަ އެވެ. އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ރޯމާ އާއި ނަޕޯލީއާ އެކު ކާމިޔާބެއް ނުހޯދުނަސް އޭނާ ވަނީ ފިއޮރެންޓީނާ އަށް އިޓަލީގެ ދެ ވަނަ ޑިވިޝަނާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްދީފަ އެވެ.
ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ވެލެންސިއާގައި ދުވަސްތަކެއް ހޭދަކުރި އިރު މީގެ ތެރެއިން ވެލެންސިއާ އަށް ޔުއެފާ އިންޓަޓޮޓޯ ކަޕާއި ސްޕެނިޝް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްދިނެވެ. ފަހުން ގްރީސް ގައުމީ ޓީމަށް ކޯޗުކޮށްދިން އިރު 2013 ވަނަ އަހަރު މޮނާކޯ ފްރާންސުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނެވެ.
އިންގްލެންޑުގެ ޗެލްސީ އަށް 2000 އިން 2004 އަށް ކޯޗުކޮށްދިން ރަނިއޭރީ ލެސްޓާއާ ހަވާލުވީ 2015 ވަނަ އަހަރެވެ. ގްރީސްއާ އެކު އެދެވޭ ނަތީޖާއެއް ހޯދިފައިނުވާތީ ލެސްޓާ އަށް އޭނާ ގެނައުމުން ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު ރަނިއޭރީ ވަނީ އެ ޓީމަށް ލީގު ކާމިޔާބުކޮށްދީ ކެރިއަރުގައި މީގެ ކުރިން ދެވިފައިނުވާ ހިސާބަކަށް ގޮސްފަ އެވެ. ލެސްޓާގެ މި ކާމިޔާބީ އަކީ ދުނިޔޭގެ ކުޅިވަރުގެ ތާރީހު ދުށް އެންމެ ހައިރާންކުރުވަނިވި އެއް ކާމިޔާބީ އެވެ. އެ ކާމިޔާބީއާ އެކު އޭނާ ވަނީ ފީފާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ވެސް ހޯދައިފަ އެވެ.