14 ޖޫން 2016 - 08:11

އުމުރުން އެންމެ 24 އަހަރުގައި ސާވިކަލް ކެންސަރު ޖެހުނު އަންހެނަކު އޭނާގެ ތަޖުރިބާތައް ޒުވާން އަންހެނުންނަށް ހިއްސާކުރަން ބޭނުންވި އެވެ. މި ބަލީގެ ނުރައްކަލުން އަންހެނުން ސަލާމަތް ކުރެވޭތޯ އެވެ.
ހީތާ ކީޓިންގެ އުމުރުން މިހާރު 25 އަހަރެވެ. އޭނާއަކީ އަޔަލެންޑްގެ ޓިޕެރަރީގައި ދިރިއުޅޭ މީހެކެވެ. އޭނާއަށް ސާވިކަލް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. މިއީ ސްމިއާ ޓެސްޓެއް ހަދާލައިގެން ވެސް ދެނެގަނެވޭ ބައްޔެއް ނަމަވެސް ގިނަ މީހުން އެއްގޮތަކަށް ވެސް މިފަދަ ޓެސްޓުތަކެއް ނުހަދަ އެވެ.
މި ބަލީގެ ނިޝާނެއްގެ ގޮތުން ކީޓިންގަށް ފުރަތަމަ ފާހަގަކުރެވެން ފެށީ މައްސަރު ކަންތައް ޖެހިގެން އުޅޭ ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގަ އާއި ޖިންސީ ގުޅުމަށް ފަހު ލޭ އަންނަން ފެށުމެވެ. ނަމަވެސް ޑޮކްޓަރުގެ އިރުޝާދު ހޯދަން ދިއުމުން އިރުޝާދު ދިނީ 25 އަހަރު ފުރެންދެން މަޑުކުރުމަށެވެ. ސަބަބަކީ އެ ގައުމުގައި ސަވައިކަލް ކެންސަރަށް ހިލޭ ޓެސްޓްކޮށްދޭން ފަށަނީ 25 އަހަރު ފުރުމުން ކަމަށް ވާތީ އެވެ.
ކީޓިންގެ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ މި ޕޯސްޓުގައިވާ ގޮތުން އޭނާއަށް ކެންސަރު ޖެހިފައިވާ ކަމަށް ކުޑަކޮށް ވެސް ހިތަކަށް ނާރަ އެވެ.
ލޭ އައުން އިތުރުވެ ގައިން ލޭ މަދުވާން ފެށުމުން ކީޓިންގް އަނެއްކާވެސް ޑޮކްޓަރަށް ދެއްކި އެވެ. އެފަހަރު އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން ބުންޏެވެ. އޭގެ ފަހުން އޮންކޮލޮޖިސްޓަކަށް ދެއްކުމުން ކީޓިންގް އަށް ސާވިކަލް ކެންސަރުގެ ފުރަތަމަ ސްޓޭޖްގައިވާ ކަމަށް ބުންޏެވެ.
ނަސީބަކުން ކެންސަރު ހުރީ ހަމައެކަނި ކީޓީންގްގެ ސާވިކްސްގަ އެވެ. ސާޖަރީ ހަދައިގެން މިހާރުން ފަރުވާ ހޯދި މުޅިން ފަސޭހަ ކުރެވެ އެވެ.
މިހާރު ކީޓިންގް އަކީ ކެންސަރު އެއްގޮތަކަށް ވެސް ނެތް މީހެކެވެ. ނަމަވެސް އޭނާގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި އަދި އެންމެ ވޭންހުރި ތަޖުރިބާ އެހެން މީހުންނަށް ކިޔައިދޭން އޭނާ ބޭނުންވި އެވެ. އޭނާއަށް ދިމާވި ފަދަ ގޮތެއް އެހެން މީހަކަށް ދިމާވާން ނޭދޭތީ އެވެ.
އޭނާގެ ވާހަކަ އެހެން މީހުންނާ ހިއްސާ ކުރަނީ ސާވިކަލް ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށެވެ.
ކީޓިން ބުނާ ގޮތުން ސާވިކަލް ކެންސަރުގެ އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
އާދާގެ ގޮތަށް ލޭ އަންނަ ދުވަސްވަރު ނޫން ދުވަސްތަކުގައި ވެސް ލޭ އައުން، މައްސަރު ކަންތައް ޖެހިގެން އުޅޭއިރު މާގިނައިން ލޭ އައުން، ޖިންސީ ގުޅުން ހިންގުމަށްފަހު ލޭ އައުން އަދި އިއްދައިން ކެނޑުމަށް ފަހު ލޭއައުން، ނުބައި ވަސް ދުވާ ޑިސްޗާޖެއް ހުރުން، ދަށްބަނޑުގައި ބުނަން ނޭނގޭ ކަހަލަ އުނދަގޫތަކެއް ނުވަތަ ތަދު ހުރުން ނުވަތަ ޖިންސީ ގުޅުން ހިންގާއިރު ތަދުވުން.
މި އަލާމާތްތަކުގެ ތެރެއިން އެންއެޗްއެސްގެ ގައިޑްލައިންވާ ކަންތައްތަކުގެ ތެރޭގައި ބަނޑުހިކުން، ކުޑަކަމުދާއިރު ލޭ އައުން، ބަރުދަން ލުއިވުން އަދި ކާހިތްނުވުން ހިމެނެ އެވެ.
މި ބަލިން ސަލާމަތްކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އުމުރުން 21 އަހަރުން ފެށިގެން ޕެޕް ސްމިއާ ޓެސްޓް ހަދަމުން ދިއުމެވެ.