އުތުރާއި މެދު ރާއްޖެއަށް މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ
އުތުރާއި މެދު ރާއްޖެއަށް މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ

އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވާން މެޓް އޮފީހުން މިރޭ އިލްތިމާސްކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާ ހެނދުނު 6:00ގެ ނިޔަލަށް އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރު ފޯރައި ގުރުރުން އެކަށީގެންވާ ކަމަށް ބުންޏެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުންޏެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، އުތުރާއި މެދު ރާއްޖޭތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

ދެކުނުގެ ހިސާބުތަކަށް ރާޅުގެ އުސްމިން 1-3 ފޫޓުގައި ހުއްޓަސް އުތުރާއި މެދު ރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 3-5 ގައި ފޫޓުގަ އެވެ.