26 ފެބުރުއަރީ 2017 - 06:14

ފިލްމެއްގައި ފުލުހެއްގެ ރޯލް ކުޅޭކަށް އެކްޓަރު އަލީ ސީޒަން އަލެއް ނުވާނެ އެވެ. އޭނާ 2015 ވަނަ އަހަރު ޑައިރެކްޓްކޮށް، އެކްޓް ވެސް ކުރި "އަހްޝަމް" އަކީ ފުލުހެއްގެ މަސައްކަތުގެ މައްޗަށް ހެދި ފިލްމެކެވެ.

މީގެ ކުރިން ދިވެހި ފިލްމަކުން ނުފެންނަ ވަރަށް އެ ފިލްމަކީ އެކްޝަން މަންޒަރުތަކެއް ވެސް ފެނިގެން ދިޔަ ފިލްމެކެވެ. ހަމައެއާ އެކު ފިލްމުގައި ސީޒަން ވަނީ ބޮޑެތި ސްޓަންޓްތަކެއް ވެސް ހަދައިފަ އެވެ.

ށ. މިލަންދޫގައި މިހާރު ޝޫޓް ކުރަމުން އަންނަ "ނޯޓީ 40" އަކީ ސީޒަން އަނެއްކާ ވެސް ފުލުސް ޔުނިފޯމްގައި ފެނިގެން ދާނެ ފިމްކެވެ. އެކަމަކު "އަހްޝަމް" ކެރެކްޓާ އާއި މި ފަހަރު ކުޅޭ ޒާހިދުގެ ކެރެކްޓާގައި އެއްވެސް ގުޅުމެއް ނެތެވެ.
"އަހްޝަމް ފިލްމަކީ މުޅި އެތި ފުލަހަކަށް ބޭސްވެފައި އޮތް އެއްޗެއް. އަނެއްކާ ވަރަށް ބްރޯޑް އެންގަލުން ފުލުހެއްގެ ދައުރު އެ ފިލްމުން ފެންނާނެ،" ސީޒަން ބުންޏެވެ. "އެކަމަކު ނޯޓީ ފޯޓީގައި ޔުނިފޯމްގައި ފެނުން ފިޔަވައި، ފުލުހެއްގެ ގޮތުގައި ކުރާ މަސައްކަތް އެހާ ބޮޑަކަށް ނުފެންނާނެ. އެހެންވެ އެއީ ދެ ކެރެކްޓާގެ ތަފާތަކީ. އެހެންވެ މި ރޯލަށް ތައްޔާރުވާކަށް މި ފަހަރު އަނެއްހެން މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭ."
އޭނާ ބުނީ ބޮޑު ކާސްޓެއް ހިމެނޭ "ނޯޓީ 40" ގައި ކުޅެން ލިބުނު ކެރެކްޓާއަކީ މުޅި ފިލްމަށް ބަލައިފި ނަމަ، އެންމެ ވަރުގަދަ އަދި އެންމެ ޝައުގުވެރި އެއް ކެރެކްޓާ ކަމަށެވެ.
"ޔަގީނުން ވެސް މި ރޯލް ބެލުންތެރިންނަށް ވަރަށް ކަމުދާނެ. ވަރަށް ހިތްހަމަޖެހޭ ކަހަލަ ގޮތަކަށް ޑިވެލޮޕްކޮށްފައި އިން ކެރެކްޓާއެއް މިއީ،" ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ފިލްމާ ބެހޭ ގޮތުން ސީޒަން ބުންޏެވެ. "ދެން ޔޫއްޕެ މުޅި ޕްރޮޑަކްޝަން ހެންޑްލް ކުރާ ގޮތާ ދޭތެރޭ ވެސް ހިތްހަމަޖެހޭ. ވަރަށް ރަނގަޅަށް ބުނެ ދީގެން ސީންތައް މި ނަގަނީ."
އޭނާ ބުނީ ޝޫޓިން ކުރިއަށްދާ ވަރަކުން ފިލްމުގެ ރަފް އެޑިޓިންއެއް ވެސް ޔޫއްޕެ މިލަންދޫގައި ހަދަމުން އަންނަ ކަމަށެވެ.
"އެހެންވީމަ ފައިނަލް ޕްރޮޑަކްޓް އޮންނާނެ ގޮތް ވަޒަންކޮށްލެވޭ. ވަރަށް ފުރިހަމަ ރީތި، މަޖާ ފިލްމަކަށް ހަމަ ގައިމު ވެސް ނޯޓީ ފޯޓީވެގެން ދާނެ،" ލަންކާގައި ހުރެފައި ޝޫޓިން އައި ސީޒަން ބުންޏެވެ.
ސީޒަންއާ އެކު "ނޯޓީ 40" ގައި ޔޫއްޕެ، މުހައްމަދު، މަނިކު، ނިއުމާ މުހައްމަދު އަދި އަހުމަދު ސައީދު ފަދަ ތަރިންނާ އެކު، ވިދަމުން އަންނަ ޒުވާން ބައެއް ތަރިން ވެސް ފެނިގެން ދާނެ އެވެ. އަދި އާ އެކްޓަރުންތަކެއް ވެސް މި ފިލްމުން ތައާރަފު ވާނެ އެވެ.
ނިއުމާ އާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ "ނޯޓީ 40" ސިނަމާ އަށް އަންނާނީ އޮގަސްޓް 2 ގަ އެވެެ.