15 ޖުލައި 2024 - 16:57

ނޭޕާލުގެ އާ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ނޭޕާލްއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުން އަދި ހާރިޖީ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓުމަށްޓަކައި އޮލީގެ ބޮޑުވަޒީރު ކަމުގައި އެ ގައުމާ އެކު ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.
ނޭޕާލާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކުރީ އޮގަސްޓް 1، 1980 ގަ އެވެ.
އުމުރުން 72 އަހަރުގެ އޮލީ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ނޭޕާލުގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އޭނާއަކީ ނޭޕާލުގެ އެންމެ ބޮޑު ކޮމިއުނިސްޓް ޕާޓީ، ނޭޕާލް-ޔުނައިޓެޑް މާކްސިސްޓް ލެނިނިސްޓްގެ ލީޑަރެވެ.
އޭނާ އަށް ބޮޑުވަޒީރު ކަން އަލުން ލިބުނީ ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު އެންމެ ބާރުގަދަ ދެ ޕާޓީ ކަމަށްވާ ކޮމިއުނިސްޓް ޕާޓީ އާއި ނޭޕާލްގެ ކޮންގްރެސް ޕާޓީން ކޯލިޝަނެއް ހެދުމުންނެވެ.
ފުރާވަރުގައި ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި އޮލީ ވަނީ ނޭޕާލުގައި އޮތް ރަސްކަމުގެ ނިޒާމު ވައްޓާލުމަށްޓަކައި ކުރި ވަރުގަދަ ކެމްޕޭނާ ގުޅިގެން 14 އަހަރު ޖަލުގައި ހޭދަކުރައްވައިފަ އެވެ. އޭނާ ކޮމިއުނިސްޓް ޕާޓީއާ ގުޅިވަޑައިގަތީ ޖަލުން މިނިވަންވުމަށް ފަހު 1987 ގަ އެވެ.
ނޭޕާލުގެ ބޮޑުވަޒީރަކަށް އެންމެފަހުން ހުންނެވީ ޕުޝްޕާ ކަމާލް ދަހަލް އެވެ. އޭނާއަށް މަގާމު ގެއްލުނީ 18 މަހަށްފަހު މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމުންނެވެ.