25 ފެބުރުއަރީ 2017 - 14:37

ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމްކުރުމަށާއި ދަރަނި އަދާކުރުމަށް ބޮޑު އަހަމިއްޔަތުކަމެއް ދީފައިވާ 59.8 މިލިއަން ރުފިޔާގެ ބަޖެޓެއް އެފްއޭއެމުން މިއަދު ހެނދުނު ފާސްކޮށްފި އެވެ.
ސްޓެލްކޯ ޖަލްސާކުރާ މާލަމުގައި ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަނުގެ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުގެ އިއްތިފާގުން ފާސްކުރި ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 59.1 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 668،003ރ. ގެ ދަރަނި ބަޖެޓެކެވެ. އެކަމަކު އަހަރު ކުރިއަށްދާ ވަރަކަށް ބައެއް ދިމަދިމާލުން ހަރަދުކުޑަކޮށް ތިލަފަތް ހަމަހަމަ ބަޖެޓަކަށް ހެދޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.
ބަޖެޓަށް އެންމެ ބޮޑު އަދަދެއް ލިބެނީ ފީފާގެ ފަރާތުންނެވެ. އެގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާގެ ފަރާތުން އެފްއޭއެމަށް 30.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވެ އެވެ. އޭއެފްސީން 3.8 މިލިއަން ރުފިޔާ، ސްޕޯޓްސް މިނިސްޓްރީން 1.8 މިލިއަން ރުފިޔާ، ސްޕޮންސާޝިޕުން 13 މިިލިއަން ރުފިޔާ އަދި ޓިކެޓް ވިއްކައިގެން 2.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ޖަހާފައިވެ އެވެ.
އެފްއޭއެމުން އަންޒާދާކޮށްފައިވާ ގޮތުގައި އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފަލަސްތީނާއި އޮމާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން އެއް މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތެރޭގެ ޓީމުތައް ވެސް ހިމެނޭތީއާ އެކު ގިނަ ބަޔަކު ދަނޑަށް ވަދެ އެ މުބާރާތުން ގޭޓް ފައިސާގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވެ އެވެ.
ސްޕޮންސާޝިޕުން ލިބޭނެ ކަމަށް އަންޒާދާކުރާ 13 މިލިއަން ރުފިޔާގެ ތެރެއިން 2.3 މިލިއަން ރުފިޔާ އަކީ ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސާ އަތުން ލިބޭނެ ކަމަށް ލަފާކުރާ އަދަދެކެވެ. މާލޭ ލީގު ސްޕޮންސާކޮށްފައިވާ އެސްޓީއޯ އިން 1.5 މިލިއަން ރުފިޔާ އަދި އަތޮޅު ޗެމްޕިއަންޝިޕުގެ ސްޕޮންސާޝިޕުގެ ގޮތުގައި 3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.
އެކި ދިމަދިމާލުން ކުލީގެ ގޮތުގައި އެފްއޭއެމަށް 816،00ރ. އަދި އެހީގެ ގޮތުގައި 5.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓްކޮށްފައިވެ އެވެ.
އެފްއޭއެމުން މިއަހަރުގެ ބަޖެޓުން އެންމެ ބޮޑު ބަޔެއް އެލޮކޭޓްކޮށްފައިވަނީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށެވެ. އެގޮތުން އެކަމަށް 23 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އެ ފައިސާގެ ތެރެއިން އަތޮޅުތަކުގެ ދަނޑުތަކާއި އެހެނިހެން ވަސީލްތައްތައް ގާއިމްކުރާނެ ކަމަށާއި އަދި މާލޭގައި އިތުރު ދެ ޓާފް ދަނޑު އެޅުމަށް ނިންމާފައިވާ ކަމަށެވެ. މާލޭ ލީގާއި ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާއިރު ގިނަ ޓީމުތަކެއް ޕްރެކްޓިސްކުރަން ޖެހޭތީ އެދަތިކަން ފިލުވުމަށްޓަކައި މާފަންނު ސްޓޭޑިއަމުގައި އިތުރު ދެ ޓާފް ދަނޑު މި ބަޖެޓުން އެޅުމަށް ވަނީ ނިންމައިފަ އެެވެ.
ބަޖެޓުގައި ވަނީ ދަރަނި އަދާކުރުމަށްޓަކައި ތިން މިލިއަން ރުފިޔާ ވެސް ހިމަނައިފަ އެވެ. ބައްސާމް ވިދާޅުވީ އެފްއޭއެމްގައި 22 މިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތް ކަމަށާއި އެ އަދަދު ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެއް ކަމަށެވެ. އަދި މިއީ ބަޖެޓުގައި ދަރަނި އަދާކުރަން އަދަދެއް ކަނޑައެޅި ފުރަތަމަ ފަހަރުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މާކެޓިން އަށް ތިން މިލިއަން ރުފިޔާ، ގައުމީ ޓީމަށް ހަ މިލިއަން ރުފިޔާ، މުބާރާތްތަކަށް އަށް މިލިއަން ރުފިޔާ، އިދާރީ ހަރަދުތަކަށް 7.9 މިލިއަން ރުފިޔާ އަދި ވިމެންސް ފުޓްބޯޅައަށް 1.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހިމަނައިފަ އެވެ.
މުބާރާތްތަކަށް ހަރަދުކުރާ 8 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު ހަރަދެއްކުރަނީ އަތޮޅު މުބާރާތަށެވެ. އެގޮތުން އެ މުބާރާތަށް 3.7 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. އޭގެ ތެރޭގައި ކްލަބްތަކަށް އެހީގެ ގޮތުގައި ދޭ 535،000ރ. ހިމެނެ އެވެ. ދިވެހި ޕްރިމިއާ ލީގަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އަކީ ލީގުގެ ގަދަ ހަ ޓީމަށް އިނާމް ފައިސާގެ ގޮތުގައި ދޭން ހަމަޖައްސާފައިވާ އަދަދެކެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް އެލޮކޭޓްކޮށްފައިވާ 6.1 މިލިއަން ރުފިޔާގެ ތެރެއިން ގައުމީ ޓީމުގެ ކޯޗުންގެ މުސާރައަށް އެފްއޭއެމުން 1.2 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. މި އަހަރު ރާއްޖޭން ވާދަކުރާ އޭޝިއަން ކަޕް ކޮލިފައިން އަށް 3.8 މިލިއަން ރުފިޔާ، ސާފް ޗެމްޕިއަންޝިޕަށް 872،550ރ. އަދި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރުމަށް 87،810ރ. ހަރަދުކުރާނެ އެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާމަން އިބްރާހިމް ނަޒީމް ވަނީ ބަޖެޓުގައި އިދާރީ ކަންކަމަށް ބޮޑު ހޭދައެއްކުރާތީ އެބައި މަދުކޮށް، މުބާރާތްތަކުގެ އިނާމް ފައިސާ އިތުރުކުރަން އެދިވަޑައިގެންފަ އެވެ. ބައްސާމް ވިދާޅުވީ އެފްއޭއެމުގެ ވިސްނުމަކީ ވެސް އިދާރީ ހަރަދުތައް މަދުކޮށް ވީހާ ވެސް އެފިޝިއެންޓްކޮށް އެފްއޭއެމް ހިންގުން ކަމަށާއި ނަމަވެސް އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. އަދި މި އަހަރު އިނާމް ފައިސާ ބޮޑުނުކުރީ ދަރަނި އަދާކުރަން ސަމާލުކަންދިނުމުގެ ގޮތުން ކަމަށާއި އަންނަ އަހަރު އިނާމް ފައިސާ ބޮޑުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ކޮންގްރެސްގައި ބައިވެރިވީ ކްލަބް ވެލެންސިއާ، މާޒިޔާ، ނިއު ރޭޑިއަންޓް، ޓީސީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓަރީ، ވިކްޓަރީ، ޕީކޭ، މަހިބަދޫ، ކުޑަހެންވޭރު ޔުނައިޓެޑް، ބީޖީ ސްޕޯޓްސް އަދި ރެޑްލައިން ކްލަބެވެ.
ބައްސާމް ވަނީ ބައެއް ކްލަބްތަކުން ކޮންގްރެސް އަށް ހާޒިރުނުވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އޭގެން ދައްކައިދެނީ ފުޓްބޯޅައިގެ ކުރިއެރުމަށް އެ ކްލަބްތަކުގެ ޝައުގުވެރިކަން ނެތުން ކަމަށާއި ކްލަބްތަކަށް ދިމާވާ ދަތިތަކުގެ ވާހަކަތައް ވެސް މީޑިއާގައި ދެއްކުމުގެ ބަދަލުގައި ކޮންގްރެސްގައި ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"މިތަނަށް އައިސް އެ ވާހަކަތައް ދައްކަންވީ. ރަނގަޅުކުރަން ޖެހޭ ކަންކަމާއި އެހީތެރިކަން ބޭނުންވާ ކަންކަމުގެ ވާހަކަތައް އައިސް ކޮންގްރެސްގައި ދައްކަންވީ. މީޑިއާގައި ދައްކައިގެން އެ ހުރިހާ ކަމަކަށް ހައްލެއް ލިބޭނެ ކަމަށް ބަލައިގެން ނުވާނެ،" ބައްސާމް ވިދާޅުވި އެވެ.
ކޮންގްރެސްގައި ވަނީ ދެ ވަނަ ޑިވިޝަނުގެ ދަ ގްރޭންޑް އަމިގޯސް އާއި ތިން ވަނަ ޑިވިޝަނުގެ އެލްކިއު ސްޕޯޓްސް ކްލަބް އަދި ލެގޫންސް ސްޕޯޓްސް ކްލަބަށް އެފްއޭއެމްގެ ފުލް މެމްބަޝިޕް ދިނުމަށް ފާސްކޮށްފަ އެވެ.