15 ޖުލައި 2024 - 10:48

ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފަށަން ތާވަލުކުރި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަން އޭނާ އަންގަވައިފި
އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު އޭނާއަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް ސިޓީގައިވެ އެވެ.
އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
މިއަދުގެ ހެނދުނު 11:00 އަށް ތާވަލް ކޮށްފައިވާ ބައްދަލުވުމުގައި އޮތީ އެ މައްސަލައާ ގުޅޭ ގޮތުން ގަވަރުނަރާ ބައްދަލުކޮށް، ސުވާލު ކުރުމެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ކޮމިޓީ އަށް އެޖެންޑާ ކުރުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ މާލީ މައްސަލަތަކަށް އަލިއަޅުވާލައި އެމްއެމްއޭ އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ފޮނުއްވައިފަ އެވެ.
ގަވަރުނަރަށް ވަޑައިނުގެންނެވޭނެ ކަން އެންގެވުމާ އެކު މިއަދުގެ ކޮމިޓީ ވަނީ ކެންސަލްކޮށްފަ އެވެ.
ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.
އެމްއެމްއޭ ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ނާޒިމް މަޖިލިހުގައި ވިދާޅުވީ، ގައުމުގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ.
އެ އޮތޯރިޓީގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ސަރުކާރަށް ލަފާދިނުމާއި މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަމަލީ ގޮތުން ގަވަރުނަރު އަލީ ހާޝިމް ހަރުދަނާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ،" އޭނާ ވިދާޅުވި އެވެ.