25 ފެބުރުއަރީ 2017 - 14:47

އިސްލާމްއާބާދު (ފެބްރުއަރީ 25) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ މަތިންދާ ބޯޓެއް ސައުދީ އަރަބިއާ އަށް ކުރި ދަތުރުގައި ހަތް ޕަސިންޖަރަކު ބޯޓުގައި އިތުރަށް ތިބި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ޖެނުއަރީ 20 ވަނަ ދުވަހު މަދީނަށް ދަތުރު ކުރި ފްލައިޓުގެ ޖާގަ އަށް ވުރެ އިތުރަށް ތިބި ހަތް ޕަސިންޖަރުން ދަތުރު މަތީގައި ހަތަރު ގަޑިއިރު ތިބެން ޖެހުނީ ކޮޅަށެވެ. މި ދަތުރުގެ ވާހަކަތައް ފެންމަތިވެފައި މި ވަނީ ޑޯން ނޫހުން އެ ވާހަކަތައް ގެނެސް ދިނުމުންނެވެ. ނޫހުން ބުނީ އިތުރަށް ތިބި ޕަސިންޖަރުންނަށް ބޯޑިން ޕާސް ދީފައި ވަނީ އަތުން ލިޔެގެން ކަމަށެވެ.
އޭވިއޭޝަން ތަޖްރިބާކާރުން ބުނަނީ ފްލައިޓުގެ ޖާގަ އަށް ވުރެ އިތުރަށް ޕަސިންޖަރުން ތިބުމަކީ އިމަޖެންސީ ހާލަތެއް ދިމާވި ނަމަ ވަރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. ސަބަބަކީ އެފަދަ ހާލަތެއްގައި ޕަސިންޖަރުންނަށް ވާވަރަށް އޮކްސިޖެން ނުލިބޭނެ ކަމަށް ވާތީ އެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މަތިންދާ ބޯޓުގެ ޖާގައަށް ވުރެ އިތުރަށް ޕަސިންޖަރުން އުފުލި ފުރަތަމަ ފަހަރު ކަމަށެވެ.
ކަރާޗީން މަދީނާ އަށް ދަތުރު ކުރި ޕީއައިއޭގެ ބޯޓުން ވަނީ 416 މީހުން ދަތުރުކޮށްފަ އެވެ. ބޯޓުގެ ޖާގަ އަކީ ކްރޫންނާ އެކު 409 އެވެ.
ޑޯން ނޫހުން ބުނި ގޮތުގައި ޕަސިންޖަރުންނަށް ނުރައްކާވާ ފަދަ މިވަރުގެ ބޮޑު ކަމެއް ކުރީމާ ވެސް އެއާލައިން ނުވަތަ މުވައްޒަފުންނާ ދެކޮޅަށް ޕާކިސްތާނުގެ ސިވިލް އޭލވިއޭޝަން އޮތޯރިޓީން ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. އެއާލައިނުގެ މުވައްޒަފުންނާ ހަވާލާދީ ނޫހުން ބުނީ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ގްރައުންޑް ސްޓާފުން ކަމަށެވެ. ކޮމްޕިއުޓާ ބޯޑިން ޕާހުގެ ބަދަލުގައި އަތުން ލިޔެގެން ބޯޑިން ޕާސް ދޫކޮށްފައި ވަނީ ގްރައުންޑް ސްޓާފުން ކަމަށް ބުނެފައިވެ އެވެ. އަދި ބޯޓުގައި އިތުރަށް ޕަސިންޖަރުން ތިބި ވާހަކަ ބޯޓު ނައްޓާލުމުގެ ކުރިން ކެޕްޓަން އަންވަރު އާދިލް އަށް އަންގާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ބޯޓުގައި އިތުރަށް ޕަސިންޖަރުން ތިބި ކަން ބޯޓުގެ ދޮރު ލެއްޕުމުގެ ކުރިން އަންގައިފައެއް ނުވޭ. ބޯޓު ނައްޓާލުމަށް ފަހު ކަރާޗީގައި ކުއްލިއަކަށް އަނބުރާ ޖެއްސުމަކީ ފަސޭހަ ކަމެއް ނޫން. ސަބަބަކީ ބޯޓު ޖައްސާ ނަމަ ގިނަ އަދަދެއްގެ ތެޔޮ އަންދާ ހުސްކުރަން ޖެހޭ،" ކެޕްޓަނާ ހަވާލާދީ ނޫހުން ބުނެފައިވެ އެވެ.
ޕީއައިއޭގެ ތަރުޖަމާނަކު ވިދާޅުވީ މި މައްސަލަ ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގަށް ކިހާ ދުވަހެއް ނަގާނެކަން އޭނާ ވިދާޅެއް ނުވެ އެވެ.