ޖޫލިއަން އަސާންޖްގެ ދިފާއުގައި ޕަމޭލާ އެންޑަސަން
ޖޫލިއަން އަސާންޖްގެ ދިފާއުގައި ޕަމޭލާ އެންޑަސަން

ވިލިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންޖާއި ހޮލީވުޑްގެ ބަތަލާ ޕަމެލާ އެންޑަސަންއާ ބެހޭ ގޮތުން ފަހަކަށް އައިސް ވަރަށް ތަފާތު ވާހަތަކެއް އަންނަނީ ދެކެވުމުންނެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުން އުޅެނީ ރައްޓެހިވެގެންނެވެ.

އެގޮތަށް ތުހުމަތުކުރަން ފެށީ ފަހަކަށް އައިސް އަސާންޖާ ބައްދަލުކުރަން "ބޭވޮޗް" ގެ ބަތަލާ މާގިނައިން ދާތީ އެވެ.

ރޭޕްގެ ތުހުމަތުގައި ސްވިޑްން އިން، އަސާންޖު ހައްޔަރުކުރަން އުޅޭ އިރު، ލަންޑަނުގައި ހުންނަ އިކްއެޑޯގެ އެމްބަސީން ހިމާޔަތް ހޯދައިގެން އެތަނުގައި އޭނާ ދިރިއުޅޭތާ މިހާރު ހަތަރު އަހަރެއްހާ ދުވަސްވެއްޖެ އެވެ.

އެމްބަސީ އަށް ޕަމެލޭ މާ ގިނައިން ވަދެ ނިކުމެ އުޅޭ ތަން ފެންނާތީ އާއި އޭނާ އާއި އަސާންޖާ ބެހޭ ގޮތުން އިވެމުންދާ އަޑުތަކުން ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަކަން ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.

މީގެ ކުރިން އަސާންޖް، 45، ވަނީ ޕަމެލޭއަކީ ވަރަށް ރީތި އަދި ފުރިހަމަ އަންހެނެއް ކަމަށް ބުނެފަ އެވެ.

އެ ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ޕަމޭލާ، 49، މިހާރު ވަނީ ރައްދު ވެސް ދީފަ އެވެ.

"ބާބް ވަޔާ" އާއި ނޭކެޑް ސޯލްސް" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ބުނީ މިހާތަނަށް ހަތަރު ކައިވެންޏެއްކޮށްފައިވާ އިރު، ކުރީގެ ފިރިންނާ އެކު ވަގުތު ހޭދަ ނުކުރާ ވަރަށް އަސާންޖާ އެކު ވަގުތު ހޭދަކޮށް، ވާހަކަ ދެކެވިފައިވާ ކަމަށެވެ.

"އެކަމަކު އެއީ ލޯބީގެ ގޮތުން އަހަރެން ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމެއް ނޫން،" ރޭޑިއޯ ޝޯ "ދަ ކައިލް އެންޑް ޖެކީ އޯ" ގައި ޕަމޭލާ ބުންޏެވެ.

އޭނާ ބުނީ އަސާންޖާ ބައްދަލުކޮށް ވާހަކަ ދައްކަނީ އޭނާގެ ދިފާއުގައި މަސައްކަތްކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ރޭޕްގެ ތުހުމަތުގައި ސްވިޑްން އިން އަސާންޖް ހޯދަނީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް ޕަމެލާ ބުންޏެވެ.

"ޖިންސީ މައްސަލަތަކަށް ސްވިޑްންގައި ވަރަށް ވަރުގަދަ ގާނޫނުތަކެއް އެބަހުރި ހަދާފައި. އެކަމަކު އޭގެ ބޭނުން އެންމެ އެދެވޭ ގޮތަގައި ހިފަމުންނެއް ނުދޭ. އެ ގާނޫނު އޮތީ ވާގި ނެތިފައި،" ޕަމޭލާ ބުންޏެވެ. "ގާނޫނުގެ ދަށުން އަސާންޖްގެ މައްޗަށް ވެސް ކުރަނީ އަސްލެއް ނެތް ތުހުމަތެއް، ދައުވާއެއް."

އޭނާ އަދި ބުނީ ޖިންސީ ގޯނާގެ ތުހުމަތު އެޅުވި ދައުވާ އުފުލިފައިވާ ފިރިހެނުންގެ ދިފާއުގައި ކެމްޕޭނެއް ވެސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މިއީ ހަމައެކަނި އަސާންޖްގެ ދިފާއުގައި ކުރާ ކަމެއް ނޫން. މިއީ ޖިންސީ ގޯނާގެ ގާނޫނުގެ ޝިކާރައަކަށްވެފައިވާ ހުރިހާ ފިރިހެނުންގެ ހައްގުގައި އަހަރެން ކުރާ މަސައްކަތެއް،" މީގެ ކުރިން ވެސް އަސާންޖް ދިފާއުގައި ވާހަކަ ދައްކާފައިވާ ޕަމޭލާ ބުންޏެވެ.