14 ޖުލައި 2024 - 20:20

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު އޮތް އެ ބައްދަލުވުމުގައި ރައީސް އާއި އިންޑިއާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކައިގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އާ ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ގަބޫލުފުޅުކުރައްވައި އިންޑިއާއަށް ވަޑައިގެންނެވީތީ ރައީސަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި ދެ ގައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި ސަފީރު ވަނީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދައުވަތަށް އެ ގައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާއިން އަދާކުރެއްވި މެހެމާންދާރީ އާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފައި އެވެ.