14 ޖުލައި 2024 - 16:42

މިދިޔަ ނޮވެމްބަރު މަހު މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް، ގަވާއިދާ ޚިލާފަށް އުޅުނު 2،000 އަށް ވުރެން ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން 2013 ބިދޭސީއަކު ވޭތުވެދިޔަ ހަތް މަސް ތެރޭގައި ފޮނުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ރަށްރަށުން ސީރިއަސް މައްސަލަތަކަށް ތުހުމަތުކުރެވުނު ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.
އިމިގްރޭޝަނުން މިހާރު އަންނަނީ، ގާނޫނުން މަނާކޮށްފައި ވަނިކޮށް ވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ހިންގާ ބިދޭސީން ހުއްޓުވައި އެތަންތަން ބަންދުކުރަމުންނެވެ.
ކޮންޓްރޯލަރު ވިދާޅުވި ގޮތުގައި މި ފަހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް ވަނީ 120 މީހަކު އަތުލައިގެންފަ އެވެ. އެ މީހުން ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
"އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ. އެ ބިދޭސީން ފުރުވާލެވޭނީ ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް،" ކޮންޓްރޯލަރު ވިދާޅުވި އެވެ.
އެ އޮޕަރޭޝަންގައި މިހާތަނަށް ވަނީ މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ވެސް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެ ތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގަނެފަ އެވެ. އަދި ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ވަނީ ހައްޔަރު ކޮށްފަ އެވެ.
އިިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ބަލައި ގާނޫނީ އިމުގެ ތެރެއަށް ބިދޭސީން ފައްތާނެ އެވެ. އޮޕަރޭޝަނުގައި ބައެއް ތަންތަން ބެލުމަށް މިފަހަރު ހުއްޓާނުލާނެ ކަމަށް ވެސް އެތަނުން ވަނީ ބުނެފަ އެވެ.