14 ޖުލައި 2024 - 13:06

ފެނަކައިން ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފި ވާހަކަ ދައްކަނީ ފިތުނަ އުފައްދަން ކަމަށް ބުނެ އެ ވާހަކަތައް އެ ކުންފުނިން އިއްޔެ ދޮގުކޮށްފި އެވެ.
ފެނަކައިން ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދައުރު ކުރަމުން ދަނީ އެ ފެނަކައިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިއުންތަކެއްގެ ނަކަލެއް ކަމަށެވެ.
ފެނަކައިން ބުނީ އެއީ ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ކުންފުނީގެ ޕްރޮކިއުމަންޓް މުއާމަލާތްތައް ހަރުދަނާކޮށް، ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތަކަށް ހުރަސް އަޅައި ފިތުނަ އުފެއްދުމަށް ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ.
"ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ޣައިރު ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖްތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް،" އެ ބަޔާނުގައި ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކުރިން ވަކި ދަތުރުތަކަށް ދޯނި ފަހަރު ނަގައި އެވްރެޖްކޮށް ހަތް މިލިއަން ރުފިޔާ މަހެއްގެ މައްޗަަށް ދަތުރުފަތުރަށް ހަމަޖައްސައި އެކަމުން ނާޖާއިޒު ފައިދާތަކެއް ބަޔަކު ނަގާފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
މިހާރު އެ ކުންފުނީގެ ދަތުރުތައް ކުރަނީ އެއްކުރެވެން ހުންނަ ދަތުރުތައް އެއްކޮށް އެންމެ ހަރަަދު ކުޑަވާނެ ގޮތަކަށް ކަމަށްވެސް ބަޔާނުގައި ވެ އެވެ.