14 ޖުލައި 2024 - 09:33

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނިކޮށް، އެ އިދާރާގެ ވެހިކަލެއްގައި ކޮޅުފައިން ޖެހުމުން އޭނާއަށް ހަރުކަށި ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި ރޭ ވެސް މާލެއިން ބަޔަކު ހުއްޓުވި ކަމަށެވެ. މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ރޭ ބަލައި ފާސްކޮށް، ބިދޭސީ ހަ ފިރިހެނަކާއި އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
"މީގެ ތެރެއިން ތިން ބިދޭސީން ހިންގަމުންދިޔަ ކެފޭއެއް ވަނީ ބަންދުކުރެވިފައި،" އިމިގްރޭޝަނުން ބުންޏެވެ.
އެމީހުންގެ ތެރޭގައި އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީއެއް ވެސް ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
"މި ފަރާތްތަކާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެ،" އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ މީހާއަށް ފިޔަވަޅު އަޅަނީ ރުޅި އައިސްގެން އިމިގްރޭޝަންގެ ވެހިކަލެއްގައި ކޮޅުފައިން ޖެހުމުންނެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިދިޔަ ހަފުތާއިން ފެށިގެން ހިންގާ މި ބޮޑު އޮޕަރޭޝަންގައި މިހާތަނަށް ވަނީ ގަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި ވިޔަފާރިކުރާ އަދި މަސައްކަތްކުރާ 100 އަށް ވުރެ ގިނަ ބިދޭސީން ހުއްޓުވައިފަ އެވެ. އެ އެންމެން ރާއްޖެއިން ޑީޕޯޓްކޮށްލުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.