ހަމާސްގެ އަސްކަރީ ލީޑަރަށް ދިން ކަމަށް ބުނާ ހަމަލާގައި 70 އަށްވުރެ ގިނަ މަރު
ހަމާސްގެ އަސްކަރީ ލީޑަރަށް ދިން ކަމަށް ބުނާ ހަމަލާގައި 70 އަށްވުރެ ގިނަ މަރު

އިޒްރޭލުން ހަމާސްގެ އަސްކަރީ ލީޑަރު މުހައްމަދު އައް ޟައިފް އަށް އަމާޒުކޮށް އިއްޔެ ޣައްޒާގެ އުތުރުގައި ދިން ހަމަލާއެއްގައި 70 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ.

އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާ ހެދި ގެދޮރު ގެއްލި ހާލުގައިޖެހިފައިވާ މީހުން އުޅޭ ކޭމްޕަކަށް މި ހަމަލާ ދިނީ ޟައިފްގެ އިތުރުން ހަމާސްގެ ކޮމާންޑަރެއް ކަމަށްވާ ރަފާ ސަލާމާ އަށް އަމާޒުކޮށް ކަމަށް އިޒްރޭލުން ބުންޏެވެ.

އިޒްރޭލުން ބުނަނީ ޟައިފް އާއި ރަފާ އަކީ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާގެ މޭސްތިރިން ކަމަށެވެ.

އިޒްރޭލުން ޣައްޒާގައި ކަނޑައަޅާފައިވާ "ރައްކާތެރި" ސަރަހައްދެއް ކަމަށްވާ އަލް މަވާސީގައި އެތައް ބަޔަކު މަރުވި މި ހަމަލާތައް ކުށްވެރިކޮށް ބައެއް ގައުމުތަކުން ވަނީ ބަޔާން ނެރެފަ އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އަލް މަވާސީގައި އިޒްރޭލުން ހިންގިީ "އަނިޔާވެރި ގަތުލުއާންމެއް" ކަމަށާއި މަދުވެގެން "71 ޝަހީދުވެ 289 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އިޒްރޭލުން ބުނީ މިއީ ޟައިފަށް އެކަނި އަމާޒުކުރި ހަމަލާއެއް ކަމަށާއި ހަމަލާ ދިނީ ހުސް ބިމަކަށް ކަމަށެވެ. އެއީ އިމާރާތްތަކާއި ފޭލިގެތަކުން ފުރިފައިވާ ހުސް މައިދާނެ ނޫން ކަމަށާއި އޮޕަރޭޝަނަލް ކޮމްޕައުންޑެއް ކަމަށް ބުންޏެވެ.

ހަމާސް އިން ބުނީ މިއީ ޟައިފަށް ދިން ހަމަލާއެއް ކަމަށް ބުނަނީ ގަތުލް އާންމު ސިއްރުކުރުމުގެ ބޭނުމުގައި ކަމަށެވެ. -- އޭއެފްޕީ