ބިންގަރާސް
ބިންގަރާސް

ބުދަ ދުވަހާ ގުޅޭ

"އަހަރެން ބަލާ މަންމަ އައިއްސިއްޔާ މިހާރު ވެސް ތި ގެއަށް ދާ ގޮތަށް މިހިރީ." ނަޖްވާން ބުންޏެވެ.

ކުއްލިއަކަށް ފޯނުގެ އަޑު ކެނޑުނެވެ.

"ހަލޯ.. ހަލޯ!" ނަޖްވާން ބުންޏެވެ. "މަންމާ!؟"

ދެން އަމުދުން ނަޖްވާނަކަށް ނުނިދުނެވެ. ފަތިސްވީ އިރު ވެސް އޮންނަންޖެހުނީ ހޭލައެވެ. ހިތަށްއެރިއެވެ. ދިފްލާ ގުޅަން ބުނީ ހެނދުނުއެވެ. އެ ކަމުގައި ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. އަވަސްއަރުވާލައިގެން ދަންވަރު ގުޅީ ކީއްކުރަންހެއްޔެވެ؟ ރާއިދުގެ މަންމަ ފޫހިވީއެވެ. ރުޅިއައީއެވެ. އެ ވާހަކަ ބުނެފިއްޔާ ދިފްލާ ވެސް ރުޅިއަންނާނެއެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟

ފަތިސްވިއެވެ. ހެނދުނުވިއެވެ. މަގުމަތީގެ ހަލަބޮލިކަން އިތުރުވަމުންދިޔަ ވަރަށް ނަޖްވާންގެ ހިތުވިންދު ވެސް ދިޔައީ އަވަސްވަމުންނެވެ. އިރުކޮޅަކުން ދިފްލާ ގުޅިއެވެ. ފާއިޒާއަށް ގުޅަން ނަޖްވާނަށް ހިތްވަރުދިނުމަށް ޓަކައެވެ. ނަޖްވާން ފޯނެއް ނުނެގިއެވެ. ދަންވަރު ކުރެވުނު މޮޔަކަންތަކުގެ ސަބަބުންނެވެ. ދެން ފެނުނީ ފާއިޒާ ގުޅިތަނެވެ. އެ ފޯނެއް ވެސް ނަޖްވާން ނުނެގިއެވެ. ހަމަޖެހިލެވޭތޯ މަސައްކަތްކުރަމުން، ފާއިޒާއަށް ދޭނެ ޖަވާބެއް ހިތުގައި ރާވަންއިނީއެވެ. ފުން ނޭވައެއް ބޭރުކޮށްލާފައި، ފާއިޒާއަށް ގުޅަން ފަރިކޮށްލި ވަގުތު އަނެއްކާ ވެސް ފާއިޒާ ގުޅިއެވެ.

"ހަލޯ މަންމާ! އެ ވީ ގޮތަކީ..." ނަޖްވާނަށް ބުނެވުނީ އެ ހިސާބަށެވެ.

"ދަރިފުޅު ރޭ ދަންވަރު މަންމައަށް ގުޅިން ދޯ؟" ފާއިޒާ ސުވާލުކުރިއެވެ.

"އާނ! އެ ވީ ގޮތަކީ.." އެ ފަހަރު ވެސް ނަޖްވާނަކަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.

"ނިދީގަ މަންމައަށް ކީކޭބާ ކިޔުނީ؟" ހީނގެންފައި ފާއިޒާ ބުންޏެވެ.

ނަޖްވާނަށް ލިބުނީ ހައިރާންކަމެކެވެ. މައިދައިތަ ރުޅިނާންނަކަން އެނގުމުން ހިތަށް ލިބުނު ފިނިކަމަކުން ދެލޯމަރައިލެވުނެވެ.

"އެހެނޭ ވާނީ އެހާ ދަންވަރު ގުޅީމަ،" ވަރަށް ހަމަޖެހިފައިހުރި ފާއިޒާ ބުންޏެވެ. "ކީއްވެ ގުޅީ؟"

"އެއީ ވާހަކައެއް ދައްކާލަންވެގެން،" ކުޑަކޮށް ކަންބޮޑުވަމުން ނަޖްވާން ބުންޏެވެ. "މަންމަ ރުޅިނާންނައްޗޭ!"

"ރުޅިއަންނާނެއްނު!" ނާސިހާ ބުންޏެވެ. "އެއްބައި ކެކިފަހުއްޓާވިއްޔަ ގޭސްފުޅިގަނޑު ހުސްވީ. މިހާރު ކިތައް ފަހަރު ގުޅިއްޖެ؟ މި ފޮނުވަނީ. އެ ކައިރިކުރަނީ. އިހަށް ދުވަހު އާ ގޭސްފުޅި ގުޅީ. މެދާ ހަމައަށްތަ އެ މީހުން މިހާރު ގޭސްއަޅަނީ؟ ތިޔަ ޓީވީގެ އަޑު ތަންކޮޅެއް މަޑުކޮށްލަބަލަ! ދަރުމަވާނެ."

ޓީވީބަލަންއިން މެހެރީން ޓީވީގެ އަޑު މަޑުކޮށްލިއެވެ. ތެދުވެގެން މަންމަ ކައިރިއަށް އައެވެ.

"ކޮން ކަމަކާތަ ހެނދުނުހެނދުނާ މަންމަ ރުޅިއައިސްގެން ތި އުޅެނީ؟" ނިކަން ލޯބިން މަންމަގެ ކޮނޑަށް އަތްއެއްލަމުން މެހެރީން ބުންޏެވެ. "ކުރިން ވެސް ގޭސްފުޅި ހުސްވޭ! މަންމަގެ ޓެންޕްރޭޗަރ ތިހާ މައްޗަކަށް ނުދޭ!"

"ހުރިހާ އެއްޗެއް ވެސް ދެން ދާނީ މައްޗަށް،" ނާސިހާ އެހެން ބުނެފައި، ތަންކޮޅެއް ފަރުވާކުޑަކޮށް އެނބުރިލެވުނު ގޮތަކުން އަތުން ޖެހިފައި ތަށްޓެއް ވެއްޓި ތަޅައިގެންދިޔައެވެ. "އެއީ ކާކު ބެހެއްޓި ތަށްޓެއް؟"

"މަންމަ!" ނަޖްވާން ބުނި އަޑުއިވުނެވެ.

ދެމައިން ބަލައިލި އިރު، ނިކަން ހިނިއައިސްފައި ނަޖްވާން ބަލަހައްޓައިގެން ހުއްޓެވެ.

"މީނަ ކޮން ކަމަކާ މިހާ ހިނިއައިސްފަ މިހިރީ؟" ނާސިހާ އެހިއެވެ. "ނާންނާތި މިކޮޅަށް. މެހެރީން ފިހިގަނޑު ދިއްކޮށްލާ!"

"ރާއިދު މަންމަ އެބަ އާދޭ އަހަރެން ބަލާ!" ވަރަށް އުފާވެފައި ނަޖްވާން ބުންޏެވެ.

"އޭނ؟" ވަރަށް ހައިރާންވެފައި ނާސިހާ އެހިއެވެ. "ރާއިދު ނެތީސް އޭނަ ކީއްކުރަން ދަރިފުޅު ގެންދަނީ؟ ބުނޭ ނުދާނަމޭ! ރާއިދު އައިސް ދަރިފުޅު ގެންދަންޖެހޭނީ. މީ ކުޅޭ ކުޅިވަރެއްތަ؟"

"މީ ހަމަ ގޭމެކޭ މަންމާ!" ޖަވާބުގައި ނަޖްވާން ބުންޏެވެ. "މި ޓީމުގަ އަހަރެން. އަނެއް ޓީމުގަ ރާއިދު. ރެފްރީއަކީ މައިދައިތަ. މަންމައަށް ވެސް އެނގެއެއްނު އެ ކަން. އަހަރެން މި ދަނީ ފޮށްޓަށް އެއްޗެހި އަޅަން."

އަޅަންއުޅުނު ކޭކު ދިފްލާ އަތުން ހަލާކުވިއެވެ. ގަނެވުނު ފުށެއްގެ ސަބަބުން ދިފްލާ ހީކުރި ގޮތަށް ކަންތައް ނުވީއެވެ. އަނެއްކާ އަނެއް ކޭކަށް ސާމާނު އެއްކުރަނިކޮށް ނަޖްވާން ގުޅިއެވެ. އަވަސްކުރަން ހަދައިގެން ދިފްލާއަށް ފޯނުނެގުނީ އަތް ނުވެސް ފުހެއެވެ.

"އަހަރެން ގުޅާގުޅާ!" ދިފްލާ ބުންޏެވެ. "އަދި ކިރިޔާ ދޯ މޯނިންގްވީ؟ މައިޓަށް ގުޅާބަލަ! މީ އޭނަ އެންމެ ރިލެކްސް މޯޑްގަ އިންނަ ގަޑި. މި ގަޑި ކަޓައިފިއްޔާ ދެން ގުޅޭނީ މާދަމާ!"

ނަޖްވާން ހޭން ފެށިއެވެ. ދިފްލާ ވީ ހައިރާނެވެ. ހިނިއަންނަ ކަހަލަ އެއްޗެއް ދިފްލާއަށް ނުބުނެވޭތީއެވެ.

"ރާއިދު މަންމަ އެބަ އާދޭ އަހަރެން ބަލާ!" ނަޖްވާން ވަރަށް އުފާވެފައި ބުންޏެވެ. "އަހަރެން މީނީ ޕެކް ވެސް ކޮށްގެން."

"ކޮބާ ހީވޭ! އެ އަންނަނީނު ބަލާ!" ދިފްލާ ވެސް ވަރަށް އުފާވެފައި ބުންޏެވެ. "މިހާރު ތީ ފާއިޒާ ބޭނުން ހުރިހާ ކޮލިޓީއެއް ހަމައަށް ހުރި ފުލް ޕެކޭޖެއް. ދެން ނުކެރޭނެ ނޯ ބުނާކަށް. ދެން ނުކެރޭނެ ގެއިން ނެރެލާކަށް ވެސް. ގަދަ އިނގޭ!"

"އަހަންނާ ދިމާއަށް ގަދައޭ ބުނާ އިރު ހުރިހާ ކްރެޑިޓެއް އަހަރެން ދޭނީ ދިފްލާއަށް،" އެ ހިސާބުން ނަޖްވާން ޖަޒުބާތީވިއެވެ. "ތެންކް ޔޫ ސޯ މަޗް އިނގޭ! އަހަންނަކަށް ހިޔެއް ނުވޭ އެއްވެސް މީހަކު..."

"ހޫނހޫނ! ދެން ހެވޭ!" ދިފްލާ ބުންޏެވެ. "ނަޖޫގެ މަންމަ ކީކޭ ބުނީ؟"

"އަހަރެން ބުނެފިން މަންމަ ކައިރީގަ ރާއިދު މަންމަ އެބަ އާދެއޭ ބަލާ!" ވަރަށް ގަޔާވެފައި ނަޖްވާން ބުންޏެވެ. "މަންމަ މިހާރު އެއް ހާސް ފަހަރު އަހައިފި ކީއްވެހޯ ރާއިދު ނެތީސް އަހަރެން ގެންދަނީ؟ އަހަރެން ބުނީ އަހަންނަކީ ރާއިދުގެ ވައިފޭ! ރާއިދު މަންމަ ބޭނުމިއްޔާ މަންމައަށް އަހަރެން ގެންދެވޭނެ ނޫންހޭ! ދެން މަންމަ އެބަ އިން ފާޑަކަށް ހިނިއައިސްފަ. ރުޅިއެއް ނާދޭ!"

ދިފްލާގެ ލޮލުން ފޭދުނު ކަރުނަ، އެއްވެސް ހިފޭއްޓުމެއް ނެތި ދިފްލާޔާ ވަކިވެގެން ހެދުމަށް އޮބުނެވެ. ދިފްލާއަށް އެނގެއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެއް ނޫނެވެ. ފޮނި، ހިތި ކަރުނައެކެވެ.

"ކޮބާ ހީވޭ! މަންމަ ވެސް ރުޅިއެއް ނަޔެއްނު!" އަޑުގައި ހިތާމައިގެ ކުލަ ޖެހުނު ނުދެމުން ދިފްލާ ބުންޏެވެ.

"ދެން ބުނީ އަވަހަށް ތައްޔާރުވެގެން އިންނާށޯ!" ނަޖްވާން ބުންޏެވެ. "ރާއިދު ބައްޕަ ނޫނީ މަންމަ އަތުވެއްޖެއްޔާ ދާށޯ! މައްސަލައެއް ނެތޯ! އެކަމަކު އެ ގޭގަ އުޅޭ މަސައްކަތުމީހާ ދަރިފުޅު ބަލާ ފޮނުވައިފިއްޔާ ގޮސްގެން ނުވާނޯ! ދެން އަހަރެން މިހާރު ރެޑީވެގެން މީނީ. އަދި ބަލައެއް ނާދޭ! ގުޅާނަން ފަހުން އިނގޭ!"

ފޯނުކޯލު ނިމުމުން ދިފްލާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕައި، މޫނުގައި ބާލީސް އަޅައި، އަޑުންއަޑުނަގައި ރޮއިގަތެވެ. ލޯބިވެރިޔާގެ އަތުގައި ހިފައިގެން ގެންގޮސް އެހެން މީހަކަށް ހަދިޔާކުރުމަކީ، ވާހަކަތަކުގައި ހިނގާ ކަމެކެވެ. ހިތަށް ކުޅަދާނަވާ ވަރުގެ ކަމެއް ނޫނެވެ. އެހެނަސް، ނަސީބު ކޮށްލާ ސަމާސައިގެ އޮޔެވަރުގައި ޖެހި، ހިތް އޮޔާދާ ފަހަރު އާދެއެވެ. ކަރުނަ ހުސްވާނެ ނަމަ، ހުސްވަންދެން ރޯން ޖެހޭ ފަހަރު ވެސް އާދެއެވެ. ދެން އިވުނީ، އުފަލުން ތެޅިފޮޅެމުން ނާސިހާ އައިސް ގެއަށް ވަން އަޑެވެ.

"މައުސޫމާ! މައުސޫމާ!" ނާސިހާ ގޮވާ އަޑު އިވުނެވެ.

އެ އަޑަށް ދިފްލާގެ މަންމަ މައުސޫމާ ނުކުތެވެ. ކަރުނަ ފުހެލައި، ހިތާމައިގެ މަތިން އުފާވެރި މޫނުމައްޗެއް އަޅައިގެން ދިފްލާ ވެސް ކޮޓަރިން ނުކުތެވެ. ކުރިން މަސައްކަތްކުރި ކޭކުގެ މަސައްކަތް ފެށިއެވެ. ކަމެއް ވެއްޖެކަން ނުވެސް ދެނަހުރި ކަހަލައެވެ.

"ރާއިދު ފުރައިގެންދިޔަ ވަގުތު ބަލާފަ އެއްކަލަ ފާއިޒާ އައިސް ނަޖޫ ގެންގޮއްސިއެއްނު ގެއަށް،" އުފަލުން ފޮޅިފައިހުރި ނާސިހާ ބުންޏެވެ. "ދެން ކިހިނެއްބާ ވާނީ؟ ކިހިނެއްބާ ހަދާނީ؟"

"ތިހިރަ ދިފްލާޔާ ނަޖްވާނާ ނިކަން ސިބިސިބިލެއްވިޔޭ!" ދުރުގައި ހުރި ދިފްލާއަށް އިޝާރާތްކޮށްފައި މައުސޫމާ ބުންޏެވެ. "އޭނަގެ ކަމަކަށް ތި ވާނީ."

"ތެދެއް؟" ނާސިހާ ސުވާލުކުރިއެވެ. "ފާއިޒާ ގާތުގަ ބުނީތަ ނަޖޫ ގެންދާށޭ؟"

"އުހުނ އަހަންނެއް ނުބުނަން،" ވަރަށް ހައިރާންވެފައި ދިފްލާ ބުންޏެވެ. "އަހަރެން ފާއިޒާއަކާ އެ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. ރާއިދު ފުރީއްސުރެ ރާއިދު މަންމަޔަކާ ދިމައެއް ވެސް ނުވޭކަން ނޭނގެ."

"އެއީ ތެދެއް!" ވެގެންއުޅޭ ގޮތް ނޭނގޭ މައުސޫމާ ބުންޏެވެ. "އޭނަ ހަމަ ގޭތެރޭގަ އެ އުޅެނީ."

"ފާއިޒާ ވަރަށް ހިނިއައިއްސަ ހުރީ،" ނާސިހާ ބުންޏެވެ. "އަހަރެން ހަމަ ހިތަށްއަރަނީ ކިހިނެއްބާއޭ ދެން ވާނީ؟"

"ގެންދިޔައިއްޔާ ރަނގަޅެއްނު!" ކޭކުގެ މަސައްކަތްކުރަމުން ދިފްލާ ބުންޏެވެ. "ރާއިދުގެ ވައިފް ވިއްޔަ! ރާއިދު މަންމަ އައިސް ގެންދިޔަކަސް އެއީ މައްސަލައެއް ވެސް ނޫނެއްނު!"

"އެކަމަކު އަނެއް ފަހަރު ރާއިދު އައިސް ނަޖޫ ފޮނުވައިލާފިއްޔާ އަހަރެން ވަރަށް ލަދުގަންނާނެ،" ނިތްކުރިއަށް ރޫތައް އަރުވައިލަމުން ނާސިހާ ބުންޏެވެ. "ނުކެރޭނެ ދެން މި ހިސާބުގަނޑުގަ އުޅޭކަށް ވެސް."

"އެހެން ނަހަދަ ވެސް ފާނެއްނު!" އެ ފަހަރު ވެސް ޖަވާބުދިނީ ދިފްލާއެވެ. "ރާއިދު ނުލާހިކު ބިރުގަންނާނެ ރާއިދު މަންމަ ދެކެ. ރާއިދު މަންމަ ނަޖޫ ގެނައިމަ ރާއިދަކަށް ދެން ނުކެރޭނެ ފޮނުވާލާކަށް."

ދިފްލާއަކީ ނާސިހާ ވަރަށް ގަޔާނުވާ ކުއްޖެކެވެ. އެކަމަކު އެ ފަހަރު ދިފްލާޔާ ވާހަކަދެއްކިއެވެ.

"ދިފްލާއަށް ޔަގީން؟" ނާސިހާ އެހިއެވެ.

"އާނ!" ދިފްލާ ބުންޏެވެ. "ތިބެބަލަ ބަލަން."

ބަލަން އުނދޯލީގައިއިން ނަސީމު ހުރަސްކޮށްފައި ނަޖްވާނާއި ފާއިޒާ ދިޔައެވެ. ފޮށި ހިފައިގެން ފަހަތުން ދިޔައީ ނަދީމާއެވެ. ނަސީމު މާ ބޮޑު އުންމީދެއް ނުކުރެއެވެ. ނަޖްވާން ދެން ވެސް ކޮޓަރިއަކުން ނުނިކުންނާނެއެވެ. ދެން ފެންނާނީ ނަޖްވާން ވަރިކޮށްފައި ގެއަށް ފޮނުވައިލާ ތަނެވެ. އެހެން ޅީދަރިއެއް ގެއަށް ގެންނަ ތަނެވެ. ނަސީމުގެ ސިކުނޑީގައި އެނބުރުނީ އެ ކަހަލަ ފިކުރުތަކެކެވެ. ކުއްލިއަކަށް ފެނުނީ ނަޖްވާން ހުއްޓުނު ތަނެވެ. އަނބުރާލައިފައި އައިސް އުނދޯލީގައި އިށީން ތަނެވެ. ދިފްލާ ދެއްކި ހުރިހައި ވާހަކައެއް ނަޖްވާން ވަރަށް ރަނގަޅަށް ހަނދާންހުއްޓެވެ. ފާއިޒާ ނިކަން ހިނިއައިސްފައި ބަލަހައްޓައިހުރި އިރު، ނަސީމު އިނީ ކުޑަކޮށް ހައިރާންވެފައެވެ.

"ބައްޕަ ކިހިނެއްތަ؟" ވަރަށް ލޯބިން ނަޖްވާން އެހިއެވެ. "ވަރަށް އުފާވެއްޖެ ބައްޕަ ފެނުނީމަ. ކޮފީތަށްޓެއް ހަދައިދެންތަ؟ މިހާރު އަހަންނަށް އެނގޭ ހަކުރު ނާޅާ ވަރަށް މީރުކޮށް ކޮފީހަދަން."

ނުނިމޭ