13 ޖުލައި 2024 - 19:49

ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ވިއްސާރަ ކުރާނެތީ މޫސުމަށް ސަމާލުވާން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އެދިއްޖެ އެވެ.
މެޓް އޮފީހުން މިރެއިން ފެށިގެން މާދަމާ ހެނދުނު 6 އާ ހަމައަށް އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނިގޮތުގައި މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ. އެގޮތުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ނަމަވެސް ދެކުނު އަތޮޅުތަކަށް ކަނޑުތައް މަޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
އާންމުކޮށް، ޖުލައި މަހަކީ ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެކެވެ.