ދިރާގުން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި
ދިރާގުން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

ދިރާގުގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި އެވެ.

މި އެވޯޑު ހަފްލާ އަކީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެ ކުންފުނިން ބާއްވާ ހަފްލާއެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ޗީފް އެގްޒެކްޓިވް، އިލްޔާސް އަހްމަދެވެ.

މި ހަފްލާގައި ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 79 މުވައްޒަފުންނަށް އެވޯޑު ދިނެވެ. އޭގެ ތެރޭގައި ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްދީފައިވާ 45 މުވައްޒަފުންނަށް ހިމެނެ އެވެ.

މި ހަފްލާގައި ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށް ވެސް އެވޯޑް ދިނެވެ. އޭގެ ތެރޭގައި 15 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 5 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނެ އެވެ.

މި ހަފްލާގެ ރޭގެ އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ، ޗެއާމަންގެ އެވޯޑް ލިބިފައިވަނީ ދިރާގުގެ އިންޖިނިއާ ކޯ ސިސްޓަމްސް، އިސްމާއިލް ސަމާހަށެވެ. ސަމާހުގެ ފަންނީ ތަޖުރިބާ އާއި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިރާގުގެ މައި ސިސްޓަމް ޕްރޮޖެކްޓްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ދިރާގުން ފާހަގަ ކުރެ އެވެ.

މި ހަފްލާގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑް މެމްބަރުން، ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު އަދި ދިރާގުގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.