13 ޖުލައި 2024 - 15:04

އެސްޓީއޯ އަކީ ކާބަން ނިއުޓްރަލް ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޕާފޯމަންސް ރިޕޯޓު ހުށަހަޅައި ދެއްވަމުން ޝިމްހާދު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުންފުނީގެ އޮޕަރޭޝަން މަސައްކަތްތައް ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވާ އަމާޒަށް ވާސިލްވުމަށް އެސްޓީއޯ އޮޕަރޭޝަންތަކުން ޖައްވަށް ބޭރުކުރާ ވިހަ 2030 ވަނަ އަހަރަށް އަންނަ އިރު 25 ޕަސެންޓަށް ކުޑަކޮށް 2050 ވަނަ އަހަރަށް އެ ކުންފުންޏަކީ ކާބަން ނިއުޓްރަލް ކުންފުންޏަކަށް ހެދުމަށް މި ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޝިމްހާދު ވިދާޅުވީ މި އަމާޒަށް ވާސިލްވުމަށް މިހާރު ވެސް ހަކަތަރި ލޭބަލްގެ ހޯމް-އެޕްލަޔަންސްތައް ވިއްކުން ފަދަ އެކި މަސައްކަތްތައް އެކި ފެންވަރުގައި ކުރަމުންދާ ކަމަށެވެ.
ރޭގެ އަހަރީ އާއްމު ޖަލްސާގައި ޝިމްހާދު ވަނީ ކުންފުނީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން އެ ކުންފުނީ އީކޮމާސް ވަރުގަދަ ކުރުމާއި މަސައްކަތްތައް ޑިޖިޓައިޒް ކުރުމާއި ކުންފުނީގެ އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމާއި ބިލްޑިންތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް ސްޓޯރޭޖް އިތުރު ކުރުމުގެ މަސައްކަތްތައް ހިންގުމަށް ރާވާފައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.