ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި
ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި

މާލޭގައި އޭރު ހިނގަމުން ދިޔައީ ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމު އުވާލައި ޖުމްހޫރިއްޔަތެއް އަލުން ގެނައުމުގެ އޮއިވަރެވެ. އެންމެ ދެކުނުން އައްޑޫގައި އޮތް އިނގިރޭސީންގެ "ރަސްކަން" އޭރު ނިމުމަކަށް އަންނަނީ އެވެ. ޕައުންޑުން ތިޔާގިވެފައި އޮތް ފިހާރަފިހާރަތަކުގައި އަލުން ދިވެހި ފައިސާ ހިނގަން ވެސް ފަށައިފި އެވެ. ވަރަށް ގިނަ މައިންބަފައިން، ދަރިންނަށް ކިޔަވައިދޭން މާލެ ދިއުމަށް ދަތުރު ހަދަން ފެށި އެވެ.

ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި
ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި

އެއިން ދަތުރެއްގައި އަތޮޅުވެރިޔާ މޫސާދީދީގެ އެރީނާ ލާންޗުގައި 1968ގެ މެދުބައިގެ ތެރެއިން ދުވަހެއްގައި މާލެ ފޭބި އެކަކީ އޭރު އުމުރުން 12 އަހަރުގެ ހަސަން ލަތީފު މޫސާ އެވެ. އައްޑޫ ހިތަދު އަށް އުފަން ހަސަން ލަތީފު އޭރު ވެސް ހުރީ، މަންމަގެ ފުށުންނާއި މަދަރަސަތުލް ހުސެއިނިއްޔާ އިން އަރަބި، ތާނަ ލިޔަން ދަސްކޮށް، ގުރުއާން ވެސް ހަތިމުކޮށްފަ އެވެ.

ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި
ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި

ރަށްރަށުން އޭރު މާލެ އަށް ފައިބާ ތިބޭ ގިނަ ކުދިންނާ ހިލާފަށް މ. ކާނޭޝަންގޭގައި ހަސަން ލަތީފަށް ގުލާނުކުރަން ނުޖެހި، ހަމައެކަނި ކިޔެވުމަށް ސަމާލުކަން ދޭން އޮތީ ފުރުސަތު ލިބިފަ އެވެ. އެ ގޭގެ މީހުންގެ ލަފާގެ މަތިން އޭނާ ލެއްވީ އޭރު މާލޭގެ އަމިއްލަ ސްކޫލުތަކުގެ ތެރެއިން އެއް ވަނައިގައި އޮތް އާލިޔާ އަށެވެ. ފަޟީލަތުއްޝައިހް އަހުމަދު ޝާތިރާއި އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ ފަދަ މުދައްރިސުންގެ އެހީތެރިކަމާ އެކު، ހަސަން ލަތީފް ދިޔައީ ތައުލީމީ ގޮތުން ވިދަމުންނެވެ.

ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި
ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި

ނަމަވެސް އޭނާ އާލިޔާގެ ގްރޭޑް ފަހެއްގައި ކިޔަވަމުން އަންނަނިކޮށް، އެއް ދުވަހެއްގައި މުހައްމަދު ޒާހިރު ނަސީރު ވަޑައިގެން އެ ސްކޫލަށް ޓޭބަލް ޓެނިސް (ޓީޓީ) ތައާރަފު ކުރެއްވުމަށް ހޮވާލެއްވި ޓީމުގައި ހިމެނުމާ އެކު، އޭނާގެ ސަމާލުކަން ވަރަށް ބޮޑަށް ކުޅިވަރަށް އެނބުރުނެވެ. ހަމައެކަނި އެނބުރުނީއެއް ނޫނެވެ. ރާއްޖޭގެ ކުޅިވަރުގެ ތާރީހުގެ ވަރަށް މުހިއްމު ސަފުހާއަކުން އޭނާ އަށް ޖާގަ ލިބެން ވެސް މެދުވެރިވީ އެވެ.

ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި
ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި

ޒާހިރު ނަސީރު އިންތިޒާމުކުރެއްވި އިފްތިތާހީ މުބާރާތުގައި ކުޅެ ނިމުނުއިރު ހަސަން ލަތީފް ހުރީ ދުރުނުވެވޭ ވަރަށް އެ ކުޅިވަރުގެ ތެރެއަށް ވަދެވެވި އޭގެ ފޯރީގައި ޖެހިފަ އެވެ. އެހެންވެ، އޭރު ދައުލަތުގެ އިސްވެރިއެއް ކަމަށްވާ އައްނަބީލް އިބްރާހީމް ފަރީދުގެ މާފަންނުއާގޭގައި ހަދާފައި ހުރި ކުޑަވަރެއްގެ ޓޭބަލް ޓެނިސް ހޯލެއްގައި ކުޅުމުގެ ފުރުސަތު ހަސަން ލަތީފާއި އޭނާގެ އެކުވެރިން ހޯދި އެވެ.

ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި
ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި

ނަމަވެސް ކުޅެން ލިބެނީ ބޮޑެތި މީހުން ބޭނުންކޮށް ބާވެ، ޕްލާސްޓިކު ގަނޑު ވީދި، އުންތައް ވިރިފައި ހުރި އެންމެ މުސްކުޅި ރެކެޓެވެ. އެކަމަކު އެ ވެސް ވީ، ސައްޔިދު ހަސަނާއި ސައްޔިދު އަލީ އާއި އާދަމް ޝަރީފް ހިމެނޭހެން އެ ކުދިންނަށް ރަނަށެވެ. މާލޭގައި އޭރު މުނިފޫހިލުވާނެ މާގިނަ ކަންކަމެއް ނެތުމުން އެ ގްރޫޕް ކުޅޭތަން ބަލައި ފޯރިދޭން ވެސް، މާފަންނުއާގޭ ފާރުކައިރި އަށް މީހުން އެއްވެ އެވެ. އެ އެންމެންނަށް ވެސް އެއް ކަމެއް ފާހަގަވި އެވެ. އެއީ މި ކުދިން މި ކުޅެނީ ތަފާތު ޓޭބަލް ޓެނިހެއް ކަމެވެ. އޭރުގެ ބޮޑެތި މީހުން ކުޅޭއިރު ފެންނަނީ ތިބިތަނުގައި ތިބެ، އެއްވެސް ހަރަކާތެއް ނުގެނެސް، މަޑުމަޑުން ބޯޅަ ޖަހާލަ ޖަހާލާ ތިބޭ މަންޒަރެވެ. ނަމަވެސް މި ކުދިންގެ ފަރާތުން ފެންނަނީ ވަރަށް ބޮޑަށް ދެ ފަރާތަށް ހަރަކާތްކޮށް، ޝޮޓްތައް ޖަހައިގެން ކުޅޭ ތަނެވެ.

ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި
ޝޭހް ހަސަން ލަތީފު: ބައި ގަރުނު ކުރިން ޗައިނާގައި ދިވެހި ދިދަ ވިހުރުވާލި ޓީޓީ ޓީމުގެ ތަރި

އެ ހިސާބުން މި ކުޅުންތެރިންނަށް ގައުމީ މުބާރާތުގައި ވާދަކުރާ މާލޭގެ ކްލަބްތަކުން ފުރުސަތުތައް ލިބެން ފެށި އެވެ. ހަސަން ލަތީފު ލައްވާ މާލޭ ޓެނިސް ކްލަބަށް ކުޅުވަން، އެ ކްލަބުގެ ފަރާތުން މުރިނގު އަބްދުﷲ ސޯދިގާއި މާދޫގެ އަހުމަދު އަސްލަމް ވަޑައިގެންނެވި އެވެ. ހަސަން ލަތީފު ޖަވާބު ދިނީ އޭނާ އަކީ މާލެ އަށް ކިޔަވަން ފައިބާ ހުންނަ ކުއްޖަކަށް ވާތީ އެކަމުގައި އަމިއްލަ އަށް ގޮތް ނުނިންމޭނެ ކަމަށާއި ދޮންބޭބެ ކައިރިން ހުއްދަ ހޯއްދެއްވުމަށެވެ. އެ ދެ ބޭފުޅުން، އޭރު ބަންޑާރަ ނާއިބުގެ އެހީތެރިއަކަށް ހުންނެވި ހަސަން ލަތީފުގެ އެއްބަނޑު ބޭބެ އަބްދުﷲ ސޯދިގާ ވާހަކަ ދައްކަވައިގެން އެކަން ހަމަޖެއްސެވި އެވެ.

ހަސަން ލަތީފު އެންމެ ފުރަތަމަ ގައުމީ މުބާރާތުގައި ވާދަކުރީ ޓެނިސް ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި 1972 ވަނަ އަހަރު އެވެ. މަޖީދިއްޔާ ސްކޫލުގެ ހޯލަކަށް މިހާރު ބޭނުންކުރާ ދާރުލްއުލޫމުގައި ކުޅުނު އެ މުބާރާތަކީ، ހަސަން ލަތީފުގެ އިތުރުން، ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅިވަރު ކުޅުންތެރިޔާ ސައީދު ހަސަނާއި ޓޭބަލް ޓެނިސް ލެޖެންޑް ސީވީޑް އަހުމަދު ލަތީފް ފަދަ ކުޅުންތެރިން ވެސް ވިދާލި މުބާރާތެވެ.

ޒުވާން އެ ކުޅުންތެރިން ގެންނަ ކުއްލި ހަރަކާތާ އެކު ފޮނުވާލާ ޝޮޓަށް، ސީނިއާ ކުޅުންތެރިންނަށް ހަރަކާތް ނުކުރެވި ބޯޅަތައް އަމާޒުވަމުން ދިޔައީ އެ ކުޅުންތެރިންގެ ގަޔަށެވެ. އެ ވާހަކަ ޖެހިގެން އައި ދުވަހުގެ ކުޅިވަރު ނޫސް "މޯނިންސަން" ގައި ޒާހިރު ނަސީރު ލިޔުއްވި އެވެ. އެކަންވީ މާލޭގެ އިއްޒަތްތެރިންނާއި ސިފައިންގެ އޮފިސަރުން ހިމެނޭ ސީނިއާ ކުޅުންތެރިން ވަރަށް ބޮޑަށް ކޯފާ އިސްވި ކަމަކަށެވެ.

ޖެހިގެން އައި 1973 ވަނަ އަހަރު، ޓޭބަލް ޓެނިހަށް ހާއްސަކޮށް ދިވެހި ކުޅިވަރަށް އެހާތަނަށް ލިބިފައި ނެތް ފުރުސަތެއްގެ ދައުވަތު ލިބުނެވެ. ޗައިނާ އިން ބާއްވަމުން އައި ތުރީއޭ ގޭމްސް ނުވަތަ އޭޝިއަން-އެފްރިކަން-އެމެރިކަން ޓޭބަލް ޓެނިސް އިންވިޓޭޝަނަލް މުބާރާތަށް ރާއްޖޭން ޓީމެއް ފޮނުވުމުގެ ފުރުސަތު އެ ގައުމުން ދިނީ އެވެ. އެ މުހިއްމު ދައުވަތު ގަބޫލުކޮށް، މުބާރާތަށް ގެންދާނެ ކުޅުންތެރިން ހޮވުމަށް ޒާހިރު ނަސީރު އިސްކޮށް ހުންނަވާ ދާރުލްއުލޫމާއި އަމީނިއްޔާ ސްކޫލް ހޯލުގައި ޕްރެކްޓިސް ބާއްވަން ފެށި އެވެ. އޭރު ވެސް ބައެއް ސީނިއާ ކުޅުންތެރިން ދިޔައީ ސަރުކާރުގެ ނުފޫޒާއި އެހެނިހެން ކަންކަން ބޭނުންކޮށްގެން، ޒުވާން ކުޅުންތެރިން ކަޓުވާލައި، އެ ކުޅުންތެރިންނަށް ދެވޭނެ މަގު ކޮށަމުންނެވެ.

"އެއް ރޭ އަޅުގަނޑު ޕްރެކްޓިސް ނިންމާފައި ނުކުންނަނިކޮށް ސީނިއާ ކުޅުންތެރިޔަކު ވިދާޅުވީ ތި ކުދިން އަދި ވަރަށް ޅަވާނެޔޭ، މުބާރާތަށް ދާން ހޮވުނަސް ދާން އަދި ފަސޭހައެއް ނުވާނެއޭ، ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެޔޭ،" ހަސަން ލަތީފު ބުންޏެވެ.

ނަމަވެސް އެ ވާހަކަތަކުން ހަސަން ލަތީފުގެެ ހިތެއް މަރައެއް ނުލެވުނެވެ. މާޔޫސްއެއް ވެސް ނުކުރެވުނެވެ. ކުރިއަށް ވުރެ ހިތްވަރާ އެކު، ޕްރެކްޓިސް ކުރީ އެވެ. ނަތީޖާ ވަރަށް ފޮންޏެވެ. ޓީމު ހޮވަން ކުޅުނު މެޗުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އޭނާ އަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ގައުމީ ޓޭބަލް ޓެނިސް ޓީމުން ޖާގަ ލިބުނެވެ. ހުރާ އަބްދުސައްތާރު ހަސަން (ހުރާބެ) ފިޔަވައި ދެން ފުރުސަތު ލިބުނީ ވެސް ހުސް ޒުވާން ކުޅުންތެރިންނަށެވެ. އެެއީ އާދަމް ޝަރީފާއި ސީވީޑް އަހުމަދު ލަތީފު އަދި ސަޢީދު ހަސަން އެވެ. ނޮން ޕްލޭއިން ކެޕްޓަނެއްގެ ގޮތުގައި ހަސަން ހަބީބު ވެސް ދިޔަ އެވެ. ރާއްޖޭގެ ތާރީހުގައި އަލަށް ރާއްޖޭން ބޭރަށް ކުޅެން ދާން ލިބުނު ފުރުސަތު ގެއްލުމުން ޓީމުގައި ނުހިމެނުނު ކުޅުންތެރިން ތިބީ ކަރުއެލިފަ އެވެ.

"އަޅުގަނޑު ގާތު ސީނިއަރު ކުޅުންތެރިޔަކު ބުނި ވީ ދެރައިން އަނެއް ދުވަހު އޮފީހަށް ވެސް ނުދަމޭ. އެއީ އޭނާގެ ހަޔާތުގައި ސަލާމް ބުނި ހަމައެކަނި ދުވަސް،" ހަސަން ލަތީފު އޭރުގެ ހަނދާންތައް އާކުރި އެވެ.

އެ މުބާރާތަށް ޓީމު ތައްޔާރުކުރަން ސްރީ ލަންކާ އިން ކޯޗެއް ގެނެސް ދެ މަސް ދުވަހު ޕްރެކްޓިސް ކުރުވި އެވެ. ދިވެހި ކުޅުންތެރިންނަށް ގޭމުގެ ޓެކްނީކްސްތަކާއި ޓެކްޓީސް ދަސްވެ، ފިޓްނަސްގެ މުހިއްމުކަން ފުރަތަމަ ފަހަރަށް އެނގުނީ ވެސް އެ ކޯޗުގެ ފަރާތުންނެވެ.

ލަންކާ އާއި ޕާކިސްތާން މަގުން އޭޕްރީލް 1973 ގައި ދިވެހި ކޮންޓިންޖެންޓް ޗައިނާގެ ވެރިރަށް ޕެކިން (މިހާރުގެ ބެއިޖިން) އަށް ދިއުމުން ދިއުމުން ކިޔާފައި ވަނީ ހޫނު މަރުހަބާ އެކެވެ. ނަމަވެސް ކެއުމުގެ މައްސަލަ ކުޅުންތެރިންނަށް ދިމާވި އެވެ. ޗައިނާގެ ކެއުންވީ އެ ކުޅުންތެރިންނަށް ބީރައްޓެހި އެއްޗަކަށެވެ. އެހެންވެ އިންޑިއަން ސްޓައިލް ކެއުމާއި ދިވެހިންނަށް ކަމުދާނެހެން ކަނޑުމަހުގެ ބާވަތްތައް ކެއުމުގައި ހިމަނައިދިނެވެ.

ދުނިޔޭގެ ހަތަރު ބިތުން 70 އަށް ވުރެ ގިނަ ގައުމު ބައިވެރިވި އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކުވޭތު އަތުން ތާރީހީ މޮޅެއް ހޯދި އެވެ. އެކަމަކު މުބާރާތުގައި އެހެން ޓީމުތަކާ ވާދަކޮށްލުން ވެސް ވީ، އެފަދަ ތަޖުރިބާއަކަށް މުޅިން އާ ދިވެހި ކުޅުންތެރިންނަށް ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް، ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުން، ރާއްޖެ އަށް ހަސަން ލަތީފު ގޭމެއް ހޯދައިދިނެވެ. ހަގީގަތުގައި އެ މުބާރާތުން ރާއްޖޭގެ ކުޅިވަރަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ، ހަސަން ލަތީފާއި ޒުވާން އެހެން ކުޅުންތެރިން ޓޭބަލް ޓެނިސް ޒަމާނީ ކޮށްލުމެވެ. މުސްކުޅި ޕިންޕޮންގެ ބަދަލުގައި، ރެލީ ސްޓައިލަށް ޓޭބަލް ޓެނިސް ކުޅުން ތައާރަފުކުރީ އެ ކުޅުންތެރިންނެވެ. ކުރިން ޖެހުނު ހެދުމެއް ލައިގެން ކުޅެމުން އައި ނަމަވެސް މި ކުޅުންތެރިން އައިސް ޓީޝާޓާއި ޓްރެކްޓްޝޫޓުގައި ކުޅެ، ދާފޮހެން ވެސް ތުވާލިކޮޅެއް ބޭނުންކުރަން ފެށުމުން، ކުޅިވަރުގެ ފެޝަން ބަދަލުވި އެވެ.

"އެކަންވީ މާލޭގެ ޒުވާނުންނަށް ވަރަށް އާ ކަމަކަށް. ނަމަވެސް އެންމެން ވެސް އެ ބަދަލުތައް ބަލައިގަތް،" ހަސަން ލަތީފު ބުންޏެވެ.

ޗައިނާ އިން އެނބުރި އައިސް ވެސް ޓެނިސް ކްލަބާއި ރޭޑިއަންޓް ކްލަބަށް ގައުމީ މުބާރާތްތަކުގައި ކާމިޔާބީތައް ހޯދައިދިން ހަސަން ލަތީފު މާގިނަ ދުވަސްތަކެއް ނުވެ ސްކޫލް ނިންމާލައި މަސްވެރިކަމާ ބެހޭ އިދާރާގެ ވަޒީފާއެއްގައި ޅ. ފެލިވަރަށް ދިޔަ އެވެ.

ސަރުކާރު މުވައްޒަފުންނަށް ލިބެނީ ކުޑަކުޑަ މުސާރައެއްކަމުން ހަސަން ލަތީފުގެ ވިސްނުމުގައި އޭރު އެނބުރެމުން ދިޔައީ، ބޮޑު މުސާރައެއް ހޯދުމަށްޓަކައި ބޯޓުދަތުރުކުރަން ދިއުމަށެވެ. އެއީ މޯލްޑިވްސް ޝިޕިން ލައިން (އެމްއެސްއެލް) ގެ ރަން ދުވަސްވަރުކަމުން އެ ކުންފުނީގެ ބޯޓަކަށް އެރުމަށް ޒުވާނުން ތިބެނީ ކިއޫ ހަދައިގެންނެވެ. އެ ފުރުސަތު ހޯދަން ހަސަން ލަތީފު ވެސް އޭރު ކުލީބައިގައި މަސައްކަތް ކުރަމުން ދިޔަ އޭނާގެ އެކުވެރި ޓޭބަލް ޓެނިސް ތަރި އާދަމް ޝަރީފާ އެކު، ޕޯޓް ކޮމިޝަނުގެ ވަޒީފާ އަށް ވަނެވެ. އިމްތިހާނުން ފާސްވެ ބޯޓަށް އެރެންދެން، ޕޯޓް ކޮމިޝަނުގެ އެހެން މަސައްކަތް އޭރު ކުރަން ޖެހެ އެވެ. އެންމެ ފުރަތަމަ ޖެހުނީ އޭރު ތަރައްގީ ކުރަމުން އައި ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ހިއްކުމުގެ މަސައްކަތުގައި އުޅޭށެވެ. ބައެއް ދުވަސް ދުވަހު ގާކުނޑި އެއްކުރުމާއި މާލޭގެ މަގުމަތިން ކުނި ނަގަން ވެސް ޖެހެ އެވެ.

މަޝްހޫރު ކުޅުންތެރިންކަމުން އޭރު ހަސަން ލަތީފާއި އާދަމް ޝަރީފް ނުދަންނަ މީހަކު މާލޭގައި މަދުވާނެ އެވެ. އެހެންވެ އެފަދަ މަސައްކަތްކުރުންވީ އުނދަގޫ ކަމަކަށެވެ. އެ އަށް ވުރެ އުނދަގޫވީ، ބޯޓަށް ނޭރި ގިނަ ދުވަސްތަކެއް ހޭދަވުމުންނެވެ. އެކަމުން އޭނާ ސަލާމަތްކޮށްދިނީ ވެސް ޓޭބަލް ޓެނިހުންނެވެ.

އޭރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރިނބުދޫ މުހައްމަދު ނާސިރު (ނާބެ) އެއް ދުވަހަކު ހަސަން ލަތީފަށް ހިޔާލު ދިނީ، ސަރުކާރުގެ އޭރުގެ އިސް ބޭފުޅެއް ކަމަށްވާ އިލްޔާސް އިބްރާހީމްގެ މޫން ސްޕޯޓްސް އަށް ސޮއިކުރުމަށެވެ. މޮޅު ކުޅުންތެރިން ގެންގޮސްގެން މޫން ސްޕޯޓްސް އަށް ފުޓްބޯޅަ މުބާރާތުން ރަނގަޅު ނަތީޖާއެއް ނުނެރެވުމުން މާޔޫސްވެފައި ހުންނެވި އިލްޔާސް، ދެން އޮންނަ ޓޭބަލް ޓެނިސް މުބާރާތަށް މޫން ސްޕޯޓްސް ނެރެން މަސައްކަތް ކުރައްވާތީ، އެ ޓީމަށް އެ ކުޅިވަރުން ތަށި ހޯދައިދީފި ނަމަ ބޯޓަށް އެރޭނެ މަގުފަހިކޮށްދެއްމުގެ ފުރުސަތު އޮތް ކަމަށް ނާބެ ބުންޏެވެ.

"ހަމަ އެރޭ އަޅުގަނޑު އެންދެރިމާގެ އަށް ގޮސް އިލްޔާހާ ބައްދަލުކުރިން،" ހަސަން ލަތީފު ބުންޏެވެ.

"އަޅުގަނޑަށް އެންގެވީ މަސައްކަތަށް ނުގޮސް އަނެއް ދުވަހު ޕްރެކްޓިހަށް ނުކުންނަން. ވިދާޅުވި މުބާރާތް ނިމުމުން ބޯޓަށް އަރުވައި ދެއްވާނެ ކަމަށް."

ނަމަވެސް މޫން ސްޕޯޓްސް އަށް ތަށި ހޯދައިދިނުންވީ ހަސަން ލަތީފަށް ބޮޑު ގޮންޖެހުމަކަށެވެ. އޭރު ވިކްޓްރީގައި ސީވީޑް އަހުމަދު ލަތީފާއި ދުންތަރި އިބްރާހީމް މަނިކާއި ހުސެއިން ނޫހު ފަދަ މަޝްހޫރު ކުޅުންތެރިން ތިއްބެވެ. އާދަމް ޝަރީފާއި ޔޫސުފް ހަލީމާ އެކު ރޭޑިއަންޓުގައި ވެސް އޮތީ އެހާ ވަރުގަދަ ޓީމެކެވެ. އެކަމަކު، ސައްޔިދު ހަސަނާއި ހަސަން ލަތީފު ގުޅިގެން މޫން ސްޕޯޓްސްގެ ހަރުގަނޑަށް އެ ތަށި ލައިދިނެވެ. އެކަމުގެ އުފަލުގައި އިލްޔާސް ނިންމެވީ ހަސަން ލަތީފު ބޭނުންވާ އިތުރުކަމެއް އޮތް ނަމަ އެކަމެއް ވެސް ކޮށްދެއްވާށެވެ.

"އަޅުގަނޑު އެދުނީ، އަޅުގަނޑާ އެކު އާދަމް ޝަރީފަށް ވެސް ބޯޓުން ވަޒީފާ ހަމަޖައްސައިދޭން. އެކަން އިލްޔާސް ކޮށްދެއްވި،" ހަސަން ލަތީފު ބުންޏެވެ.

ދެ އެކުވެރިންނަށް ރާއްޖެ އާއި އޭޝިއާގެ ގައުމުތަކާ ދެމެދު ދަތުރުކުރާ ބޯޓުގައި ކެތް ކުރެވުނީ އަހަރެއްހާ ދުވަހު އެވެ. ކަނޑުމަތީގެ ދިރިއުޅުން އެ ދެ އެކުވެރިންނަށް ކަމަކު ނުދިޔަ އެވެ. އަނެއްކޮޅުން، ހަސަން ލަތީފުގެ ސިކުނޑީގައި އޭރު ދިޔައީ ކިޔެވުމުގެ ހިޔާލު ވެސް ކޮއްޓަމުންނެވެ. އޭނާގެ މަންމަ އަކީ ދީންވެރި، ދީނީ ތައުލީމަށް ލޯބިކުރި މީހެއްކަމުން، އަބަދުވެސް އެ މަންމަގެ އެންމެ ބޮޑު އެދުމަކަށް ވެފައި އޮތީ ހަސަން ލަތީފު އެ ރޮނގުން ކިޔެވުމެވެ. އެހެންވެއާ އެކު، ސައޫދީ އަރަބިއްޔާގެ މަދީނާގައި އޭރު ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ސިޓީ ފޮނުވައިގެން އެ ތަނުގައި ލިބެން ހުރި ފުރުސަތެއްގެ ޚަބަރު ހޯދި އެވެ.

އެމްއެސްއެލްގެ ބޯޓު ޖިއްދާގައި ބަނދަރުކުރުމުން، އެ ރަށަށް ފައިބާ، ޕާކިސްތާން މީހެއްގެ ވެސް އެހީއާ އެކު، ކިޔަވަން ހުރުމުގެ އިންތިޒާމު ހަމަޖެއްސި އެވެ. ސައޫދީގެ ހުރެވެން އޮތީ ވިސާ ޖަހައިގެން އަލުން އެތެރެވެގެން ކަމަށް ވާތީ، އިންޑިއާގެ ބޮމްބޭ މަގުން ޕާކިސްތާނުގެ ކަރާޗީ އަށް ގޮސް ވިސާގެ ކަންކަމުގައި އުޅެނިކޮށް ޕާސްޕޯޓު ގެއްލުނީ އެވެ. އެ ހިސާބުން ޕާކިސްތާނުގައި މަޑުކޮށް، އެ ތަނުގައި ކިޔެވީ އެވެ.

ދެ އަހަރު ފަހުން އަލުން ސައޫދީ އަށް ގޮސް މަދީނާ އިން ކިޔެވުމުގެ ފުރުސަތު ހޯދި އެވެ. އިސްލާމިކް ތިއޮލޮޖީ އިން ފުރަތަމަ ޑިގްރީ ހާސިލްކުރިއިރު، ހަސަން ލަތީފު ވީ، ކުޅިވަރުގައި ވިދާލިހެން ވިދާލި ދަރިވަރަކަށެވެ. އޭނާ މަދީނާގައި ކިޔެވި މައުހަދުގެ މުދީރަކަށް ހުންނެވި އިންޑިއާގެ އިލްމުވެރިޔާ ޑރ. އަބްދުއްރަހީމް އަރަބި ބަސް ކިޔަވައިދެއްވަން ލިޔުއްވި ޓެކްސްޓް ފޮތް ފުރަތަމަ ފަހަރަށް ޗާޕުކުރަން އަތުން ލިޔުނީ ވެސް ހަސަން ލަތީފެވެ. އަރަބި ނޫން މީހުން އަރަބި ކިޔަވަން މުޅި ދުނިޔޭގައި ވެސް ބޭނުންކުރާ ފޮތްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ފޮތުގެ ފުރަތަމަ ޗާޕުގެ މަސައްކަތުގައި އުޅެވުމަކީ ހަސަން ލަތީފަށް ލިބުނު ބޮޑު ޝަރަފެކެވެ.

"އެކަމުގެ ޝުކުރު ހައްގު ވަނީ މަންމަ އަށް. އަޅުގަނޑު ކުޑައިރުގެ މަންމަގެ ދުއާ ފޮތްތައް އަޅުގަނޑު ލައްވާ ލިޔާނީ. އެހެންވެ އޭރުއްސުރެ ރީތިކޮށް ލިޔަން އެނގޭ،" އޭނާ ބުންޏެވެ.

އެފަދަ އެތަކެއް އުފާތަކާ އެކު، މަދީނާ އިން ކިޔަވައިގެން 1989 ވަނަ އަހަރު އޭނާ އެނބުރި ރާއްޖެ ވަޑައިގެންނެވީ ޝޭހެއްގެ ގޮތުގަ އެވެ. ފުރަތަމަ ވެސް ހަވާލުވީ، އައްޑޫގައި އޭރު އަރަބި މީޑިއަކަށް ހިންގަމުން ދިޔަ އިސްލާމިއްޔާ ސްކޫލް ހިންގެވުމާ އެވެ. ނަމަވެސް ފަހުން މައްސަލަތަކެއް ޖެހި ސަރުކާރުން އެ ސްކޫލް އިނގިރޭސި މީޑިއަމަށް ބަދަލުކުރުމުން، އެއީ ސްކޫލުގެ އުފެއްދި މަގުސަދާ ހިލާފުކަމަކަށް ވާތީ، ހަސަން ލަތީފު އެތަނުން ވަކިވީ އެވެ. އޭނާ ލަންކާ އިން ސްކޫލް މެނޭޖްމަންޓް ޑިޕްލޮމާ ހާސިލް ކޮށްގެން އައިސް ދެން ހަވާލުވީ ހިތަދޫ ސްކޫލާ އެވެ. ހާހެއްހާ ކުދިން ކިޔަވާ އެ ސްކޫލް ހަތަރު އަހަރު ހިންގުމަށް ފަހު، އިސްލާމިކް މިނިސްޓްރީގެ ވަޒީފާއާ އެކު، އޭނާ ދެން ގުޅުނީ ގައުމީ ޔުނިވާސިޓީއާ އެވެ. އެންމެ ފުރަތަމަ ހިތަދޫ ކެމްޕަހުގައި އަދި މިހާރު މާލޭ ކެމްޕަހުގައި އޭނާ އަންނަނީ ޝަރީއާ އާއި އަރަބި ބަސް ކިޔަވައިދެމުންނެވެ.

މިއަދު އައްޝޭޚް ހަސަން ލަތީފަކީ 1970ގެ އަހަރުތަކުގައި މުޅި މާލެ އަށް މަޝްހޫރުވި ހަސަން ލަތީފެއް ނޫނެވެ. މިއަދު އޭނާ އަކީ ކުޅިވަރުގެ އިސް ސަފުން ފެންނަ މީހެއް ވެސް ނޫނެވެ. ފަރުދާގެ ފުރަގަހުގައި ހުންނަވައި އޭނާ ކުރަމުން އަންނަ ކަމަކީ ތައުލީމީ ޖީލެއް ބިނާކުރުމުގެ މުހިއްމު މަސައްކަތެވެ. ދީނީ މައުލޫމާތު ފަތުރައި، އެ ރޮނގުން މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތެވެ. އެކަމުގައި ކުރިއަށް ދާއިރު ވެސް އެންމެ ބޮޑު އުފަލެއް، ހިތްހަމަޖެހުމެއް ގެނެސްދޭ އެއް ކަމަކީ މީގެ ބައި ގަރުނު ކުރިން އޭނާ ކުޅިވަރުން ހޯދި ކާމިޔާބީތަކާއި 1973 ގެ ހާއްސަގެ ޝަރަފުގެ އުފާވެރި ހަނދާންތަކެވެ.