ފަރުވާ: "ކަކުނި ހަނގުރާމަ"އަޑުއެހިންތަ؟ (ދެވަނަ ބައި)
ފަރުވާ: "ކަކުނި ހަނގުރާމަ"އަޑުއެހިންތަ؟ (ދެވަނަ ބައި)

(ފެބްރުއަރީ 16، 2017 ގައި ޖެހި ބަޔާ ގުޅޭ)

ހައްތާވެސް ކެންސަރެވެ. އެ ބިރުވެރި ކެންސަރުގެ ވާހަކަ އެވެ. މި ވަބާއިން ސަލާމަތްވުމަށްޓަކައި އަތުކުރި އޮޅާލަމާތޯއެވެ! ލޯގަނޑު ކުރިމައްޗަށް ހުއްޓިވަޑައިގެން އަނގަ ހުޅުވައި ރަނގަޅަށް ބައްލަވާލައްވާށެވެ. ތުންފަތާއި ދުލާއި ހިރުގަނޑާއި އަނގަ ތެރެއަށެވެ. އެއްވެސް ކަހަލަ ހަން ބޯކަމެއް، އުފުލުމެއް، އާދަޔާ ޚިލާފް ހަރުކަމެއް އެބަ ހުރިތޯ އެވެ؟ އެއްވެސް ތާކު ފަސޭހަނުވެ ގިނަ ދުވަސް ވެފައިވާ ފޮޅެއް ނުވަތަ ފާރުގަނޑެއް އެބަހުރިތޯ އެވެ؟

ދަތްދޮޅި އާއި ކަރާއި ކަންފަތާއި، ކޮނޑުމައްޗާއި ކިހިލިފަތް ދޮށާއި، އުރަމައްޗާއި، އުކުޅުވަޅު ނުވަތަ ހަށިގަނޑުގެ އެއްވެސް ސަރަހައްދެއްގައި ފާހަގަކުރެވޭ ނުފިލާ ގޮށެއް ނުވަތަ ގޮއްތަކެއް އެބަހުރިތޯ އެވެ؟ އޮރެންޖެއްގެ ބޭރު ތޮށި ހުންނަ ގޮތަށް އުރަމަތީގައި ކުދިކުދި ވަޅުތަކެއް އެބަހުރިތޯ އެވެ؟ މައްސަރު ކަންތައް ނުޖެހެނީސް ނުވަތަ ހައިޟު ނުވާއިރު ވެސް ލަދުވެތި ގުނަވަނުން ލޭ އާދޭތޯ އެވެ؟ އަނަރޫފަވެ އާދަޔާ ޚިލާފަށް ބަރުދަން ލުއިވަމުންދާކަން ފާހަގަކުރެވޭ ހެއްޔެވެ؟ މިދެންނެވި ސުވާލުތަކުގެ ޖަވާބަކީ އާނއެކޭ ނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދައްކަވާށެވެ. ފަހަރުގައި އެއީ ކެންސަރުގެ އަލާމާތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އޭ ލޮބުވެތި އަޚާ އެވެ. އުޚުތާ އެވެ. ބިރުނުގަންނާށެވެ. ތިބާއަށް މާތް ﷲ ލިޔުއްވާފައިވާ އެއްޗެއް ނުވަތަ ކަމެއް ނޫނީ ނުޖެހޭނެ އެވެ. އެކަލާނގެ އެއީ އޯގާވަންތަ ރަހުމާންވަންތަ ރަހީމްވަންތަ އިލާހެވެ. އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވީ އިމްތިހާނަކަށެވެ. ކެތްކުރާށެވެ. ޝިފާ ދެއްވަނީ އެކަލާނގެ އެވެ. އަވަހަށް އަސްބާބުގައި ހިފާށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ. ކަނޑާލި ކޮންމެ ގަހަކަށް ދެ ގަސް އިންދާށެވެ. ގައުމަށް ނުސަކާ ވަރަށް އުޅަނދުފަހަރު އެތެރެ ނުކުރާށެވެ. މަގުމައްޗަށް ނިކުމެ އުޅޭއިރު ރަނގަޅަށް ނިވާވާ ފަދަ ހެދުމެއް ލައިގެން އުޅޭށެވެ. ރަތްދަކަ އަވިތެރެއަށް ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ނުނިކުންނާށެވެ. ދުންފަތުގެ އިސްތިއުމާލް ކުރުމާއި ރާބުއިން ވަގުތުން ހުއްޓާލާށެވެ.

ގަދަ ރަތް ކުލައިގައި ހުންނަ އެއްގަމު މަސް ކެއުން މަދުކޮށްލާށެވެ. އަދި ސަރުބީ ގިނައިން ހުންނަ ކާނާ އާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާއާ ދުރުހެލިވާށެވެ. ލޯފެޓް ނުވަތަ ނޮންފެޓް ލިޔެފައި އޮތަސް، ކެލަރީސް ގިނަވެދާނެކަން ހަނދާންކުރާށެވެ. އެހެންކަމުން ޕެކެޓާއި ދަޅުކާނާ ގަންނައިރު ބޭރުގައިވާ ލޭބަލަށް ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަރުބީ މަދުތޯ ޗެކްކުރައްވާއިރު ޖުމްލަ ކެލަރީސްއަށް ވެސް ބައްލަވާށެވެ. އަދި ޚާއްޞަކޮށް ސޯޑިއަމް ނުވަތަ ޕޮޓޭސިއަން ނައިޓްރޭޓްސް/ނައިޓްރައިޓްސް އަޅާފައިވާ ކަމަށް ލިޔެފައިވާ ނަމަ އެއްގޮތަކަށް ވެސް އެފަދަ އެއްޗެއް ބޭނުން ނުކުރާށެވެ.

މި ހަނގުރާމައިގައި ކާމިޔާބު ލިބޭނީ ދަތުރު ކުރަން ޖެހޭ ރާސްތާ ކަޑަތުކުރެވޭހާ ހިތްވަރާއި ފަންވަރު ހުރެގެންނެވެ. ކުރިޔަށް ދެ ފިޔަވަޅު އަޅާފައި ވަރުބަލިވެގެން ހުއްޓުމުން ކަމަކުނުދާނެ އެވެ. ބުރަހެލިކަން ފިލުވާލާށެވެ. ކަށިން ހިތްވަރު ނެރޭށެވެ. ގަވާއިދުން ކަސްރަތު ކުރައްވާށެވެ. އަދި ބަރުދަން ލުއިކުރާށެވެ. ބޮޑީ މާސް އިންޑެކްސް (ދުޅަހެޔޮކަން ޗެކުކުރަން ގެންގުޅޭ މިންގަނޑެއް) 18.5 އާއި 24.9 އާ ދެމެދު ބަހައްޓާށެވެ.

ދުޅަހެޔޮ ޞިއްހަތަކަށް ތާޒާ މޭވާ އާއި ތަރުކާރީއަކީ ކޮންމެންހެން ވެސް މުހިއްމު އެއްޗިއްސެވެ. އެއީ އެއުފައްދާ ދަނޑުން ފެށިގެން ގޮސް ސުފުރާ މައްޗަށް އަންނަން ދެންވެސް ރައްކާތެރިކަން ޔަގީން ކުރެވެން ޖެހޭނެ ތަކެއްޗެވެ. އެހެންކަމުން ދަނޑުވެރިން ދަނޑުހެއްދުމުގައި ސަމާލުވާށެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން، ކަނޑައެޅިފައިވާ މިންގަނޑަށް ގަސްކާނާ އާއި ބޭސް ބޭނުންކުރާށެވެ. އަދި ބޭހުގެ އަސަރު ފިލާނުދަނީސް މޭވާ އާއި ތަރުކާރީ ނުބިންނާށެވެ. ކާބޯތަކެތި ގަންނައިރު ބަލައިގެން ގަންނާށެވެ. ފަަންގަސް ޖަހައި، ހަލާކުވެ ވަސް ނުބައިވެފައިވާ މޭވާ އާއި ތަރުކާރީ ނުގަންނާށެވެ. އަދި ސާފު ފެނުން ރަނގަޅަށް ދޮވެގެން މެނުވީ މޭވާ އާއި ތަރުކާރީ ބޭނުން ނުކުރާށެވެ. ކަމާ ބެހޭ ފަރާތްތަކުން ރަށްރަށުގެ ފެނުގެ ކޮލިޓީ ޗެކްކޮށްދެއްވާށެވެ.

ލޮބުވެތި ޑޮކްޓަރުންނޭވެ! އެކްސްރޭތަކާއި ސީޓީތަކާއި ރޭޑިއޭޝަނަށް ހުށަހެޅިދާ އެހެނިހެން ޓެސްޓްތައް ދިނުމުގައި ސަމާލުވެލައްވާށެވެ. ބޭކާރު ނުވަތަ ކޮންމެހެން ހަދަން ނުޖެހޭ ރޭޑިއޮލޮޖިކަލް ޓެސްޓުތައް ހެދުން ހުއްޓާލަމާތޯއެވެ. ބަލިމީހާ އެކަމަށް ތަކުރާރުކޮށް އެދުނު ކަމަށް ވިޔަސް ކަން އޮތްގޮތް ސާފުކޮށް ކިޔައިދެއްވާށެވެ. ރޭޑިއޭޝަނުގެ ދެކޮޅު ބުނެދެއްވާށެވެ. ރޭޑިއޭޝަން ޑޯސް ލިޔެ، ޑޮކިއުމަންޓްކުރަން ފައްޓަމާތޯއެވެ. އެހެނީ އެންމެ މިލިސީވާޓްސްއަކުން ވެސް ކެންސަރަށް މަގު ފަހިކޮށްފާނެ އެވެ.

ސަމައްތަރުހެޔޮ ހިންދާމު ސޫރައެއް ލިބުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް އުންމީދެވެ. ކެންސަރުގެ ބިރުވެރި ހަނގުރާމައިން ސަލާމަތްވެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންނެވެ. ހޭލުންތެރިވެ، ހޭލުންތެރިކުރުވައިގެންނެވެ. ހޭލާށެވެ. އަދި ހޭލައްވާށެވެ. ކެންސަރަށް ސްކްރީންކުރައްވާށެވެ. ކަކުނި ހަނގުރާމަ ކިތަންމެ ބިރުވެރިވިޔަސް އަމާން ފަތިހަކަށް އަލިވިލުމުގެ ފުރުޞަތު އެބަ އޮތެވެ. މާތް ﷲ އަޅުގަނޑުމެން އެންމެން ކެންސަރުގެ ވަބާއިން ސަލާމަތްކުރައްވާށިއެވެ. އާމިން.