12 ޖޫން 2016 - 22:00

ފްލޮރިޑާ (ޖޫން 12) - އެމެރިކާގެ ފްލޮރިޑާގެ ނައިޓް ކްލަބެއްގައި މީހަކު ބަޑިން ދިން ހަމަލާއެއްގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި އެވެ.

ހަމަލާއާ ގުޅިގެން ފްލޮރިޑާގެ އޯލެންޑޯގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ. މިއީ އެމެރިކާގައި ބަޑިން ދިން ހަމަލާއެއްގައި އެއް ފަހަރާ އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. މީގެ ކުރިން ދިން ބަޑީގެ ހަަމަލާގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2007 ވަނަ އަހަރު ވާޖީނިއާގައި ދިން ހަމަލާގަ އެވެ. އެ ފަހަރު ވަނީ 32 މީހުން މަރުވެފަ އެވެ.

ހަމަލާ ދިން ކަމަށް އޮފިޝަލުން ބުނެފައި ވަނީ އުމަރު މަތީން ކިޔާ މީހެކެވެ. އެ މީހާ ވަނީ މިހާރު މަރާލައިފަ އެވެ. މިއީ ވަކި ޖަމާއަތަކާ ގުޅުން އޮންނަ މީހެއްކަން އަދި އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ފްލޮރިޑާގެ ގަވަރުނަރު ވިދާޅުވީ ކަނޑައެޅިގެން ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
ފިރިހެނުން އެއް ޖިއްސުން ގުޅުން ހިންގާ ކްލަބުގައި ދިން ހަމަލާއާ އަށް ފަހު މަތީންގެ ބައްޕަ މީރު ސިއްދީގު ބުނީ މިއީ ދީނީ ގޮތުން އެއްވެސް ގުޅުމެއް ހުރި ހަމަލާއެއް ނޫން ކަމަށެވެ. އަދި މިއީ ދެ ފިރިހެނުން ކިސް ކުރާ މަންޒަރު ފެނިގެން މަތީން އައިސްފައި ހުރި ރުޅީގައި އޭނާ ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ބައްޕަ ބުންޏެވެ. ހަމަލާ ދިން މަތީނަކީ ފްލޮރިޑާގެ އޯލެންޑޯ އިން ދެ ގަޑިއިރު ދުއްވާފައި ދެވޭ ހިސާބުގައި އޮންނަ ޓައުނެއް ކަމަށްވާ ޕޯޓް ލޫސީ އަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެކެވެ. އަފްޣާނިސްތާނުގެ މަންމައަކާއި ބައްޕައަކަށް ލިބިފައިވާ މަތީން އުފަންވެފައި ވަނީ 1986 ވަނަ އަހަރު އެވެ.
2016- ފްލޮރިޑާގެ އޯލެންޑޯގައި ދިން ހަމަލާގައި 50 މީހުން މަރުވި
2007- ވާޖިނިއާގެ ޓެކް ޔުނިވާސިޓީގައި ދިން ހަމަލާގައި 32 މީހުން މަރުވި
2012- ކަނެކްޓިކަޓުގައި ދިން ހަމަލާގައި 27 މީހުން މަރުުވި
1991- ޓެކްސަސްގައި ދިން ހަމަލާގައި 23 މީހުން މަރުވި
2015- ކެލިފޯނިއާގެ ސެން ބާނާޑިނޯގައި ދިން ހަމަލާގައި 14 މީހުން މަރުވި
2009- ނިއު ޔޯކުގެ އިމިގްރަންޓް ސެންޓަރުގައި ދިން ހަމަލާގައި 13 މީހުން މަރުވި
1999- ކޮލަރާޑޯގައި ދިން ހަމަލާގައި 13 މީހުން މަރުވި
އޯލެންޑޯ ފުލުހުންގެ ވެރިޔާ ޖޯން މިނާ ވިދާޅުވީ ކްބަލުގައި ބަޑި ޖަހަން ފެށުމާ އެކު ފުލުހުންނާ އެކު ބަޑީގެ ހަމަލާތަކެއް ބަދަލު ކުރި ކަމަށެވެ. އޭގެ ފަހުން މީހުން ރަހީންކުރުމުގެ ހާދިސާއެއް ވެސް ހިންގި ކަމަށެވެ. ހަމަލާ ފެށިތާ ތިން ގަޑިއިރު ފަހުން ވަނީ ނައިޓް ކްލަބަށް ފުލުހުންގެ އެސޯލްޓް ޓީމެއް ފޮނުވަން ނިންމާފައި ކަމަށް ވެސް މިނާ ވިދާޅުވި އެވެ. ހަމަލާ ދިން މަތީން މަރާލީ ސްވޮޓް ޓީމުންނެވެ.