12 ޖުލައި 2024 - 19:58

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކާއި ކިއޮސްކް ތަރައްގީކުރަން ނިންމައި، ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކާއި ކޮމާޝަލް ކިއޮސްކް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) މިހާރު ހުށަހެޅޭނެ ކަމަށެވެ.
އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ ބިލްޑިންއަށް ހާޒިރުވެ، މިމަހުގެ 26 ގެ މެންދުރު 2:00 ގެ ކުރިން އީއޯއައި ހުށަހެޅޭނެ އެވެ. އަދި ކިއޮސްކް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ދެ މަޝްރޫއު ވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލަށެވެ. އެކަމަކު އެޗްޑީސީއަށް ހުށަހަޅައި، އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެއް ފަރާތަށް ވުރެން ގިނަ ފަރާތްތަކުން ކުރިމަތިލައިފި ނަމަ، އެ މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ. އަދި އީއޯއައިތައް އިވެލުއޭޓްކުރުމުގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑެލް އާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރަށް ބަލާނެ އެވެ.