12 މީހުންނާ އެކު މަހަށް ނިކުތް ދޯންޏެއް ގެއްލުނުތާ ފަސް ދުވަސް!
12 މީހުންނާ އެކު މަހަށް ނިކުތް ދޯންޏެއް ގެއްލުނުތާ ފަސް ދުވަސް!

ބޮޑު ކަންނެލީގެ މަސްވެރިކަމަށް 12 މީހުންނާ އެކު ނިކުތް ދޯންޏެއް ގެއްލިގެން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މަސްވެރިކަމަށް ނިކުތް "ބްލޫ ފިޝް 1" ނަމަކަށް ކިޔާ ދޯންޏާ އެންމެ ފަހުން ގުޅުނީ ކ. ދިއްފުށި ބޭރުގައި އޮއްވައި މިދިޔަ ހޯމަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު، އެ ދޯނި ގެއްލުނު ކަމަށް ކޯސްޓު ގާޑަށް ރިޕޯޓްކުރީ އިއްޔެ ހަވީރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެތަނުން ބުނީ ދޯނީގެ ދިގުމިނަކީ 87 ފޫޓެވެ. ދޯނީގެ ބޭރުގައި ގަދަ ނޫ ކުލައިގެ ދަވާދު ލާފައިވާއިރު ގެ ގަނޑުގައި ހުރީ ހުދު ކުލައިގެ ދަވާދު ކަމަށް ވެސް ކޯސްޓު ގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއީ، ކޮން ރަށެއްގެ ދޯންޏެއް ކަމެއް ސާފެއް ނުވެ އެވެ.

އެ ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ހިއްސާކޮށްދޭން އެމްއެންޑީއެފުން އެދެ އެވެ.