11 ޖުލައި 2024 - 21:39

ރާއްޖޭގެ ކުރީގެ ފިލްމީ ތަރި ފައުޒިއްޔާ ހަސަނާއި އޭނާގެ އެކުވެރި މަރިޔަމް ރަޝީދާ އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ މައުލޫމާތު ޕާކިސްތާނަށް ފޯރުކޮށްދީ އެ ގައުމަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތަކީ ކެރެލާ ފުލުހުންގެ ސްޕެޝަލް ބްރާންޗުގެ ކުރީގެ އޮފިސަރެއްގެ ޖިންސީ އެދުންތަކަށް ދެކޮޅުހެދުމުން އުފެއްދި ދޮގު ވާހަކަތަކެއް ކަމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނެފި އެވެ.
ފައުޒިއްޔާ 2022 އޯގަސްޓް މަހު ނިއާވެފައި ވާއިރު، އޭނާ އަބަދުވެސް ބުނަމުން ގޮސްފައި ވަނީ އެއީ ދޮގު ތުހުމަތެއް ކަމަށާއި ޖަލުގައި ބަންދުކޮށްގެން ތިން އަހަރު ވަންދެން ގެންގުޅުނު އިރު ތުހުމަތުތަކަށް އިއުތިރާފްވީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާދީ އަދި އޭނާގެ ދަރިފުޅު ހައްޔަރުކޮށް ރޭޕްކުރާނެ ކަމުގެ ބިރު ވެސް ދެއްކުމުން ކަމަށެވެ. އޭނާ އަށް ދިން އަނިޔާތަކުގެ ބަދަލު ލިބެން ޖެހޭނެ ކަމަށް ވެސް ނިއާވުމުގެ ކުރިން ބުނެފައިވެ އެވެ.
ކެރަލާ ޖަލެއްގައި އެ މީހުން ތިން އަހަރު ބަންދުކޮށްގެން ގެންގުޅުމަށް ފަހު ދޫކޮށްލީ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ބުނެ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ވަނީ މި މައްސަލައިގައި އަނިޔާ ލިބުނު ނަބްމީއަށް ބަދަލުގެ ގޮތުގައި ފަސް މިލިއަން އިންޑިއަން ރުޕީސް ދިނުމަށް ހުކުމްކޮށްފަ އެވެ. އެ އަހަރު ސީބީއައި އިން ކުރި ތަހުގީގަށް ރަޝީދާއާ ސުވާލު ކުރުމަށް ސީބީއައިގެ ޓީމެއް ރާއްޖެ އަށް ވެސް އަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ އަމުރަކަށް ކުރި ތަހުގީގަށް ފަހު ސީބީއައި އިން ޓްރިވެންޑްރަމްގެ ކޯޓެއްގައި މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް މިދިޔަ ހަފްތާގައި ވަނީ ދައުވާ އުފުލައިފަ އެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި އޭރު ސްޓޭޓް ފުލުހުންގެ ސްޕެޝަލް ބްރާންޗްގެ އޮފިސަރެއްގެ ގޮތުގައި ހުންނެވި އެސް ވިޖަޔަން ޓްރިވެންޑްރަމްގެ ހޮޓަލެއްގައި ރާއްޖޭގެ އަންހެނަކާ ބައްދަލުކޮށް ޖިންސީ އެދުންތަކެއް ހާސިލްކުރުމަށް ހުށަހެޅި އެވެ. ސީބީއައި އިން ބުނީ ވިޖަޔަންގެ އެދުމަށް ދިވެހި އަންހެން މީހާ އިންކާރުކުރި ކަމަށާއި އޭގެ ފަހުން ހޮޓަލުގެ ކޮޓަރިން ވިޔަޖަން ނުކުތް ކަމަށެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދިވެހި އަންހެން މީހާގެ މައުލޫމާތު އެއްކޮށްފައި ކަމަށާއި ދިވެހި އަންހެން މީހާ އާއި އިސްރޯގެ ސައިންޓިސްޓް ޑީ ސަސީކުމާރަންއާ ފޯނުން ވާހަކަ ދައްކާފައިވާކަން އެ ހިސާބުން އޭނާ އަށް އެނގުނު ކަމަށެވެ.
އެކަން އެނގުމާ އެކު ޖާސޫސްުކުރުމުގެ ތުހުމަތު އުފެއްދީ ދޮގު ވާހަކަތަކެއްގެ މައްޗަށް ކަމަށް ބުނެފައިވެ އެވެ.
މި އޮޅުވާލުމުގެ މައްސަލައިގައި ދައުވާ ލިބޭ ވިޖަޔަން ދިވެހި އަންހެން މީހާގެ ޓްރެވަލް ޑޮކިއުމަންޓްތައް ހިފަހައްޓައި، އެނބުރި ގައުމަށް ދިއުމަށް ހުރަސްއެޅި ކަމަށާއި އެންމެ ފުރަތަމަ މި މައްސަލަ ތަހުގީގުކުރަން ފެށީ އޯވަސްޓޭ ނުވަތަ ވިސާގެ މުއްދަތަށްވުރެ އިތުރަށް އިންޑިއާގައި އުޅުނު ކަމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ތަހުގީގަށް އެނގިފައިވެ އެވެ. އެކަމަކު ފަހުން ވަނީ ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ އެކި މާއްދާތަކުގެ ދަށުން ތުހުމަތުތައް އުފައްދައި ޖާސޫސް ކުރުމުގެ މައްސަލައަކަށް ބަދަލުކޮށްފަ އެވެ.
ސީބީއައި އިން ބުނި މި ދޮގު ތުހުމަތަށް ބިނާކޮށް އިސްރޯގެ ސައިންސްވެރިން ކަމަށްވާ ނަމްބީ ނާރަޔަނަން، ޑީ ސަސީކުމާރަން އަދި ކޭ ޗަންދުރަޝޭކަރަން އަދި ކޮންޓްރެކްޓަރު އެސްކޭ ޝަރުމާ ހައްޔަރުކުރީ ސްޕެޝަލް އިންވެސްޓިގޭޝަން ޓީމެއްގައި އިސްކޮށް ހުންނެވި ކެރެލާ ފުލުހުންގެ އޭރުގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް ސިބީ މެތިއުސްގެ އަމުރަށް ކަމަށެވެ. އަދި ހައްޔަރުކުރި މީހުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރީ މެތިއުސްގެ އިރުޝާދަށް ކަމަށް ވެސް ދައުވާގައިވެ އެވެ.
ހައްޔަރުކުރި ސައިންސްވެރިންނާއި އެހެން މީހުންނަށް ސުވާލުކުރި ނަމަވެސް އެކަމާ ގުޅޭ ރިޕޯޓެއް ވެސް ތައްޔާރުކޮށްފައެއް ނެތެވެ.
ނަމްބީ ނާރަޔަނަން އާއި ކޭ ޗަންދްރަޝޭކަރަށް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އިރު ބޭސްފަރުވާކޮށްފައިވާ ކަމަށާއި އެކަމަކު އެ މީހުންނާ ބެހޭ ފުލުހުންގެ ރިޕޯޓްތަކުގައި އެ ވާހަކަ ވެސް ލިޔެފައި ނެތް ކަމަށް ސީބީއައި އިން ބުންޏެވެ. އެ އިދާރާއިން ބުނީ މެޑިކަލް ރެކޯޑްތައް ހިފަހައްޓާފައިވަނީ މި މައްސަލައިގައި ދައުވާ ލިބޭ މީހެއް ކަމަށްވާ ޑީވައިއެސްޕީ ކޭކޭ ޖޯޝްވާ ކަމަށާއި އޭނާ އެކަން ކުރީ މެތިއުސްގެ އެންގުމަށް ކަމަށެވެ.
ސީބީއައިއިން ބުނީ މި މީހުން ގާނޫނާ ހިލާފަށް ބަންދުކޮށްގެން ގެންގުޅުމުގެ ޒިންމާ 1994 ވަނަ އަހަރު ކެރެލާގެ އައިބީގައި މަސައްކަތް ކުރަމުން ދިޔަ ކުރީގެ ޑީޖީޕީ އާރްބީ ސްރީކުމާރު އުފުލަން ޖެހޭ ކަމަށެވެ. ތަހުގީގީ މައި އިދާރާއިން ބުނި ގޮތުގައި ދޮގު ތުހުމަތު އުފެއްދި މައްސަލައިގައި ދައުވާ ލިބޭ ސްރީކުމާރު ވެސް ހޮޓަލަށް ގޮސް ދިވެހި އަންހެން މީހާއާ ގާނޫނާ ހިލާފަށް ސުވާލު ކުރުމުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭނާގެ ދަށަށް ތިބި ބައެއް ފުލުހުން ވެސް އޭނާގެ އެންގުމަށް ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ދައުވާ ލިބޭ އައިބީގެ އެހެން އޮފިޝަލެއް ކަމަށްވާ ޕީއެސް ޖަޔަޕަކާޝް ވަނީ ނަމްބީ ނާރަޔަނަން އަށް އަނިޔާކޮށްފައި ކަމަށް ދައުވާގައިވެ އެވެ.
"މިއީ އިބްތިދާއީ މަރުހަލާއިން ފެށިގެން ގާނޫނުތަކާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ވަރަށް ސާފު މައްސަލައެއް... އިބްތިދާއީ ގޯސްތައް ދެމެހެއްޓުމަށްޓަކައި، އަނިޔާ ލިބުނު މީހުންނާ ދެކޮޅަށް ދޮގު ތުހުމަތު އުފައްދައި އެ ކަންކަމާ ގުޅުވައި ސުވާލުކޮށް އެ މީހުންނާ ދެކޮޅު ބަޔާންތައް އުފެއްދި. މި ދޮގު ތަހުގީގު ރިޕޯޓްތައް ބޭނުންކުރީ ސައިންސްވެރިން ހިމެނޭ ގޮތަށް އެހެން މީހުން ހައްޔަރު ކުރުމަށް،" ދައުވާގައިވެ އެވެ.
ސީބީއައިއިން ލަފާދީފައި ވަނީ އެ ފަސް މީހުންގެ މައްޗަށް ދައުވާ އުފުލުމަށެވެ. އެ އެންމެންނަކީ ވެސް ކުރީގެ ފުލުހުންނެވެ. މައްސަލައިގައި އިތުރު 11 މީހެއްގެ ނަން އޮތަސް އެ މީހުންނާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ސީބީއައި އިން ބުންޏެވެ.