11 ޖުލައި 2024 - 18:20

ކައިވެނީގެ ނަމުގައި 12 އަހަރުގެ ކުއްޖަކު ރޭޕްކޮށް، 13 އަހަރުގައި ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ އިސްމާއިލް ހައްމާދުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
ރ. މަޑުއްވަރީގައި 12 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ ނޮވެމްބަރު 2018 ގައި ވިހެއި މައްސަލަ ފެންމަތިވީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެ ހަމަނުޖެހުމުގައި ހައްމާދަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު ހައްޔަރުކުރި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ހައްމާދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފި ނަމަ، އެ މީހަކު 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.
ހައްމާދުގެ މައްޗަށް ކޮށްފައި ވަނީ އެންމެ ބޮޑު އަދަބުކަމުގައިވާ 14 އަހަރަށް ޖަލަށް ލުމުގެ ހުކުމެވެ.
އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖޭ ޖަލު އަދަބަކީ 9 އަހަރާއި 4 މަހާއި 15 ދުވަހެވެ.
އެ ރޭޕްގެ މައްސަލަ ފެންމަތިވުމާ އެކު ދައުލަތުން ވަނީ 13 އަހަރުގެ އެ ކުއްޖާ އާއި އޭނާ ވިހެއި ތުއްތު ކުއްޖާގެ އިތުރުން އެ އާއިލާގައި ދެން ތިބި ކުދިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި 13 އަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕަ ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.