މޯލްޑިވިއަން އައިޑޮލްގެ ބޮޑު ރެއެއް، ކަޓާނީ ކޮން ބައެއް؟
މޯލްޑިވިއަން އައިޑޮލްގެ ބޮޑު ރެއެއް، ކަޓާނީ ކޮން ބައެއް؟

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ޕިއާނޯގެ ރައުންޑްގެ ދެވަނަ ބުރުގެ އަށް ބައިވެރިންގެ ހުށަހެޅުންތައް ރޭ ދައްލައިލި އިރު، މިރޭ އަނެއްކާވެސް ދެ ބައިވެރިއަކު ކަޓައި ގަދަ 12 ކަށަވަރުވާނެ އެވެ. ކަޓާނީ ކޮން ބައިވެރިންނެއްތޯ އެއީ މިހާރު އޮތް ސުވާލެވެ.

ރޭ ލަވަތައް ހުށަހަޅައި ދިން އަށް ބައިވެރިންނަށް މިއަދު މެންދުރު ފަހު 3:00 އާ ހަމައަށް އާންމުންނަށް އެސްއެމްއެސް މެދުވެރިކޮށް ވޯޓް ދެވޭނެ އެވެ. އައިޑޮލް އިން ދެ ބައިވެރިއަކު ކަޓައިގެން ދާނީ އާންމުންނާއި ޖަޖުންގެ ވޯޓު އަންނަ ގޮތަކަށެވެ.

މޯލްޑިވިއަން އައިޑޮލް ދޭއްގެ ރަސްމީ ފެށުން ކަމަށްވާ ގާލާ ރައުންޑަށް ދަތުރު ކުރާ 12 ބައިވެރިން މިރޭ ޔަގީންވާނެތީ މިރޭ ވަރަށް ހާއްސަ އެވެ. ކުރިން ވަނީ ހަ ބައިވެރިން ކަށަވަރުވެފަ އެވެ.

ރޭގެ ހުށަހެޅުންތަކަށް ބަލާއިރު، ބައިވެރިންގެ ރީތި އެކަމަކު ޖަޖުންގެ ފަރާތުން މާ ފޯރި ގަދަ ކޮމެންޓްތަކެއް ލިބިގެން ދިޔަ ހުށަހެޅުންތަކެއް ފެނިގެން ނުދާކަން ފާހަގަކުރެވެ އެވެ. ޕިއާނޯގެ ފުރަތަމަ ރައުންޑާ އަޅާބަލާއިރު ރޭގެ ހުށަހެޅުންތައް ތަންކޮޅެއް ލޮނުމަޑެވެ.

ރޭ އެންމެ ފުރަތަމަ ލަވަ ހުށަހަޅައި ދިނީ ހަމޫދު އަހުމަދެވެ. އޭނާ ކިޔާފައި ވަނީ "ވާ ލޯބި އެނގޭ ނަމަ" އެވެ. އެ ލަވަ ހަމޫދު ހުށަހަޅައި ދިން ގޮތް ތިން ޖަޖުންނަށް ވެސް ކަމުދިޔަ އެވެ.

ލަވަ އަށް ކޮމެންޓް ކުރަމުން ޖަޖް އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ބުނީ ހަމޫދުގެ އަޑަކީ އޭނާގެ މިއުޒިކީ ކެރިއަރުގައި އިވުނު އެންމެ ތަފާތު ފިރިހެން އަޑު ކަމަށެވެ. އަދި ހަމޫދުގެ އަޑަށް އިއްބެ ވަރަށް ތައުރީފު ކުރި އެވެ.

ރޭ އެންމެ ފަހުން ލަވަ ހުށަހަޅައި ދިން އަދި ރޭގެ އަށް ބައިވެރިންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެން ބައިވެރިޔާ އައިޝަތު ޖައިޝާ ވަހީދުގެ އަޑަށް ވެސް ތިން ޖަޖުން ތައުރީފު ކުރި އެވެ.

ޖަޖް އިސްމާއީލް އައްފާން ބުނީ ޖައިޝާގެ އަޑަކީ ޔޫރަޕާއި ދިވެހި އަޑެއްގެ މިކްސެއް ކަމަށެވެ. ޖަޖް މަރިޔަމް އުނޫޝާ (ކިޑީ) ވެސް ބުނީ ޖައިޝާގެ އަޑަކީ ރާއްޖޭން އާންމުކޮށް އިވޭ ކަހަލަ އަޑެއް ނޫން ކަމަށެވެ.

ޖައިޝާ ރޭ ހުށަހަަޅައި ދިނީ އަބްދުﷲ އަބްދުލް ފައްތާހުގެ "ބީވީމާ" އެވެ.

ރޭ ދެ ވަނަ އަށް ލަވަ ހުށަހަޅައި ދިނީ ބައްޕައާ އެކު ރިސޯޓް މިއުޒިކް ކުޅޭ މާއިޝް އެވެ. އޭނާ ކިޔާފައި ވަނީ އަލީ ރަމީޒްގެ "ދޫ ބަންދުވާ ގޮތް ވެޔޭ" އެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ ފާތުމަތު ޒޫނާގެ ދަރިފުޅު އަބްދުﷲ ނަބީލް މުހައްމަދު ރޭ ހުށަހަޅައި ދިނީ "މިދޭ ހިތް ވެސް" އެވެ. އޭނާގެ ހުށަހެޅުން ވެސް ޖަޖުންނަށް ކަމުދިޔަ އެވެ.

މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލް އިން ތިން ވަނަ އަށް ދިޔަ އަހުމަދު އިޝާންގެ ކޮއްކޮ އަބްދުﷲ އިޝާން ވެސް ރޭ ހުށަހަޅައި ދިނީ އަލީ ރަމީޒްގެ ލަވައެކެވެ. އަލީ ރަމީޒްގެ އަޑާ ވަރަށް ވައްތަރު ގޮޮތެއް ހުންނަ އިޝާން ކިޔާފައި ވަނީ "މަރުވެދާނޭ މާދަމާ ގައިމޭ" އެވެ.

އެ ލަވަ އަަށް ކޮމެންޓް ކުރަމުން ކިޑީ ވަނީ ހިޝާން އަށް ނަސޭހަތެއް ވެސް ދީފަ އެވެ. އެއީ ލަވަ ކިޔުމުގައި އަމިއްލަ އައިޑެންޓިޓީއެއް ހޯދުމެވެ. އޭނާ އެގޮތަށް އިޝާރާތް ކުރީ އަލީ ރަމީޒް ކިޔާ ގޮތަށް ހިޝާން ލަވަ ކިޔަން އުޅޭކަން ފާހަގަ ކުރަމުންނެވެ.

މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލް އިން ފެނިގެން ދިޔަ އިބްރާހީމް އަމާންގެ ބޭބެ ހުސައިން އިރުފާން ރޭ ހުށަހަޅައި ދިނީ ޖަޖް އައްފާން ކިޔާފައިވާ ލަވައެކެވެ. އެއީ "ހަނދާނުން ނުފިލާނޭ" އެވެ.

އަހުމަދު ފަރަޝް ވެސް ހުށަހަޅައި ދިނީ އަލީ ރަމީޒްގެ ލަވައެކެވެ. އެއީ "ލޯބީގެ ދިރުމެއް ނެތީމާ" އެވެ. އޭނާގެ ހުށަހެޅުމަށް ކޮމެންޓް ކުރަމުން ތިން ޖަޖުން ވެސް ބުނީ ފަރަޝްގެ އަޑަކީ ވަރަށް ހިތްގައިމު އަޑެއް ކަމަށާއި މަސައްކަތްކޮށްފި ނަމަ، ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށެވެ.

ހުސައިން ސަމާހް ރޭ ހުށަހަޅައި އިއްބެ އާއި އައްފާނަށް ވެސް ވަރަށް ރީތި ލަވައެއް ކަމަށްވާ "އިންސާނާ" އެވެ. އެ ލަވަ އޭނާ ހުށަހަޅައި ދިނީ އޭނާގެ އަމިއްލަ ސްޓައިލްގައި ކަމަށް، ދެ ޖަޖުން ވެސް ފާހަގަ ކުރި އެވެ.

ސަމާހްގެ ލަވައަށް ތިން ޖަޖުންނާއި ދެ ޕްރެޒަންޓަރުން ވެސް ވަނީ ނަށައި ފޯރި ނަގައިފަ އެވެ.

ކޮންމެއަކަސް ޕިއާނޯ ރައުންޑް ނިމުމަކަށް އައިސް މިރޭ ވެގެން ދާނީ އެލިމިނޭޝަނާ އެކު ގާލާ ރައުންޑަށް ދާ އަނެއް ހަ ބައިވެރިން މިރޭ ޔަގީންވެ، އަންނަ ހަފުތާގައި އައިޑޮލްގެ ފޯރި އިތުރަށް ގަދަވެގެން ދާނެ އެވެ.

މިރޭ ޖައިޝާ ކަޓައިފި ނަމަ މޯލްޑިވިއަން އައިޑޮލް ދޭއްގެ ގާލާ ރައުންޑާ ހަމައަށް ދާއިރު ހުންނާނީ އެންމެ އަންހެން ބައިވެރިއެކެވެ. އެއީ މިދިޔަ ހަފުތާގައި ގާލާ އިން ޖާގަ ކަށަވަރު ކުރި ޝަޒާ އަބްދުﷲ ރަޝީދެވެ.

މި ފަހަރު ޕިއާނޯ ރައުންޑާ ހަމައަށް ފުރުސަތު ލިބުނީ އެންމެ ތިން އަންހެން ބައިވެރިއަކަށެވެ. އޭގެ ތެރެއިން ޝަނީޒާ ޝަރީފް މިދިޔަ ހަފުތާގައި ވަނީ މުބާރާތާ އަލްވަދާއު ކިޔައިފަ އެވެ.