11 ޖުލައި 2024 - 12:24

ސަރުކާރުގެ އެކި ހިދުމަތްތަކަށް ފައިސާ ދައްކަން ބޭނުންކުރާ ރަސްމީ ޕޯޓަލް "ބަނޑޭރި ޕޭ"އަށް އުރީދޫގެ އެމް-ފައިސާ ތައާރަފް ކޮށްފި އެވެ.
މި ޕޯޓަލް އިން މިހާރު ފައިސާ ދައްކާއިރު، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިހްތިޔާރު ލިބޭނެ އެވެ.
އުރީދޫން ބުނީ ބަނޑޭރި ޕޯޓަލަށް އެމް-ފައިސާގެ ހިދުމަތް ތައާރަފްވުމަކީ ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރާއިރު މެދުކެނޑުމެއް ނެތި، ރައްކާތެރިކަމާ އެކު ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ބަނޑޭރި ޕޭއަށް އެމްފައިސާގެ ހިދުމަތް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކޮށް، އެކަން ފަހިވުމަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއަރުވަން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އަދި އެމް-ފައިސާއާ އެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށްދިނުމުގެ އިތުރުން ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތް ފުޅާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އުރީދޫގެ ޑިޖިޓަލް ވޮލެޓު އެމް-ފައިސާ ވެސް އުރީދޫގެ ސުޕާ އެޕް މެދުވެރިކޮށް ބޭނުން ކުރެވެ އެވެ. އެމް-ފައިސާ އަކީ ޓަޗް އައިޑީ އާއި ފޭސް އައިޑީ ފަދަ ނޭޓިވް އޮތެންޓިކޭޝަން މެތަޑްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭ ވޮލެޓެކެވެ.
މި ވޮލެޓުން އުރީދޫގެ ބިލްތަކާއި ޔުޓިލިޓީ ބިލްތަކާއި އެކި ރެސްޓޯރެންޓްތަކާއި ކެފޭ އަދި ކްލިނިކްތަކާއި ސްކޫލްތަކާއި ޖިމް ފެސިލިޓީތަކާއި ފިހާރަތަކަށް ފައިސާ ދެއްކޭނެ އެވެ. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާގެ އެކައުންޓެއް ހުޅުވޭނެ އެވެ.