ނަތީޖާ ނެރެވޭ ގޮތަށް ވެރިކަމުގެ ވައްޓަފާޅި ބަދަލުކުރަންވެއްޖެ: ނާޒިމް
ނަތީޖާ ނެރެވޭ ގޮތަށް ވެރިކަމުގެ ވައްޓަފާޅި ބަދަލުކުރަންވެއްޖެ: ނާޒިމް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތީ ހަރަދު ބޮޑު އަދި އެ ނިޒާމުން އެންމެ ރަނގަޅު ނަތީޖާއެއް ނުކުންނަ ގޮތަކަށް ނޫން ކަމަށާއި އެހެންކަމުން އެކަމާ މެދު ވިސްނައި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަތީޖާ ނެރެވޭ ގޮތަށް ވެރިކަމުގެ ވައްޓަފާޅި ބަދަލުކުރަންވެއްޖެ: ނާޒިމް
ނަތީޖާ ނެރެވޭ ގޮތަށް ވެރިކަމުގެ ވައްޓަފާޅި ބަދަލުކުރަންވެއްޖެ: ނާޒިމް

މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ، ފެހި ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008 ވަނަ އަހަރުން ފެށިގެން ރާއްޖެ 15 އަހަރު ވޭތުކޮށްފައިވާއިރު، އެ ތަންފީޒުކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ ވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލައި، މާލީ ޒިންމާދާރުކަން ކަށަވަރުކުރުން މުހިންމު ކަމަށާއި އެކަމަށް އަޅަންޖެހޭ ބައެއް އިސްލާހީ ފިޔަވަޅުތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާ މެދު އަލުން ވިސްނައި، ބަދަލުތައް ގެނެސް ކަންކަން އިސްލާހުކޮށް ބައެއް ކަންކަން އަލުން މުރާޖައާ ކުރަން ޖެހޭ،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދު ބޮޑުކަން ދެއްކެވުމަށް ނާޒިމް ވަނީ މިސާލެއް ވެސް ނަންގަވައިފަ އެވެ. އޭނާ ވިދާޅުވީ ދެތިން ސަތޭކައެއްހާ ރައްޔިތުން އުޅޭ ރަށްރަށުގައި ވެސް ފަސް ކައުންސިލަރުން އެބަ ތިބި ކަމަށާއި ސަރުކާރުގެ އާމްދަނީ އިން ފަސް ޕަސެންޓް ބްލޮކް ގްރާންޓްގެ ގޮތުގައި ދޭން ވެސް ގާނޫނުން މަޖުބޫރު ކޮށްފައިވާ ކަމަށެވެ.

"މި ކަމާ މެދު އާދައިގެ ރައްޔިތުން ވިސްނާނެ. ޑިމޮކްރަސީ ހަމަ މިހާ އަގު ބޮޑުވާން ޖެހޭތޯ ސުވާލު އުފައްދާނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް މިހެން ވިދާޅުވިއިރު ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލެވިފައިވާ ކައުންސިލްތައް މިހާރު އޮތީ ދައުލަތަށް ނުކަތާ ވަރަށް ބޮޑުކޮށް ކަމަށެވެ.

އެހެންވެ، ކައުންސިލްތައް އޮތް ގޮތް ބަދަލު ކުރަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ މެންބަރުންގެ މަސައްކަތުގައި ރައްޔިތުންގެ އަޑުތައް އެއްސެވުމަށް ބާރު އަޅުއްވައި، ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާއި އިހުސާސްތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ނަޒާހަތްތެރިކަމާއި އަމިއްލަ އަށް ޖަވާބުދާރީވުމާއި ޖަވާބުދާރީ ކުރުވުމާއި ތިން ބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމު ކަން ވެސް ނާޒިމް ފާހަގަކުރެއްވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމަކަށް ހެދުމަށް ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ފާރަވެރިވުން ދަމަހައްޓަން ޖެހެ އެވެ. އަދި ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރިކުރުން އިތުރު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށާއި ހަރުދަނާ މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މެންބަރުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ފުޅާކުރަން ވެސް ނާޒިމް އެދިވަޑައިގެންނެވި އެވެ.

ނާޒިމް ވިދާޅުވީ މަޖިލީހުގައި ޑިމޮކްރެޓިކް އަސާސްތައް ދަމަހައްޓައި، ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ރިއާޔަތްކޮށް، އެކުވެރި މާހައުލެއްގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ޕާޓީތަކުގެ ހިޔާލު ތަފާތުވުންތަކުން މެންބަރުން އެއްކިބާވެ ތިއްބަވައި ރައްޔިތުންނަށްޓަކައި ނަތީޖާ ނެރެދެއްވަން ވެސް އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ކުރިއަށް ދާން ޖެހޭނީ ހަގީގީ މާނައިގައި ރައްޔިތުންގެ އިހުސާސްތަކާއި އުންމީދުތައް ތަމްސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.